ކަޒަކިސްތާނާއި ރާއްޖެއާ ދެމެދު ޝެޑިއުލް ވައިގެ ދަތުރުތައް ކުރުމުގެ ހުއްދަ ދިނުމާއި، އެ ހިދުމަތްތައް ފަސޭހަކުރުމުގެ އެމްއޯޔޫގައި ސޮއްއިކޮއްފިއެވެ.

މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ. އަދި ކަޒަކިސްތާންގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޓްރާންސްޕޯޓް އެންޑް އިންފްރަރސްޓްރަކްޗަލް ޑިވެލޮޕްމަންޓްގެ ސިވިލް އޭވިއޭޝަން ކޮމިޓީގެ ޗެއަރމަން ތަލްގަތްލަސްޓާޔެވްއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން ރާއްޖެ އަދި ކަޒަކިސްތާނުން ކަނޑައަޅާ އެއާލައިންތަކުން ކޯޑް-ޝެއާގެ ހިދުމަތް އޮޕަރޭޓް ކުރެވޭނެ ކަމަށެވެ.

ކަޒަކިސްތާނާއި ރާއްޖެއާ ދެމެދު ފުރަތަމަ ޝެޑިއުލް ދަތުރުތައް ބާއްވަން ފެށީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

މި ދަތުރުތައް ފެށިއިރު ރާއްޖެއާއި ކަޒަކިސްތާނާ ދެމެދު ބާއްވާފައިވަނީ ހަފްތާއަކު ދެ ދަތުރެވެ.

ނަމަވެސް ކޮވިޑް-19ގެ ހާލަތާ ގުޅިގެން ކަޒަކިސްތާނާ ރާއްޖެއާ ދެމެދު ބޭއްވި ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.