އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލޭގެ ވޯޓާ ތީމް ޕާކު ކައިރީގައި އޮންނަ ހުސް ބިމުން ފެނިފައިވަނީ، ހުސްވި ސެމްޕެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޒްހާންގެ ހަށިގަނޑަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، އަޒްހާން ހޯދުމަށް ފުލުހުން ހިންގާ އޮޕަރޭޝަންގައި މިއަދު 17:45 ހާއިރު، އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

އަޒްހާން ހޯދުމަށް މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައިރު، މިކަމާ ގުޅޭ މައުލޫމާތުތައް މީޑިއާ އާއި ހިއްސާކުރައްވަމުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ސުޕްރިޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ، އެ ސަރަހައްދުން ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑު ކުނި ވެފައި ކަމަށާއި ނަމަވެސް އެއީ އަޛުހާންގެ ހަށިގަނޑު ކަމަށް ވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އަދި ފުލުހުން އެސަރަހައްދު ބަލަން ފަށާފައިވަނީ އަޒްހާން ގެއްލުމާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން ލިބުނު ސީސީޓީވީ ފުޓޫޖްތަކާއި ލިބުނު މައުލޫމާތުތަކަށް ބަލައިގެން ކަމަށެވެ.

"މިސިންގ ޕާސަން އެއްގެ ކޭސްއެއް އަޅުގަނޑުމެންނަށް ހުށަހެޅުމާއި ގުޅިގެން އަޅުގަނޑުމެންގެ ފޭސް 2ގެ ޕޮލިސްގެ އިންވެސްޓިގޭޝަން އާއި ގުޅިގެން، ސޮކްޑީ (ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓް) އިން މަސައްކަތް ކުރަމުންދިޔައީ. ދިޔައިރުގައި އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތުތަކާއި، ސީސީޓީވީ ފުޓޭޖްތަކަށް ބަލާފައި އަޅުގަނޑުމެން ސާޗް ކުރަން ނިންމީ ވޯޓަރ ތީމް ޕާކުގެ ކުރިމަތީގައި މިއޮތް ހުސްބިން. ހުސްބިން ސާޗް ކުރިއިރުގައި އަޅުގަނޑުމެންނަށް ތަންކޮޅެއް ހައިލީ ޑިކޮމްޕޯސްޑް ސްޓޭޖެއްގައި އޮތް ބޮޑީއެއް ފެނިފައި ވަނީ. މިހާރު އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރުގައި، އަޅުގަނޑުމެންނަށް ލައިކްލީ މިއީ މުހައްމަދު އަޒްހާނުގެ ބޮޑީއަށް ވުމުގެ ޕޮސިބިލިޓީ ހަމަ ބޮޑީ".
ސުޕްރިޑެންޓް އޮފް ޕޮލިސް ހަސަން ސައީދު

މިއީ އަޒްހާން އެންމެފަހުން ފެނުނުކަމަށް ފުލުހުން މީގެކުރިން ހާމަކޮށްފައިވާ ސަރަހައްދާއި ވަރަށް ކައިރި ސަރަހައްދަކަށް ވާއިރު މި ސަރަހައްދު މީގެކުރިން ރަނގަޅަށް ނުބެލީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހަސަން ސައީދު ވިދާޅުވީ، މީގެކުރިންވެސް މިސަރަހައްދު ބެލި ކަމަށާއި، އެހެންނަމަވެސް ހަށިގަނޑު ފެނުނު ސަރަހައްދާވީފަޅި އޭރު ނުބަލާ ކަމަށެވެ. އަދި ހަށިގަނޑު ފެނުނު ސަރަހައްދު ބަލާފައިވަނީ ލިބުނު އިތުރު މައުލޫމާތުތަކުގެ އަލީގައިކަން އޭނާ ހާމަކުރެއްވިއެވެ.

ވޯޓަރ ތީމް ޕާކް ސަރަހައްދަކީ، އަޒްހާން އެންމެފަހުން ފެނުނުކަމަށް ފުލުހުން ހާމަކުރި "ރެޑްބުލް ދަނޑު" ސަރަހައްދާއި ދުރު ނޫން ހިސާބެކެވެ. ސައީދު ވިދާޅުވީ، އަޒްހާން ގެއްލުނު ސީދާ ސަރަހައްދެއް ނޭނގޭތީ، އަދި އެފަދަ މައުލޫމާތެއް ލިބިފައި ނުވާތީވެ، ފުލުހުން އޭރު ސީދާ ވަކި ސަރަހައްދަކަށް ޓާގެޓް ނުކުރާ ކަމަށެވެ.

ހަސަން ސައީދު އިތުރަށް ވިދާޅުވީ، މިއީ ތަހުގީގު ފުރަތަމަ މަރުހަލާ ކަމުން އެކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު މިވަގުތު ދިނުމަކީ އުނދަގޫ ކަމެއް ކަމަށާއި ހޯމަ ދުވަހުގެ އިރު އެރުމަށްފަހު އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ، ސީން ޕްރޮސެސްކޮށް އިތުރު މައުލޫމާތު ހިއްސާ ކުރެވޭވަރު ވާނެ ކަމަށެވެ.

މެރާކީ ކެފޭގައި ބަރިސްޓާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 27 އަހަރުގެ އަޒްހާން ދިރިއުޅެމުން އައީ ހިޔާ ޓަވަރުގެ ފްލެޓެއްގައި އާއިލާއާ އެކުގައެވެ. އޭނަ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.