ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައާއި ގުޅިގެން 19 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކުޓާ ޖެނެރެލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެން ދައުވާ ކުރި 19 މީހުންގެ ތެރޭގައި ޝައިހް ފަޒްލޫން މުހައްމަދާއި ޝެއިހް އާދަމް ނިޝާން ހިމެނޭއިރު، މި ދެ މީހުންގެ މައްޗަށްކޮށްފައިވަނީ ޓެރެރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ އެއިން ކޮންމެ ފަރާތެއްގެ މައްޗަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މީގެއިތުރުން ޓެރިޒަމްގެ އަމަލެއް ކުރި ކަމުގެ ތުހުމަތުގައި 7 މީހަކަށް ދައުވާ ކޮށްފައިވާއިރު، އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވެސް ހިމެނެއެވެ. މި ދައުވާ ސާބިތުވެއްޖެނަމަ އެއިން ކޮންމެ ފަރާތެއްގެ މައްޗަށް 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޓެރެރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ތުހުމަތުގައި އިތުރު 6 މީހެއްގެ މައްޗަށް ވަނީ ދައުވާ ކޮއްފައެވެ. މި ދައުވާ ސާބިތުވެއްޖެނަމަ އެއިން ކޮންމެ ފަރާތެއްގެ މައްޗަށް 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މީގެއިތުރުން ހުށައެޅި ދައުވާތަކުގެ ތެރޭގައި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާއާއި، ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއާއި، ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާއާއި، ޤާނޫނު ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ދައުވާގެ އިތުރުން ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ ހިމެނެއެވެ.

ޤާނޫނު ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ދައުވާ ވަނީ 15 ފަރާތެއްގެ މައްޗަށްކޮށްފިއެވެ.

ރާއްޖޭގެ ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ޔޯގާއަކީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ކަމެކެވެ. އަދި އެކަމަކީ ޝިރުކުގެ އަމަލެއްކަމަށް މި ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ އަދާލަތު ޕާޓީންވެސް ވަނީ ބުނެފައެވެ.

އިންޑިއާ ހައިކޮމިޝަނާއި ސަރުކާރުން ގުޅިގެން ބޭއްވި ޔޯގާ ހަރަކާތަށް ހުރަސްއެޅުމުން އެ ކަމުގައި ބައިވެރިވި ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުއަޅައި ދިގު މުއްދަތަކަށް އެ ފަރާތްތަށް ޖަލަށްލުމަށް އިންޑިއާއިން ވަނީ ދިވެހި ސަރުކާރަށް އެދިފައިވެއެވެ.