ވައިގެ މަގުން ދުބާއީ އިން ރާއްޖެއައި ޕާކިސްތާނުގެ ރައްޔިތެއްގެ ލަގެޖުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ބުނީ، މިތަކެތި އަތުލައިގަނެފައިވަނީ މިމަހުގެ އެއް ވަނަ ދުވަހު ރާއްޖެ އައި ޕާކިސްތާނުގެ އުމުރުން 48 އަހަރުގެ ފިރިހެން ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައިކަމަށެވެ.

އެގޮތުން ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ވަނީ ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ކަސްޓަމްސްއިން ބުނީ، މިމައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 10.002 ކިލޯ ހުރިކަމަށާއި، މިތަކެތީގެ މަގުމަތީ އަގު 12,000,000.00 (ބާރަ މިލިއަން) ރުފިޔާއަށް ވުރެ މައްޗަށް އަރާކަމަށެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކޮށްފައެވެ.

މިދިޔަ ޖަނަވަރީ މަހު ފަހުކޮޅު ކަސްޓަމްސްގައިވަނީ މަސްތުވާތެކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް ހަރުދަނާކޮށް އިތުރަށް ފުޅާކުރުމަށް ސްޕެޝަލް އޮޕަރޭޝަންސްގެ ޓެކްޓިކަލް ޓީމެއް ތައާރަފްކޮށް މާލެއާ ރީޖަނަލް ކަސްޓަމްސްތަކުގައި ހަރަކާތްތެރިވާން ފަށާފައެވެ.