ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ވަކިކުރުމަށް މަޖިލީހުގެ ތެރެއިން ކުރި މަސައްކަތުން ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް ސޮއިކުރެއްވީ އެންމެ 12 މެމްބަރުން ކަމަށް، އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، ހުޅުމާލޭގައި ގޮތްނޭނގޭ ގޮތަކަށް މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ މަރުގެ ތަހުގީގު ހަލުވިކުރުމަށާއި ގެއްލޭ މީހުން ހޯދުމުގައި ފުލުހުންގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރުމަށާއި ގޮތްނޭނގޭ މަރުތައް އިތުރުވަމުންދާ މައްސަލަ ހައްލުކުރުމަށް ސަރުކާރަށް ގޮވާލާ، މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ.

މެމްބަރު ޝިޔާމް ވިދާޅުވީ، މިފަދަ މައްސަލަތަކުގައި ކަމާބެހޭ މުއައްސަސާތަކުންނާއި ސަރުކާރުންވެސް އިހުމާލުވަމުންދާތަން ފެންނަމުންދާ ކަމަށާއި، މި އިހުމާލަށް ބާރުއަޅަމުންދާތަން މަޖިލީހުންވެސް ފެނިގެން ހިނގައްޖެ ކަމަށެވެ. މި ކުއްލި މައްސަލަ ބަލައިގަންނަން މަޖިލީހުން ނެގި ވޯޓުން އެކަން ވަރަށް ރަނގަޅަށް ފެނިގެން ހިނގައްޖެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

މީގެކުރިން ހިނގާފައި ހުރި މިފަދަ ގޮތްނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަންވެސް ދިޔައީ ފެއިލް ވެގެން ކަމަށާއި، މިފަދަ ކަންތައްތަކުގައި ރައްޔިތުންގެ މަޖިލީހުން އަދާކުރަންޖެހޭ ޒިންމާވެސް އަދާ ނުކުރެވޭ ކަމަށް އަދި ރައީސް ނަޝީދުވެސް މިހާރު "ކޮމްޕްރޮމައިޒް" ވެފަ އިންނަހެން ހީވާކަމަށް މެމްބަރު ޝިޔާމް ވިދާޅުވިއެވެ.

"ޑރ. އަފްރާޝީމްގެ ވާހަކަދައްކާއިރު، މަރު ކޮމިޝަން އެދިޔައީ ބަނޑުފުރާ ގޮހޮރަށް ކައިގެން އިއްޒަތްތެރި ރައީސް. އެސެޓް ރިކަވަރީ ކޮމިޝަން އެދިޔައީ ގޮހޮރަށް ކައިގެން. ކޮންކަމެއްތޯ ކުރެވުނީ. ޒީރޯ. ދައުލަތުން ރައްޔިތުންގެ ފައިސާ ކެއުން ނޫންކަމެއް އެމީހުން ނުކުރޭ. ކުރެވުނު މަސައްކަތް ޒީރޯ އިނގޭތޯ އިއްޒަތްތެރި ރައީސް. ކޮބައިތޯ އަޅުގަނޑުމެންގެ މަސައްކަތް. ކޮބައިތޯ މި މަޖިލީހުން ކުރަންޖެހޭ ކަންތައްތައް އެމީހުން ފެއިލް ވީމަ. ނެތޭ އިއްޒަތްތެރި ރައީސް. އަޅުގަނޑަށް މިހާރު ހީވަނީ އިއްޒަތްތެރި ރައީސް ވެސް ކޮމްޕްރޮމައިޒޒް އެއް ވެފަ އިންނަހެން".
ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް

މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ކޮމްޕްރޮމައިޒް ވާންޖެހުނު ސަބަބެއް ކަމުގައި ބެލެވެނީ، އެއްޖިންސުން ގުޅުންހިންގި ކަމުގެ ކުށް ސާބިތުވެ އަދަބު ތަންފީޒުކުރަމުންދާ ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރަށް، ޖަލު ހުކުމެއްގެ ބަދަލުގައި ގޭބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރާއި ހެދިގެން އަދި ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ވަކި ކުރުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން ކަމަށް މެމްބަރު ވިދާޅުވިއެވެ.

