އުންމީދަކީ، ރައްކާތެރި ސައިބަރ ވެއްޓަކަށް ބޭނުންވާ ޤާނޫނީ ފްރޭމްވޯކް ޤާއިމްކުރުންކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަން، ކްލައިމެޓް ޗޭންގް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ "ސައިބާ ސޭފް މޯލްޑިވްސް" އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަ ދައްކަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރު ހިންގުމުގެ ވައްޓަފާޅި ބަދަލުވެ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުން ކަމަށެވެ. އަދި ހާއްސަކޮށް ކޮވިޑް-19 ގެ އާލަމީ ވަބާގައި ދައުލަތުގެ ހިންގުމުގެ ނިޒާމްތައް ނުހުއްޓި ކުރިއަށްދިޔުމުގައި އިންޓަނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީގެ މުހިންމުކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

މިފަދަ މުހިންމު އިޖްތިމާއީ، އަދި އެހެނިހެން ޚިދުމަތްތައް ޑިޖިޓަލް ވަމުންދާއިރު، ސައިބަރ ސްޕޭސްގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، އެކަށީގެންވާ މަސައްކަތްތައް ޤައުމީފެންވަރެއްގަ ކުރުމަށް މިއަދު މަޖުބޫރުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވެއެވެ.

މީގެއިތުރުން، ޑޭޓާ ބްރީޗްގެ މައްސަލަތައް އާންމުވަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މިފަދަ ސައިބަރ މައްސަލަތައް މަދުކުރުމަށް، އިސްނަގައިގެން މަސައްކަތްކޮށް، ސައިބަރ ވެއްޓާ، އިޖްތިމާއީ އަދި އިޤްތިޞާދީ ޚިދުމަތް ދިނުމަށް ޤާއިމްކުރެވިފައިވާ، ކްރިޓިކަލް އިންފޮމޭޝަން އިންފްރަސްޓްރަކްޗާ، ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުމަށް މިއަދު މަޖުބޫރުވެފައިވާ ކަމަށެވެ.

އަޅުގަނޑުމެންގެ އިޤްތިޞާދަށް، ދުވަހުން ދުވަހަށް ޑިޖިޓަލް ޓެކްނޯލޮޖީ މުހިންމު ވަމުންދާއިރު، އިންޓަރނެޓާ ސައިބަރ ވެއްޓާ ގުޅިގެން ދިމާވާ އިޖްތިމާއީ މައްސަލަތައް، މިއަދު ގިނަކަން ހަނދާންކުރަންޖެހޭ. ކްރިޓިކަލް އިންފޮމޭޝަން އިންފްރަސްޓްރަކްޗާ، ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް މިއަދުވަނީ ކޮންމެހެން ޤާއިމްކުރަން ޖެހިފަ. ރައްޔިތުން، ޑިޖިޓަލް ޚިދުމަތްތަކަށް ބަރޯސާވާވަރު އިތުރުވަމުންދާ ސްޕީޑްގައި، ޑިޖިޓަލް ޚިދުމަތްތަކާ އިންޓަނެޓަކީވެސް ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރެވިފަވާ، ރައްޔިތުންނަށް ފުރުސަތު އިތުރުކޮށްދޭ ތަނަކަށް ހެދޭނެގޮތް މިއަދު ބަލަންޖެހޭ.
މިނިސްޓަރ އޮފް އެންވަޔަރަމަން، ކްލައިމެޓް ޗޭންގް އެންޑް ޓެކްނޮލޮގީ އާމިނަތު ޝައުނާ

މިފަދަ ހައްސާސް ކަންތައްތަކާއެކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެމަނިކުފާނުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި، ނޭޝަނަލް ރެސިލިއަންސް އެންޑް ރިކަވަރީ ޕްލޭނަށް ރިއާޔަތްކޮށް، ޑިޖިޓަލް އެކްޝަންޕްލޭނެއް އެކުލަވާލާފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވޮއެވެ.

