މަސައްކަތުގެ ދާއިރާއިން ބޭރުން ގާނޫނީ ވަކީލުން ކުރާ ކަންކަމުގެ މައްސަލަ ބެލުމުގެ ބާރު ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ލިބިދޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވާފައިވަނީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއެވެ.

ގާނޫނީ ވަކީލުން އެމީހުންގެ މަސައްކަތުގެ ދާއިރާގެ ބޭރުން ކުރާ ކަންކަމުގެ މައްސަލަ ބެލުމުގެ ބާރު ބާ ކައުންސިލަށް ލިބިދޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ބިލުގައި ހިމަނާފައިވެއެވެ. މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ވަކީލުންގެ މައްސަލަ ބެލުމުގައި ބާ ކައުންސިލަށް ލިބިދީފައިވަނީ ހަމައެކަނި މަސައްކަތުގެ ދާއިރާއާ ގުޅުންހުރި ކަންކަމުގައި އެކަންޏެވެ.

ނަމަވެސް ސުލޫކީ މިންގަނޑާ ޚިލާފަށް ވަކީލަކު އަމަލުކޮށްފިނަމަ އަދި އެކަމަކީ އަދުލު އިންސާފުގެ ހަމަތަކާއި ޚިލާފް ނުވަތަ ގާނޫނީ ފަންނުގެ އިތުބާރު ގެއްލޭފަދަ ކަމެއް ނަމަ، އެފަދަ މައްސަލަތައް ބެލުމުގެ ބާރު ބާ ކައުންސިލަށް ލިބޭ ގޮތަށް ކޮމެޓީން ވަނީ މިއަދު ފާސްކޮށްފައެވެ. އަދި، މީހަކު އެފަދަ މައްސަލައެއް ހުށަނޭޅި ނަމަވެސް އަމިއްލަ އިސް ނެގުމުގައި އެފަދަ މައްސަލަތައް އެކައުންސިލަށް ބެލޭ ގޮތަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ކޮމެޓީން މި އިސްލާހު ފާސްކޮށްފައިވަނީ ކޮމެޓީގެ މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

މީގެއިތުރުން، ބާ ކައުންސިލް ހިންގުމަށްޓަކައި ވަކީލުން އަތުން ފީ ނެގުމާއި ޖޫރިމަނާ ކުރުމުގެ ބާރު އެ ކައުންސިލަށް ދިނުމަށާއި، ވަކީލުކަމުގެ ޚާއްސަ ހުއްދަ 2020 ވަނަ އަހަރު ދީފައިވާ މީހުން ބާ އިމްތިހާނެއް އަލުން ހަދަންޖެހޭ ގޮތަށް ގާނޫނުގައި ކުރިން އޮތް ބައި އުވާލުމަށް ވެސް ކޮމެޓީން ފާސްކޮށްފައިވެއެވެ.