ހާލުގައި ޖެހިފައިވާ ޕާކިސްތާނުގެ އަހުންނާއި އިހުތުންނަށް އެހީވުމަށް މާލޭ ސަރަހައްދުގައި ރާއްޖޭގެ ސްކައުޓް ޖަމްއިއްޔާއިން ފަންޑްރެއިޒިން ހަރަކާތެއް ހިންގައިފިއެވެ.

އްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނާއި، ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން އިސްނަގައިގެން، ހޮނިހިރު ދުވަހު ފެށި "ހެލްޕް ޕާކިސްތާން" ހަރަކާތަށް އެއްބާރުލުން ދިނުމުގެ ގޮތުން މިއަދު، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި ގިނަ އަދަދެއްގެ ސްކައުޓުން ބައިވެރިވިއެވެ.

މީގެ ތެރޭގައި މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ސްކައުޓް ގްރޫޕްތަކުގެ ސްކައުޓުންނާއި ރޯވާ ސްކައުޓުން، ސްކައުޓް ލީޑަރުން ހިމެނެއެވެ.

ސްކައުޓުން ވަނީ މާލޭގައި އާންމުކޮށް މީހުން އެއްވާ ސަރަހައްދުތަކަށް ގޮސް ފަންޑުފޮށްޓަށް ދީލަތި އެތައް ބައެއްގެ އަތުން ފައިސާ ޖަމާކޮށްފައެވެ.

ޕާކިސްތާނަށް އެޙީވުމަށް ކުރިއަށް ގެންދިޔަ ހަރަކާތް --- ފޮޓޯ: މިފްޒާލް/ ވީނިއުސް

ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން އިސްވެ، ރާއްޖޭގެ މީޑިއާތަކާ ގުޅިގެން ހޮނިހިރު ދުވަހު ވަނީ "ހެލްޕް ޕާކިސްތާން"ގެ ނަމުގައި ޓެލެތޯނެއް ހިންގާފައެވެ. މި ޓެލެތޯނުން 2.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ އެއްކޮށްފައެވެ.

ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން ދަންވަރު 12:00 ވަންދެން ކުރިއަށް ގެންދިޔަ މިޓެލެތޯންގައި ވަނީ ޕާކިސްތާނަށް އެހީވުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑު ފޮށި ބަހައްޓާފައެވެ. މީގެ އިތުރުން ކޮންމެ ތާކު ހުރެގެން ވެސް މިކަމުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ފަހިކޮށްދިނުމަށް ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ބީއެމްއެލް ރުފިޔާ އަދި ޑޮލަރު އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. އަދި، ދިރާގު-ޕޭ އަދި އުރީދޫ އެމް-ފައިސާ މެދުވެރިކޮށްވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވެއެވެ.

ޖޫން މަހުން ފެށިގެން ޕާކިސްތާނުގެ އެކި ހިސާބުތަކަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ކުރިމަތިވި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 1500އާ ގާތްކުރާއިރު، ހުއްޓުމެއް ނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޕާކިސްތާނުގެ ގިނަ ހިސާބުތަކެއް ވަނީ ފެން ބޮޑުވެފައެވެ.

މޫސުމީ ވިއްސާރައިގެ އަސަރު 33 މިލިޔަން މީހުންނަށް ކޮށްފައިވާ ކަމަށް އެ ޤައުމުގެ މޫސުމީ ބަދަލުތަކާ ބެހޭ ވަޒީރު ޝެރީ ރަޙުމާން ވިދާޅުވެފަވާއިރު، އެއީ އެ ޤައުމުގެ އާބާދީގެ 15 އިންސައްތައެވެ.

މި އަހަރުގެ ވިއްސާރަ މޫސުގައި ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާތަކުގައި 400,000 އަށްވުރެ ގިނަ ގެޔަކަށް ގެއްލުން ލިބި، 7 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ނެތި، މަގުމަތިވެފައެވެ. އޭގެ ތެރެއިން ގިނަ މީހުން މިހާރު ދިރިއުޅެމުން ދަނީ ވަގުތީ ހިޔާތަކުގައެވެ.

މޫސުމީ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ޕާކިސްތާނުގެ ދެކުނުގެ ސަރަޙައްދަށް ކަމަށް ވާއިރު، މީގެ ތެރެއިން ވެސް، އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ސިންދު ޕުރޮވިންސަށެވެ.

ވިއްސާރަ މޫސުމުގައި އާންމުކޮށް އެ ޕުރޮވިންސަށް ވާރޭވެހޭ މިންވަރަށް ވުރެ 8 ގުނަ އިތުރަށް މި އަހަރުގެ ވިއްސާރަ މޫސުމުގައި ވާރޭ ވެހިފައިވާ ކަމަށް ޕާކިސްތާންގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.