ހާއްސަ ހާލަތްތަކުގައި ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް މަޖުބޫރުވާގޮތަށް ތަސްދީގުކޮށްފައިވާ ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ އިސްލާހުގެ ދެލިކޮޕީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފިއެވެ.

ހެއްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގައި ޓެރަރިޒަމްގެ މައްސަލަތަކާއި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ މައްސަލަތަކުގައި މަސްދަރު ހާމަކުރުމަށް ކޯޓަކަށް ނޫސްވެރިންނަށް މަޖުބޫރު ކުރެވިދާނެއެވެ. އަދި، އެހާލަތުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކެއް މަދަނީ މިންގަނޑުން ސާބިތުވާނަމަ, މަސްދަރު ހާމަކުރުމަށް ނޫސްވެރިޔާއަށް މަޖުބޫރު ކުރެވޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އެމާއްދާ އާއިމެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާ ހިއްސާކުރުމުން، އެމަނިކުފާނު ވަނީ އެ މާއްދާ އިސްލާހުކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ހެއްކާބެހޭ ގާނޫނުގައި ހިމެނޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ މާއްދާ އިސްލާހުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ބިލު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ހެއްކާ ބެހޭ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ޖުލައި މަހުގެ 18 ވަނަ ދުވަހު ތަސްދީގުކުރެއްވީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް ގިނަ އަދަދެއްގެ ނޫސްވެރިންގެ ސޮޔާ އެކު ރައީސްއަށް ޕެޓިޝަނެއްވެސް ހުށަހަޅާފައިވަނިކޮށެވެ. އަދި، މޯލްޑިވްސް މީޑިއާ ކައުންސިލުން އެ ބިލް އަނބުރާ ފޮނުވާލެއްވުމަށް ރައީސް އަރިހުގައި ދަންނަވާފައި ވަނިކޮށެވެ.