ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އާއި އެމަނިކުފާޏުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބަޙްރައިންއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

މިދަތުރުފުޅަކީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް އޮފީހުން ބުނީ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބަޙްރައިންގެ ރަސްގެފާނު ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިޔާއާ އެމަނިކުފާނުގެ އަނބިކަނބަލުން، ބަޙްރައިން ސަރުކާރުގެ އެހެން ބައެއް އިއްޒަތްތެރިންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމާ ދެ ގައުމުގެ ދެމެދު ބައެއް އެއްބަސްވުންތައް ބަދަލުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން ރައީސް ސާލިހްގެ ދެކަނބަލުންގެ ޝަރަފުގައި ބަޙްރައިންގެ ރަސްގެފާނު ބާއްވަވާ ރަސްމީ ޖާފަތެއްގައި ބައިވެރިވެވަޑައިގެންނެވުމާއި މަތީފަންތީގެ ބައްދަލުވުންތައް ބޭއްވެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި މި ދަތުރުފުޅުފައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދުގެ ބޭފުޅުން މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު 8 ވާ ހޮނިހިރު ދުވަހުއެވެ.