2800 އަށްވުރެ ގިނަ ދަރިވަރުންނާއެކު 2022 ވަނަ އަހަރުގެ އޮކްޓޯބަރ/ ނޮވެމްބަރ އިންޓޭކްގެ އޭލެވެލް އިމްތިޙާނު މިއަދު ފަށައިފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި މިއިމްތިޙާނުގައި ރާއްޖޭގެ 40 މަރުކަޒަކުން ދަރިވަރުން ބައިވެރިވެފައި ވެއެވެ. އަދި އިމްތިޙާނުގައި ޖުމްލަ 2849 ދަރިވަރުން ވަނީ ބައިވެރިވެފައެެވެ.

މީގެ ތެރެއިން 2785 ދަރިވަރުން އިމްތިޙާން ހަދަނީ އެޑެކްސެލް އޭލެވެލްގެ މާއްދާތަކުންނެވެ. އަދި 1299 ދަރިވަރުން އެޗްއެސްސީ އިމްތިޙާން ފުރިހަމަކުރާނެއެވެ.

މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނުތައް ނިމޭނީ އަންނަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީގެ ކުރިން މެއި/ޖޫންގައި ބާއްވަމުން އައި އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ތާވަލަށް ބަދަލުގެނެސް، މިއަހަރު ވަނީ އޭޕްރީލް މަހަށް ބަދަލުކޮށްފައެވެ.

އޭގެ ސަބަބުން ވަގުތު ކުޑަތަންވެފައިވުމުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މެއި/ ޖޫންގައި އެޑެކްސެލް އިމްތިޙާނުގައި ބައިވެރިވުމަށް އޭރު ހުށައަޅާފައިވާ ދަރިވަރުންނަށް ނަން އަނބުރާ ނެގުމަށްފަހު އޮކްޓޯބަރ/ ނޮވެމްބަރުގައި ކުރިއަށްދާ އެޑެކްސެލް އިމްތިޙާނުގައި އެދަރިވަރެއްގެ ސްކޫލުން ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

މިއަހަރަށް ފަހު އެޑެކްސެލް އިންޓަރނޭޝަނަލް އޭއެސް އަދި އޭލެވެލް އިމްތިހާނުގެ ބަދަލުގައި ކޭމްބްރިޖް އިންޓަރނޭޝަނަލް އޭ-އެސް އަދި އޭ-ލެވެލް އިމްތިހާނު ދިނުމަށް އެޑިއުކޭޝަނުން ވަނީ ނިންމައިފައެވެ.

އެޑެކްސެލް އިންޓަރނޭޝަނަލް އޭ-އެސް އަދި އޭ-ލެވެލް އިމްތިޙާނުގެ ބަދަލުގައި ކޭމްބްރިޖް އިންޓަރނޭޝަނަލް އޭ-އެސް އަދި އޭ-ލެވެލް އިމްތިހާނު ދިނުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލް އިމްތިހާނު ބާއްވާނެ ކަމަށެވެ.

2024 ވަނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ކޭމްބްރިޖް އިންޓަރނޭޝަނަލް އޭ-އެސް ލެވެލް އިމްތިހާނު ބާއްވާނެ ކަމަށާއި 2024- 2025 ވަނަ އަހަރުގެ ދިރާސީ އަހަރު ކޭމްބްރިޖް އިންޓަރނޭޝަނަލް އޭ-ލެވެލަށް ކިޔަވައިދޭން ފަށާނެ ކަމަށްވެސް މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.

މީގެ އިތުރުން ކޭމްބްރިޖް އިންޓަނޭޝަނަލް އޭލެވެލް އިމްތިހާނު ބާއްވާނީ 2025 އަހަރުގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

މިބަދަލާ ގުޅިގެން މިހާރު މަތީ ސާނަވީއަށް ކިޔަވަމުންގެންދާ އަދި މިއަހަރު މަތީ ސާނަވީގެ ގްރޭޑް 11ގައި ކިޔެވުން ފަށާ ދަރިވަރުންގެ އިމްތިހާނުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.