އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް)ގެ މަތީ އަރުތަވެރިންގެ ކާމިޔާބީ އެ ސްކޫލުން ފާހަގަކޮށްފިއެވެ.

މިކަމަށްޓަކައި އެސްކޫލުން ބޭއްވި ހަފުލާއެއްގައި 35 ވަނަ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތުން މަތީ ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި ސާނަވީ އަދި މަތީސާނަވީ އިމްތިހާނުތަކުން ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ އަގު ވަޒަންކޮށް ޢިނާމާއި ހަނދާނީ ލިޔުން ދީފައި ވެއެވެ.

35ވަނަ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތުން މަތީ ވަނަތައް ހޯދާފައިވާ އެސްކޫލްގެ ދަރިވަރުންނަކީ އެމުބާރާތުގެ ދަށު ސާނަވީގެ ބައިން ގަދަ ދިހައެއްގެ 2 ވަނަ ހާސިލުކުރި މުއައްޔަދު މަބާހު މުޙައްމަދު އަދި ގަދަ ދިހައެއްގެ 3 ވަނަ ހާސިލުކުރި ނަމީރާ އަހުމަދު ސައީދުއެވެ.

އެމުބާރާތުގައި ސާނަވީ އުމުރުފުރައިން މަދަރުސާތަކުގެ ބައިން 3 ވަނަ ހޯދި މަދަރުސާއަކީ އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއެވެ. އެސްކޫލަށް މި ރީތި ނަން ހޯދައިދިނުމުގައި ޝާމިލުވި ދަރިވަރުންނަކީ އައިޝަތު ޝަފްޤާ، ރަމްޝާ އަބްދުއްރައްޒާޤް، މުހައްނަދު ނަބާހު މުޙައްމަދު، އަހުމަދު އަޒުހަދު އަލީ ރަޝީދު، އަހުމަދު ޒައުލްއެވެ. އެދަރިވަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޑެޕިއުޓީ ޕްރިންސިޕަލް އައިޝަތު އަޒުމާއެވެ.

މީގެ އިތުރުން، މިހަފުލާގައި ވަނީ އެސްކޫލުން ސާނަވީ އަދި މަތީސާނަވީ އިމްތިހާނުތަކުން ވަކިވަކި މާއްދާއިން އޭ ފާސް ހޯދި ދަރިވަރުންނަށް ވެސް ހަނދާނީ ލިޔުމާއި ޓްރޮފީ ދީފައެވެ. އެދަރިވަރުންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ ދެއްވާފައި ވަނީ ސްކޫލްގެ ޕަރިންސިޕަލް މުހައްމަދު ޝުޖާއު އަބަދުއް ރަހީމްއެވެ.

ހަމަމިއާއެކު އެސްކޫލުން ސާނަވީ އަދި މަތީސާނަވީ އިމްތިހާނުތަކުން ވަކިވަކި މާއްދާއިން އޭ ސްޓާރ ހޯދި ދަރިވަރުންނަށް ވެސް ވަނީ ހަނދާނީ ލިޔުމާއި ޓްރޮފީ ދީފައެވެ. މިދަރިވަރުންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ ދެއްވާފައި ވަނީ އެހަފުލާގެ ޝަރަފުވެރި މެހެމާން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެޝަރ ޑރ. ޢަލީ ޝަމީމްއެވެ.

މިހަފުލާގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ޕްރޮފެޝަރ ޑރ. ޢަލީ ޝަމީމް ވަނީ ދި ސައިންސް އޮފް ސެލްފް ލާނިން ފޮތުގައި ހުރި ކަންކަމުގެ މައްޗަށް އަލިއަޅުއްވާލާފައެވެ. އަސާސީ ތައުލީމާއި ތަރުބިއްޔަތުގެ މުހިންމުކަން ކުދިންނަށް ބުނެދެއްވައި، ތައުލީމު ހޯދުމުގައި ކުރިއަރައި ދިއުމަށް ދަރިވަރުންގެ ކިބައިން ޑރ. ޢަލީ ޝަމީމް އެދިވަޑައިގަތެވެ. އަދި އަމިއްލަ ނަފުސު ކުރިއެރުވުމާއި އަމިއްލަ އަށް ކަންކަން ކުރުމުގައި އިސްނެގުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެފައެވެ.

ހަމައެހެންމެ، ކުށުކެ ވެއްޓަށް ނުދިޔުމަށް ހުރިހާ ކުދިން ވެސް އަހުދުކަށަވަރު ހިފުމަށް އެގޮތަށް އަޒުމުކަނޑައަޅައިގެން ކުރިއަށް ދިޔުމަށް ވަަނީ އެދިފައެވެ.