އޮގަސްޓް މަހުގެ 6 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ފުލުހުންނަށް ތަހުގީގު މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ޝިއާއު މަރާލިކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ކްރައިމް ސީން އިން ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލް ނަމަކަށް ކިޔާ ޒުވާނަކު ހައްޔަރުކޮށްފައެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ޝިއާއު މަރާލާފައިވަނީ ވަރަށް އިހާނެތިކޮށް ނަމަވެސް، އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށާއި، ކުރަމުން އަންނަނީ އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް ކަމަށެވެ.
މިކަމާއި ގުޅިގެން "ވީނިއުސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ އޮފީހުން ބުނީ އެތަހުގީގު ކުރަން ފުލުހުންނަށް ތޫނު ހަތިޔާރު މަނާ ކުރުމުގެ ގާނޫނުގެ ދަށުން ލިބިގެންވާ މުއްދަތު ހަމަވުމުން، ފުލުހުންނަށް ތަހުގީގު ކުރުމަށް ލިބޭ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން މުއްދަތު ހަމަވުމުން ކޮންމެ 15 ދުވަހަކުން މުއްދަތު އިތުރުކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.
ދިވެހިރާއްޖޭގެގ ތޫނު ހަތިޔާރު މަނާކުރުމުގެ ގާނޫނުގެ ދަށުން މައްސަލަ ތަހުގީގުކޮށް ނިމުމުން ފުލުހުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވާތާ 15 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ދައުވާކޮށް މައްސަލަ ކޯޓަށް ހުށަހަޅަން ޖެހޭނެއެވެ.
ޝިއާއުގެ މަރަށް 2 މަސް ދުވަސް ވާން ގާތްވެފައި ވާއިރު، މިކަމާ ގުޅޭ މާގިނަ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވި ނަމަވެސް އޮޓޮޕްސީ ރިޕޯޓާ ގުޅޭ އެއްވެސް މައުލޫމާތެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ އެހާދިސާ އާއި ގުޅިގެން ހައްޔަރުކުރި ޝާހިލް ހައްޔަރުކުރި ވަގުތު ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި، މިހާތަނަށް އެއްވެސް ކަމަކަށް އޭނާ އިއުތިރާފްވެފައިނުވާ ކަމަށެވެ.