ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް، ބަހްރެއިނަށް ފުރާވަޑައިގަންނަވަން ނިންމަވައިފިއެވެ.

މިކަން ހާމަކޮށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ރައީސްގެ މި ދަތުރުފުޅަކީ ބަހްރެއިންގެ ރަސްގެފާނު ހައްމާދު ބިން އީސާ އަލް ހަލީފާގެ ރަސްމީ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އަދި ރައީސް ބަހްރެއިނަށް ފުރާވަޑައިގަންނަވާނީ މާދަމާ ކަމަށާއި، މި ދަތުރުފުޅަކީ މާދަމާއިން ފެށިގެން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެއްކަން މިއުވާން ހާމަކުރެއްވިއެވެ.

ރައީސް ޞާލިޙް އެންމެފަހުން ގައުމުން ބޭރަށް ވަޑައިގެންނެވީ އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2 ވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ހުސްވި ސެޕްޓެމްބަރު މަހުގެ ތެރޭގައި އެގައުމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މި ދަތުރުފުޅުގައި ވަނީ އިނގިރޭސި ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވައިފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ވަނީ ރާނީ އަވަހާރަވުމާއި ގުޅިގެން ލަންޑަނުގެ ލެންކަސްޓަރ ހައުސްގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ތަޢުޒިޔާގެ މެސެޖުވެސް ލިޔުއްވާފައެވެ.