މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ އަލީ ޞާލިޙް އަށް ހަމަލާދިން މީހާއަށް އަދަބުދީ، ޖަލަށް ލުމަކީ މަގްސަދު ނޫން ކަމަށާއި، ބޭނުންވަނީ އޭނާ އަކީ ފަރުވާ ހޯދަންޖެހޭ ވަރުގެ މީހެއްނަމަ، އެކަން އޭނާއަށް ކުރެވޭނެ މަގުފަހިކޮށްދީ އެކަން ކުރުމަށް ކަމަށް އަލީ ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަވަނިކޮށް ތޫނު އެއްޗަކުން އަލީ އަށް މީހަކު ހަމަލާ ދިނީ އަލީ އަކީ މި ސަރުކާރުގައި މަސައްކަތް ކުރާ މީހަކަށް ވުމުން ކަމަށް ބުނެއެވެ. އެމީހާ ވަނީ އަލީގެ އަތަށާއި ބުރަކަށްޓާއި ދިމާލުން ކަރުމައްޗަށް ކަހަލަ ގޮތަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައެވެ. އަލީ އަށް ހަމަލާ ދީފައިވަނީ ރ. މަޑުއްވަރީ މުހައްމަދު ޖަމީލު ނަމަކަށް ކިޔާ މީހެކެވެ.

މިކަން ހިނގުމުގެ ކުރިންވެސް މިމީހާގެ ފަރާތުން މިފަދަ އެތައް ކަމެއް ހިނގާފައިވެއެވެ. އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓެއްގެ ދޮރުމަތީގައި ހުރެގެން، އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެދޭނެ ފަދަ މޭރުމަކުން ވާހަކަދެއްކި މައްސަލައަކާއި، ދުވަސްވީ މީހެއްގެ ގައިގައި ސައިކަލަކުން ޖައްސާ އެ މުސްކުޅި މީހާއަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފައިވާ މައްސަލައެއްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވެއިރު ދާއިރާގެ މެމްބަރު އަލީ އާޒިމް ދިރިއުޅުއްވާ ގޭގެ ކުރިމަތީގައިވެސް، ހަޑިހުތުރުބަހުން ހަޅޭއްލަވާ، އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނާއި ކުރިމަތިލި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

އަދި މިމީހާ ވަނީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓު އަޙްމަދު މަޙްލޫފަށްވެސް ބިރު ދައްކާ އިންޒާރު ދީފައެވެ. މިކަން މިނިސްޓަރ މަހްލޫފް ވަނީ "ވީނިއުސް" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

އަދި އޭގެކުރިން މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ސަލްމާން މިސްކިތުގެ މިމްބަރަށް އަރާ އަޑުގަދަކުރި މައްސަލައެއްގައި މިމީހާ ވަނީ ހައްޔަރުވެސް ކޮށްފައެވެ. އެ މައްސަލައިގައި އެމީހާ ހައްޔަރުކުރިނަމަވެސް، އެއީ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހެއްކަމަށްބުނެ ފުލުހުން ވަނީ އޭނާ ދޫކޮށްލާ، އާއިލާ އާއި ހަވާލުކޮށްފައެވެ.

އަލީ އަށް ހަމަލާދިނުމާއި ގުޅިގެން ޖަމީލް ހައްޔަރުކުރި ފަހުން މިއަދާ ޖެހެންދެންވެސް އޭނާ ބަންދުގައި ހުރިއިރު ކޯޓުން ވަނީ އެކިފަހަރުމަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައެވެ.

އަދި ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ އަލީ ޞާލިޙަށް ހަމަލާދިން މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭގޮތުން ވީނިއުސް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަލީ ޞާލިޙް ވިދާޅުވީ، ޖަލަކީ ހައްލެއް ނޫން ކަމަށާއި، ޖަމީލް އަކީ ނަފްސާނީ ބަލިކަމެއް ހުންނަ މީހެއްކަން ކަށަވަރުވާނަމަ، އޭނާއަށް އެކަށީގެންވާ ފަރުވާދީ، ރަނގަޅު މީހަކަށް ހަދާ މުޖުތަމައުއަށް ނެރުން އެއީ އެންމެ ރަނގަޅުގޮތް ކަމަށެވެ.

