ހުޅުމާލޭން ގެއްލިގެން ހޯދަމުންދިޔަ މުހައްމަދު އަޒްހާން މަރާލާފައިވާކަމަށް ބެލެވޭނެ އެއްވެސް އެއްކެއް ނުވަތަގަރީނާއެއް މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް އަދި ލިބިފައި ނުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

އަޒްހާން ހޯދުމަށް ފުލުހުން ކުރިޔަށްގެންދިޔަ ތަހުގީގަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި، ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ ހަށިގަނޑެއް ފެނުނު ހިސާބުން ފެށިގެން، މި މައްސަލައަކީ ގެއްލިގެން ހޯދަމުންދާ މީހެއްގެ މައްސަލައަކުން މަރުގެ މައްސަލައަކަށް ތަހުގީގު ބަދަލުކޮށް، ތަހުގީގު ފަށާފައިވާކަމަށެވެ.

މީގެއިތުރުން ހަށިގަނޑުގެ އިތުރު ތަހުލީލުތައް ހެދުމަށްޓަކައި ރާއްޖޭން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން މިހާރު ކުރަމުންދާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ބަޔާނުގައި ބުނެފައިވަނީ، އަޒްހާނުގެ ފޯނު މިހާރު ހޯދިފައިވާކަމަށާއި، އަދި އަޒްހާން މަރާލާފައިވާކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ތަހުގީގަށް އަދި ލިބިފައި ނުވާކަމަށެވެ.

އަޒްހާން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދިޔައިރު، ތަހުގީގުގައި ކުރަމުންދިޔަ މަސައްކަތްތައް ކޮންމެ ދުވަހަކުވެސް، އޭނަގެ އާއިލާއާއި ހިއްސާކުރަމުންދިޔަކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލޭގެ ވޯޓާ ތީމް ޕާކު ކައިރީގައި އޮންނަ ހުސް ބިމުން ފެނިފައިވަނީ، އަޒްހާންގެ ހަށިގަނޑަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއާއެކު، އަޒްހާން ހޯދުމަށް ފުލުހުން ހިންގި ތަހުގީގާއި މެދު ގިނަ ބަޔަކު އަންނަނީ ސުވާލުއުފައްދަމުންނެވެ.

މިމައްސަލާގައި ފުލުހުން އާންމުކުރި މައުލޫމާތަށް ބަލާއިރު، ހުޅުމާލޭގެ ވޯޓާ ތީމް ޕާކު ކައިރީގައި އޮންނަ ހުސް ބިމުން ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނި ވެފައެވެ. ނަމަވެސް އެއީ އަޒްހާންގެ ހަށިގަނޑު ކަމަށް ވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ފުލުުހުން ވަނީ ބުނެފައެވެ.

އަދި ފުލުހުން އެސަރަހައްދު ބަލަން ފަށާފައިވަނީ އަޒްހާން ގެއްލުމާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން ލިބުނު ސީސީޓީވީ ފުޓޫޖްތަކާއި ލިބުނު މައުލޫމާތުތަކަށް ބަލައިގެން ކަމަށް ބުނެފައިވެއެވެ. އަދި މީގެކުރިންވެސް އެސަރަހައްދު ބެލި ކަމަށާއި، އެހެންނަމަވެސް ހަށިގަނޑު ފެނުނު ސަރަހައްދާވީފަޅި އޭރު ނުބަލާ ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.

މެރާކީ ކެފޭގައި ބަރިސްޓާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 27 އަހަރުގެ އަޒްހާން ދިރިއުޅެމުން އައީ ހިޔާ ޓަވަރުގެ ފްލެޓެއްގައި އާއިލާއާ އެކުގައެވެ. އޭނަ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.