މި އެކްޝަން ޕްލޭންގެ މަގްސަދަކީ، މި ދައުރުގެ ތެރޭގަ މިދެންނެވިފަދަ ޑިޖިޓަލް ތަރައްޤީއަށް، އަދި ރައްކާތެރި ސައިބަރ ވެއްޓަކަށް، ކޮންމެހެން ބޭނުންވާ މުހިންމު ބިންގާތައް އަޅާ، ޑިޖިޓަލް ތަރައްޤީގެ ދުވެލި، ޖަޒީރާ ރާއްޖެއަކާ ދިމާލަށް ހަލުވިކަމާއެކު މިސްރާބު ޖެހުން.
މިނިސްޓަރ އޮފް އެންވަޔަރަމަން، ކްލައިމެޓް ޗޭންގް އެންޑް ޓެކްނޮލޮގީ އާމިނަތު ޝައުނާ

ސައިބަރ ސެކިއުރިޓީއަކީ ކޮންމެ ފަރުދަކަށް މިހާރުން މިހާރަށް ބޭނުންވެފަވާ ޚިދުމަތެއްކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ، ގައުމީ ސައިބަރ ސެކިއުރިޓީ އޭޖެންސީއެއް ޤާއިމްކުރެވި، ސައިބަރވެށީގެ ރައްކާތެރިކަން ބަލަހައްޓާ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރެއް ގާއިމްވާން ޖެހޭ ކަމަށެވެ.

ހަމަ މިއާއެކު އަޅުގަނޑުމެންގެ ޒާތީ މައުލޫމާތު، އެއީ ޑިޖިޓަލް ވެށީގަވެސް ރައްކާތެރިކަން ލިބިފަވާ އެއްޗަކަށް ހަދާ، ޕްރައިވެސީ އަގުކުރާ މުޖްތަމައަކަށް އަޅުގަނޑުމެން ބަދަލުވާން އެބަޖެހޭ. ޕްރައިވެސީ އެންޑް ޑޭޓާ ޕްރޮޓެކްޝަންގެ ގާނޫނެއް ވުޖޫދުކޮށް، އަޅުގަނޑުމެންގެ މައުލޫމާތުގެ މައްޗަށް އަޅުގަނޑުމެންނަށް އޮތް ހައްގުތައް ކަށަވަރުކޮށް، އެމައުލޫމާތު ބޭނުންކުރެވޭނެ ގޮތްތަކާ، ރައްކާކުރެވޭނެ މިންގަނޑުތަކާ، އެމައުލޫމާތުގެ ސައްޚަކަން ކަށާވަރުކުރުމާ، މައުލޫމާތު ނައްތާލުމާ، އަދި އެއްފަރާތުން އަނެއްފަރާތައް މައުލޫމާތު ފޯރުކޮށްދިނުމުގެ މިންގަނޑުތައް މިއަދު ކަށަވަރުކުރަން އެބަޖެހޭ.
ނިސްޓަރ އޮފް އެންވަޔަރަމަން، ކްލައިމެޓް ޗޭންގް އެންޑް ޓެކްނޮލޮގީ އާމިނަތު ޝައުނާ

މިނިސްޓަރ ވިދާޅުވީ، ސައިބަރ ވެށީގަ މުއާމަލާތުކުރުމުގަ ކުރެވޭނެ ކަންތައްތަކާ، ކުރަން ރަނގަޅު ނޫންކަންތައް ފާހަގަކޮށް، ސައިބަރ ކުށަކީ ކޮބައިކަން ކަނޑައަޅަންޖެހޭ ކަމަށެވެ. މިގޮތުން ބައިނަލްއަޤްވާމީ މިންގަޑުތަކަށް ރިއާޔަތްކޮށް، ސައިބަރ ކްރައިމްގެ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް މިސަރުކާރުން ކުރާކަންވެސް މިނިސްޓަރ ފާހަގަކުރައްވައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ނޭޝަނަލް ސައިބަރ ސެކިއުރިޓީގެ ޤާނޫނާއި، ޕްރައިވެސީ އެންޑް ޑޭޓާ ޕްރޮޓެކްޝަންގެ ޤާނޫނާއި، އަދި ސައިބަރ ކްރައިމްގެ ޤާނޫނުތައް ވީއެންމެ އަވަސް ފުރުސަތެއްގަ މަޖިލީހަށް ހުށަހަޅާ، ރައްކާތެރި ސައިބަރ ވެއްޓަކަށް ބޭނުންވާ ޤާނޫނީ ފްރޭމްވޯކެއް ޤާއިމްކުރެވޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މިނިސްޓަރ ވަނީ މިއަދު އިފްތިތާހްކުރި ޕްރޮގްރާމަކީ، އެންމެން ގުޅިގެން އެޅޭ މުހިންމު ބިންގަލެއްކަން ފާހަގަ ކުރައްވާ، މިކެންޕެއިނުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.