ގަބޫލުނުކުރިޔަސް ރާއްޖޭގެ ޓުއަރިޒަމަށް ބޮޑު އިންގިލާބެއް ގެނެސްދެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

އަހުމަދު ސައުދު މިފަދައިން ވިދާޅުވީ ވިލާ ގްރޫޕްގެ ޗެއަރމަން ޤާސިމް އިބްރާޙިމް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ގެނެސްދެއްވި ކުރިއެރުންތަކުގެ މިންވަރެއް ބަޔާންކޮށް އެމަނިކުފާނަށް ތައުރީފުކުރައްވާ އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއް ޓްވިޓަރގައި ހިއްސާކުރައްވަމުންނެވެ.

މުހައްމަދު ފިރާގު ފޭސްބުކްގައި ލިޔުއްވާފައި ވަނީ، ކަން އޮތް ގޮތަށް ހަގީގަތަށް ބުނުމަކީ މައްސަލައެއް ނޫން ކަމަށާއި ބަޔަކު ނަފުރަތު ކުރިޔަސް، ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުން އޭސީ ކޮޓަރިތަކުގައި ނިންދަވައި، ސާފު ފެނުން ފެންވެރޭ ގޮތް ހައްދަވައި، ސްޕީޑް ބޯޓު ފަހަރުގައި މުވައްޒަފުންނަށް ދަތުރުކުރެވޭނެ އިންތިޒާމް ޖަމަޖެއްސެވީ ޤާސިމްގެ ވިލާ ހޮޓެލްސްގެ ދަށުން ހިންގާ ރިސޯޓްތަކުގައި ކަމަށެވެ. އޭގެ ސަބަބުން އެހެން ރިސޯޓްތަކަށް ދިވެހި މުވައްޒަފުން ހޯދަން ދަތިތައް ކުރިމަތިވެ އެޚިދުމަތްތައް ދޭން މަޖުބޫރު ވިކަން ވެސް ފިރާގު ވަނީ ފާހަގަކުރައްވާފައެވެ.

ފިރާގުގެ ފޭސްބުކް ސްޓޭޓަސްގެ ސްކްރީން ޝޮޓެއް ޓްވިޓަރގައި ހިއްސާކުރައްވައި، އެބޭފުޅާއަށް ޝުކުރު އަދާކުރައްވަމުން، ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވީ، ރާއްޖޭގެ ޓުއަރިޒަމަށް ބޮޑު އިންގިލާބެއް ގެނެސްދެއްވައި އެހެން ދާއިރާތަކުން ވެސް ވިޔަފާރީގައި "ޗެމްޕިއަންކަން" ހޯއްދަވާފައިވާ މޭސްތިރިއަކީ ޤާސިމް ކަމަށެވެ. ސައުދު ވިދާޅުވީ، މި ހަގީގަތް ޤަބޫލުކުރައްވަން ބައެއް މީހުން ބޭނުން ނުވި ކަމުގައި ވިޔަސް ތާރީޚު ބަދަލު ނުކުރެވޭނެ ކަމަށެވެ.

ފިރާގުގެ ވާހަކަތަކަށް ތާއިދުކުރައްވައި ސައުދު މިމޭރުމުން ޓްވީޓް ކުރައްވާފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް، ސަރުކާރުން ދޭ، އެވޯޑް އޮފް ދި އެކްސެމްޕްލަރީ ކޮންޓްރިބިއުޝަން ފޯރ ދި މޯލްޑިވްސް ޓުއަރިޒަމް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ޤާސިމް އިބްރާހިމަށް އެރުވުމުން ހަގީގަތް އޮޅޭ ގޮތަށް ބައެއް ފަރާތްތްތަކުން ވާހަކަތައް ދައްކަމުންދާ ދަނޑިވަޅެއްގައެވެ.

ރިސޯޓް އޯނަރު ޤާސިމަށް، މި އެވޯޑް އެރުވީ، ދިވެހި ފަތުރުވެރިކަމުގެ ރަން އަހަރުގެ ގާލާ އިވްނިންގގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.

