ގެއްލިގެން ހޯދަމުން ދިޔަ މުހައްމަދު އަޒުހާން ހޯދުމަށް ކުރިޔަށް ގެންދާ ތަޙުޤީޤާ މެދު އުފެދޭ ސުވާލުތަކަށް ޖަވާބުދާރީވުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ސަރުކާރުގެ މުއައައްސަސާތަކަށް ގޮވާލައިފިއެވެ.

އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލޭގެ ވޯޓާ ތީމް ޕާކު ކައިރީގައި އޮންނަ ހުސް ބިމުން ފެނިފައިވަނީ، އަޒްހާންގެ ހަށިގަނޑަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއާއެކު، އަޒްހާން ހޯދުމަށް ފުލުހުން ހިންގި ތަހުގީގާއި މެދު ގިނަ ބަޔަކު އަންނަނީ ސުވާލުއުފައްދަމުންނެވެ.

މިކަމާއި ގުޅިގެން އެމްއާރްއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަޒްހާންގެ މަރުގެ މައްސަލަ ފުލުހުން ތަގުގީގުކުރަމުން އަންނައިރު، އޭނަ ހޯދުމަށް ފުލުހުން ހިންގި ތަހުގީގާއި މެދު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް އުފެދިފައިވާކަމަށެވެ. އެގޮތުން އަޒްހާން ގެއްލިގެން ރިޕޯޓްކުރުމުން، އޭނަ ހޯދުމަށް ފުލުހުން އެ ސަރަހަށްދު ރަނގަޅަށް ބަލައި ފާސްކުރިތޯއާއި، އަޒްހާންގެ ހަށިގަނޑު ފެނުނީ އޭނަ ދިރިހުއްޓާއި އެންމެ ފަހުން ފެނިފައިވާ ސަރަހަށްދާއި ކިހައި ކައިރި ސަރަހަށްދަކުންތޯއާއި، އަދި ހަށިގަނޑު ފެނިފައިވާ ސަރަހަށްދު ފުލުހުން އެންމެ ފުރަތަމަ ހޯދީ ކޮން ދުވަހަކުތޯ ސުވާލު އުފެދިފައިވާކަން ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އެހެންކަމުން މި މައްސަލައިގެ ތަހުގީގު ފުލުހުން ހިންގާފައިވަނީ އެންމެ ފުރިހަމައަށްތޯ ބަލައި ދިނުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ފުލުހުންގެ ބޯޑަށް އެމްއާރްއެމްއިން ވަނީ ގޮވާލާފައެެވެ.

މިމައްސަލާގައި ފުލުހުން އެންމެ ފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު، ހުޅުމާލޭގެ ވޯޓާ ތީމް ޕާކު ކައިރީގައި އޮންނަ ހުސް ބިމުން ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނި ވެފައެވެ. ނަމަވެސް އެއީ އަޒްހާންގެ ހަށިގަނޑު ކަމަށް ވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ފުލުުހުން ވަނީ ބުނެފައެވެ.

އަދި ފުލުހުން އެސަރަހައްދު ބަލަން ފަށާފައިވަނީ އަޒްހާން ގެއްލުމާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން ލިބުނު ސީސީޓީވީ ފުޓޫޖްތަކާއި ލިބުނު މައުލޫމާތުތަކަށް ބަލައިގެން ކަމަށް ބުނެފައިވެއެވެ. އަދި މީގެކުރިންވެސް އެސަރަހައްދު ބެލި ކަމަށާއި، އެހެންނަމަވެސް ހަށިގަނޑު ފެނުނު ސަރަހައްދާވީފަޅި އޭރު ނުބަލާ ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.

މެރާކީ ކެފޭގައި ބަރިސްޓާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 27 އަހަރުގެ އަޒްހާން ދިރިއުޅެމުން އައީ ހިޔާ ޓަވަރުގެ ފްލެޓެއްގައި އާއިލާއާ އެކުގައެވެ. އޭނަ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.