"ކޮމްޕްރޮމައިޒް ވެފަ ތިއިންނެވީ، ގޭ ކުއްޖަކު ހައްޔަރަށް ނުލާ، ގޭގައި ބަހައްޓައިގެން ކޮމްޕްރޮމައިޒް ވެފަ ތިއިންނެވީ. 42 މެމްބަރުންގެ ސޮއި، (އެކޮނޮމިކް މިނިސްޓަރ) ފައްޔާޒް އަތުގައި އޮވެގެން ކޮމްޕްރޮމައިޒް ވެފަ އިއްޒަތްތެރި ރައީސް ތިއިންނެވީ".
ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް

މެމްބަރު ޝިޔާމް ވަނީ މިފަދަ މައްސަލަތަކުގައި އިހުމާލުވާ ފަރާތްތައް މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށާއި، މަޖިލީހުގެ ތެރެއިން މިފަދަ މައްސަލަތައް ކުރިއަށް ގެންދިއުމަށް އިދިކޮޅު ކޯލިޝަންގެ ދެ ޕާޓީ، ޕީޕީއެމް އަދި ޕީއެންސީގެ ހުރިހާ މެމްބަރުންގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިވާހަކަތަކަށް ރައްދު ދެއްވާ ރައީސް ނަޝީދު ވަނީ، އެމަނިކުފާނު ކޮމްޕްރޮމައިޒް ނުވާނެ ކަމުގެ ޔަގީންކަން ހުރިހާ މެމްބަރުންނަށް ދެއްވާކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު މަގާމުން ވަކިކުރުމަށް ކުރި މަސައްކަތުގައި ލިބުނީ 12 ސޮއިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ހުރިހާ އިއްޒަތްތެރި މެމްބަރުންނަށް ޔަގީންކަން އަރުވަން، މި ގޮނޑީގަ، މި މަގާމުގައި އަދި އެހެން އެއްވެސް މަގާމެއްގައިވެސް އަޅުގަނޑު ދުވަހަކުވެސް ނީންނާނެ ކޮމްޕްރޮމައިޒް ވެފަކާއެއް. އިއްޒަތްތެރި މެމްބަރު ފާހަގަކުރެއްވި ފަދައިން އަލިފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރު (މުޙައްމަދު ރަޝީދު ޙުސައިން) އިސްވެ ހުންނަވާ އަޅުގަނޑުގެ މައްޗަށް އިތުބާރު ނެތްކަމަށް (ވޯޓެއް) ނެގުމަށް މަސައްކަތް ކުރެއްވި. އަދި މި މަޖިލީހުގެ 12 ވަރަކަށް މެމްބަރުން އޭގައި ސޮއިވެސް ކުރެއްވި. އިއްޒަތްތެރި މެމްބަރަށް ޔަގީންކަން އަރުވަން އެ އަދަދަކީ 12 ވަރަކަށް މެމްބަރުން. އަދި އަޅުގަނޑަށް ވަރަށް ބޮޑު އިތުބާރެއް އޮވޭ މި މަޖިލީހުގެ އަގުލަބިއްޔަތު މެމްބަރުން އަދި މާބޮޑު އަގުލަބިއްޔަތު މެމްބަރުން އަޅުގަނޑަށް އިތުބާރު ކުރައްވާ ކަމާއި، އަދި މި މަޖިލީސް މި ގެންދާ ގޮތުގައި އަޅުގަނޑުމެންނަށް ގެންދެވޭނެކަން. އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން އެއްވެސް ކަމެއްގައި، އެއްވެސް ކަމެއްގައި އަޅުގަނޑު ކޮމްޕްރޮމައިޒް ވެފަކާއެއް ނީންނާނެ".
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް އެމްޑީޕީގެ ބައެއް މެމްބަރުން މަސައްކަތް ފެއްޓެވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އާއި ގުޅުވައިގެން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެންނެވެ.

އެއްޖިންސުން ގުޅުންހިންގި މައްސަލައިގައި އެންމެފުރަތަމަ ނާޒިމް އެކަމަުގެ ތުހުމަތުގައި ހައްޔަރުކުރުމާއި ގުޅިގެން ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް މި ސަރުކާރަށާއި ރައީސް ޞާލިޙަށް ފާޑުވިދާޅުވެ، އެމަނިކުފާނާއި ގުޅުވައިގެން އެއްވެސް އަސާސެއް ނެތް ވާހަކަފުޅުތަކެއް ދައްކަވާފައެވެ.

އެގޮތުން ރައީސް ޞާލިޙް އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގި ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާ ކަމަށް އެމްޑީޕީގެ މެމްބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕެއްގައި ނަޝީދު ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އޭގެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަނީ އެ ވާހަކައިގެ އަސްލަކީ އެއީ ނޫން ކަމަށާއި، އެމަނިކުފާނުގެ އަތުގައިވެސް އަދި ރައީސް ޞާލިޙްގެ އަތުގައިވެސް ދެ ބޭފުޅުންގެ ވަރަށް ގިނަ ފޮޓޯ ހުންނާނެކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް އެމްޑީޕީގެ ބައެއް މެމްބަރުން މަސައްކަތް ކުރިނަމަވެސް، މިއަދާ ހަމައަށް އައިއިރު ވެސް މަޖިލިހަށް ހުށަހަޅާފައެއް ނުވެއެވެ.

މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ 22 މެމްބަރުންގެ ސޮޔެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓު ލިބިގެންނެވެ.