"ޖަލަށް ލައިގެން މީގަ ލިބޭނެ މޮޅެއް ނެތް. މީގަ ވާގޮތަކީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް މިހަދާ ގޮތަކީ ކުށްވެރިވާ މީހާ ޖަލަށް ލަނީ. ޖަލަކީ ހައްލެއް ނޫން. ހައްލަކީ އޭނާ އަކީ ނަފްސާނީ ބަލިކަމެއް ހުރިމީހެއް ކަމުގައިވާނަމަ، އޭނާއަށް ލިބެންޖެހޭ ފަރުވާ ހޯދައިދީ، ރަނގަޅު މީހަކަށް ހަދާ މުޖުތަމައުއަށް ނެރުން. އެއީ މިފަދަ ކަންކަމާ ހަވާލުވެ ތިބި ފަރާތްތަކުގެ ޒިންމާއެއް".
އަލީ ޞާލިޙް

އެހެންނަމަވެސް އެފަދަ ހާލެއްގައި ހުއްޓައި އެމީހާ ރަށުތެރެއަށް ދޫކޮށްލެވިފައި ހުރެގެން ނުވާނެ ކަމަށާއި، ޖަލަށް ލުމުގެ ބަދަލުގައި އެމީހާ އަކީ ނަފްސާނީ މައްސަލައެއް ހުރިކަން ކަށަވަރުވެއްޖެނަމަ، އެކަމަށް ފަރުވާ ހޯދޭނެ ތަނަކަށް ގެންގޮސް ފަރުވާ ދިނުން މުހިންމުކަމަށް އަލީ ވިދާޅުވިއެވެ.

އަދި މަގްސަދަކީ އެމީހާ ޖަލަށް ލުން ނޫން ކަމަށާއި، ކުދިކުދި މައްސަލަތަކުގައިވެސް އެތައް ބަޔަކު މުޅި އުމުރު ޖަލުގައި ހޭދަކުރަން ޖެހިފައިވާއިރު، ޖަމީލް އަކީވެސް އާއިލާއެއް ބެލުމުގެ ޒިންމާ އާއި ހަވާލުވެ ރަނގަޅު ވަޒީފާއެއްގައި ހުރި މީހެއްކަމުން، އޭނާއަށް އެކަށީގެންވާ ފަރުވާއެއް ހޯދައިދީ، އޭނާގެ އާއިލާ ބެލުުމުގެ ޒިންމާއާއި ހަވާލުވެވޭނެ ފަދަ ހާލަތަކަށް އެމީހާ ގެނެސްދިނުމުގެ މުހިންމުކަން އަލީ ފާހަގަކުރެއްވިއެވެ.

"ވަރަށް ކުޑަކުޑަ ކުށްތަކުގަ، އެތައް އަހަރުތަކެއް ނޫނީ އުމުރު ހަމަވަންދެން މީހުން ޖަލުގަ ހޭދަކުރޭ އެބަ. އަނެއްކާވެސް ބުނެލަން ޖަލަކީ ހައްލެއް ނޫން. އެމީހާ އެނބުރި މުޖުތަމައުގެ ތެރެއަށް ރަނގަޅު މީހެއްގެ ގޮތުގައި އަދި ފަރުވާއެއް ލިބެންޖެހޭނަމަ އެ ފަރުވާއެއް ދީގެން ނެރެދިނުން ހައްލަކީ. އޭނާގެ ދަރިން އެބަތިބި. އެދަރިން ހެޔޮގޮތުގައި ބޮޑުކުރެވޭނީ އޭނާއަށްވެސް މަސައްކަތެއް ކޮށްގެން އާމްދަނީއެއް ލިބިގެން ކަމުގައިވާއިރު، އެފުރުސަތު އޭނާއަށް ދޭން ޖެހޭނެ. އެހާލަތުގައި ހުރެގެން އޭނާ ވަޒީފާ އަދާކޮށް މުޖުތަމައުގެ ތެރޭގައި އުޅޭނަމަ އޭނާގެ ފަރާތުން ބަޔަކަށް ނުރައްކަލެއް ނުވަތަ ބިރުވެރިކަމެއް ކުރިމަތިވާނަމަ އޭނާއަށް ލިބޭނީ ނަފްރަތު. އެހެންވީމަ އޭނާއަށްވެސް ލިބެންޖެހޭ ފަރުވާއެއް އޮތްނަމަ އެ ފުރުސަތު އޭނާއަށް ހޯދައިދީ ރަނގަޅު ގޮތެއްގަ އަލުން މުޖުތަމައުގެ ތެރެއަށް ނެރެދިނުން އެއީ އަޅުގަނޑުގެ ހަމައެކަނި އެދުމަކީ".
އަލީ ޞާލިޙް