ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މާލޭގައި ހުންނަ ކްރިމިނަލް ކޯޓު ހިންގާ އިމާރާތަށް ފެންވަދެ، އެކޯޓުގައި މިއަދަށް ތާވަލުކޮށްފައިވާ ގިނަ ޝަރީއަތްތަކެއް ފަސްކޮށްފިއެވެ.

އެކޯޓުގައި މިއަދަށް ތާވަލުކޮށްފައިވާ ގިނަ ޝަރީއަތްތަކެއް ފަސްކޮށްފައިވަނީ، އެކޯޓުގެ ސާވަރ ރޫމުގެ ތެރެއަށް ފެންވަނުމުގެ ސަބަބުންނެވެ. މިއަދު ހެނދުނަށް އޮންލައިންކޮށް ތާވަލުކުރި ހުރިހާ އަޑުއެހުމެއް ވަނީ ކެންސަލްކޮށްފައެވެ.

ކޯޓުގެ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޯޓުގެ ސާވަރ ރޫމަށް ފެންވަދެ، އެތަނުގެ ކަރަންޓް ކޭބަލްތަކާއި ނެޓްވޯކް ކޭބަލްތަކަށް ގެއްލުންތަކެއް ލިބިފައިވާތީ މިއަދު ހެނދުނަށް ތާވަލުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގުމަށް ތާވަލުކޮށްފައިވާ ހުރިހާ އަޑުއެހުމެއް ކެންސަލްކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް ކޯޓަށް ހާޒިރުވެގެން ކުރިއަށް ގެންދާ ޝަރީއަތްތައް ކުރިއަށް ދާނެކަމަށް އޮފިޝަލް ވިދާޅުވެފައިވެއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ހެނދުނަށް ތާވަލުކޮށްފައިވާ ޝަރީއަތްތައް ކްރިމިނަލް ކޯޓުން ފަސްކޮށްފައިވާއިރު، ހުސްވި ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހަށް ތާވަލުކުރި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭ، ހިޔާނާތުގެ ތުހުމަތުގައި އެމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއްވެސް ވަނީ ފަސްކޮށްފައެވެ. އެ ޝަރީއަތް ފަސްކުރީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މާލަމަށް ވިއްސާރައިގެ އަސަރުކޮށް، ވަރަށް ބޮޑަށް ފެން ފޭބުމާއި ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެފައިވާތީ އެކަމުގެ ކަންބޮޑުވުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާވެސް ހިއްސާކޮށްފައިވާއިރު، އެ އިމާރާތަކީ މިހާރު ބޭނުން ކުރަން އެކަށީގެންވާ ޙާލަތެއްގައި ހުރި އިމާރާތެއް ނޫން ކަމަށް ޑީޖޭއޭއިން ބުނެއެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޕްލޭނިންގ މިނިސްޓްރީންވެސް އެސެސްމަންޓެއް ހަދާފައިވާއިރު އެތަން ވީހާވެސް އަވަހަށް ހުސް ކުރުމަށް އޮތީ އަންގާފައެވެ.