ރާއްޖޭގެ ޖުލްލަ ދަރަނި 84.8 ބިލިއަނަން ރުފިޔާއަށް އަރާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، ސަރުކާރުގެ ޖުމްލަ ދަރަނީގެ ސްޓޮކް (ސަރުކާރުގެ ގެރެންޓީޑް ދަރަނި ފިޔަވައި) 84.8 ބިލިއަން ރުފިޔާއަށް އަރާއިރު، މިއީ 2021 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާއި އަޅާބަލާއިރު 6 އިންސައްތައިގެ އިތުރުވުމެކެވެ.
އެގޮތުން ޖީޑީޕީގެ ނިސްބަތުން ސަރުކާރުގެ ޖުމްލަ ދަރަނި ވަނީ 2021 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި 104 އިންސައްތައިން މިއަހަރުގެ ފުރުތަމަ ކުއާޓާގައި 97 އިންސައްތައަށް ވެއްޓިފައެވެ.
އެމްއެމްއޭއިން ބުނީ، މި މުއްދަތުގެ ތެރޭގައި ސަރުކާރުގެ ދަރަނި އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން ނަގާފައިވާ ލޯނުތައް އިތުރުވުމެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2021 ވަނަ އަހަރުގެ އެއްވަނަ ކުއާޓަރާއި އަޅާބަލާއިރު މިއަހަރުގެ މިމުއްދަތުގައި ރާއްޖޭގެ ޖީޑީޕީ ވަނީ 19.3 އިންސައްތަ އިތުރުވެފައެވެ.
އެމްއޭއިން ބުނީ ރާއްޖޭގެ ޖީޑީޕީއަށް މިއައި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ސިނާއަތު ހަރުދަނާވުމުން އައި ކުރިއެރުމެއް ކަމަށެވެ.