ފްރީޑައިވް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި "ނޭވާ 2" ހަރަކާތުގައި، މޫދު އަޑީގައި ނޭވާ ހިފަހައްޓައިގެން ތިބުމުގެ ރެކޯޑް ރާއްޖެއިން ހަދައިފިއެވެ.
މި ރެކޯޑް ރާއްޖެއިން ހަދާފައިވަނީ ރާއްޖޭގެ 12 ސަރަހައްދެއްގައި ޑައިވް ހަރަކާތެއް ކުރިއަށް ގެންގޮސް، 459 ޑައިވަރުން މޫދު އަޑީގައި ނޭވާ ހިފަހައްޓާލައިގެންނެވެ. އެގޮތުން މޫދު އަޑީގައި ޖުމްލަ 1 މިނެޓާއި 30 ސިކުންތު ކޮންމެ ޑައިވަރަކުވެސް ވަނީ، ހުރިހާ ޑައިވަރުން އެއްކޮށް ނޭވާ ހިފަހައްޓާލާފައެވެ.
މި އިވެންޓްގެ ރަސްމީ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މި ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އިވެންޓަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޓުއަރިޒަމްއާއި ފްރީޑައިވް މޯލްޑިވްސްއިން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މިހަރަކާތަކީ ސްޓެޓިކް އެޕްނިއާ ތަންފީޒު ކޮއްގެން ގްރޫޕް ޕާފޯމަންސެއްގެ ގޮތުގައި ދުނިޔޭގައި އައު ރެކޯޑެއް ހަދަން ކުރި މަސައްކަތެކެވެ. މިއީ ދުނިޔޭގައި ފުރުތަމަ ފަހަރަށް ސްޓެޓިކް އެޕްނިއާ ތަންފީޒު ކޮއްގެން ގްރޫޕް ޕާފޯމަންސެއްގެ ގޮތުގައި ކުރިޔައްދިޔަ ހަރަކާތެވެ.
ރެކޯޑް ބްރޭކިން މި މަސައްކަތަކީ އެއްފަހަރާ އެންމެ ގިނަ ބަޔަކު ސްޓެޓިކް އެޕްނިއާ ޕާފޯމް ކުރި ހަރަކާތަށެވެ.
މި ހަރަކާތުގެ ބައިވެރިންނަށް 4 ދުވަހާއި 5 ދުވަހުގެ ޓްރެއިންގް ޕްރޮގްރާމްތަކެއްވެސް ހިންގާފައިވެއެވެ. މި ޓްރެއިންގތަކަކީ ފްރީ ޑައިވިން އޮގަނައިޒޭޝަން އިން ގަބޫލު ކުރާ ޓްރެއިނިންގ ތަކެކެވެ.
ފުރަތަމަ ނޭވާ އިވެންޓް ބާއްވާފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު 521 ބައިވެރިންނާއެކު އެންމެ ގިނަ ފްރީޑައިވަރުން އެއްފަހަރާ ޑައިވްކުރި ގިނިސް ވޯލްޑް ރެކޯޑް މުގުރާލައިގެންނެވެ.