ޝަރަފުވެރި މިއެވޯޑް ޤާސިމް ހާސިލުކުރެއްވިއިރު، 1988 ވަނަ އަހަރު ޓުއަރިޒަމްގެ ވިޔަފާރީގެ ތެރެއަށް ވަންނަވައި، 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ހުރި އެންމެ ޒަމާނީ އެންމެ ބޮޑެތި ރިޒޯޓްތައް ހިންގަވާ އަދި އެންމެ އެނދުގިނަ އެއް ކުންފުނި އޮޕަރޭޓް ކުރައްވާ ރިޒޯޓް އޯނަރަކަށް ޤާސިމް ވަނީ ވެވަޑައިގަތްފައެވެ. އެމަނިކުފާނަަށް މިއެވޯޑް އެރުވީ ވެސް މިގޮތުން ދާއިރާއަށް ކޮށްދީފައިވާ އަގުނުކުރެވޭ ގިނަ ޚިދުމަތްތަކުގެ ސަބަބުންނެވެ.

ސަރުކާރަށް ފުރަތަމަ ވެދެވަޑައިގެން ލިބިވަޑައިގެންނެވި މުސާރަފުޅުން ވެސް ނިކަމެތިންނަށާއި، ދިރިއުޅުމުގެ އެކި މުހުތާދުތައް ފުއްދުމަށް އެދޭ ފަރާތްތަކަށް މިންވަރެއް ހޭދަކުރެއްވުމުގެ އާދަ ގެންގުޅުއްވި ޤާސިމް ވަނީ، އެކިއެކި ވަޒީފާތަކުގައި އުޅުއްވައި، ލިބިވަޑައިގަތް ތަޖުރިބާގެ އަލީގައި 1976 ވަނަ އަހަރު އަމިއްލަފުޅު ވިޔަފާރިއެއް ފަށްޓަވާފައެވެ. އެއީ، ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ނެންގެވި 15000 ރުފިޔާގެ ލޯނަކުންނެވެ.

ޤާސިމަކީ، މަސައްކަތުގައި ވަރަށް ހީވާގި މުރާލި ބޭފުޅެކެވެ. ވިޔަފާރީގައި ކުރިއަށް ވަޑައިގަތުމުގެ ހިތްވަރާއި ކެރުން ހުރި ބޭފުޅެކެވެ. އެހެންކަމުން، ވިޔަފާރީގައި 10 ވަރަކަށް އަހަރު ޤާސިމް ހޭދަކުރެއްވިއިރު، އެމަނިކުފާނު ގުނާލެވުނީ ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރީންގެ ސަފުގައެވެ. ދިވެހި ވިޔަފާރިވެރީންގެ ޖަމްޢިއްޔާގެ އެއް މުއައްސިސްގެ ގޮތުގައެވެ. އަދި ހުރިހާ ފަންތިއެއްގެ ވިޔަފާރިވެރީންގެ ޙައްޤުގައި އަޑުއުފުއްލެވުމުގައި ވެސް ފަސްޖެހިވަޑައިނުގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ.

އޭގެފަހުން 1988 ވަނަ އަހަރު ޓުއަރިޒަމްގެ ވިޔަފާރީގެ ތެރެއަށް ވަންނަވައި، 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ހުރި އެންމެ ޒަމާނީ އެންމެ ބޮޑެތި ރިޒޯޓްތައް ހިންގަވާ އަދި އެންމެ އެނދުގިނަ އެއް ކުންފުނި އޮޕަރޭޓް ކުރައްވާ ރިޒޯޓް އޯނަރަކަށް ޤާސިމްވެވަޑައިގަތެވެ.

ވިޔަފާރީގެ ތަފާތު ދާއިރާތަކުގައި ރާއްޖޭގައި އެންމެ ބިޔަ އިންވެސްޓްމަންޓްތަކެއް ކުރައްވާފައިވާ އަމިއްލަ ފަރުދުންގެ ތެރޭގައި ޤާސިމް ހިމެނިވަޑައިގަންނަވައެވެ. ސިމެންތިއާއި ގޭހާއި އަދި މަތިންދާބޯޓު ދަތުރުފަދަ ވިޔަފާރިތައް ވާދަވެރި ވިޔަފާރިތަކަކަށްވެ، އަގުހެޔޮވެގެން ދިޔައީ، މިފަދަ ވިޔަފާރިތަކުގައި ޤާސިމް ކުރެއްވި އިންވެސްޓްމަންޓްތަކުގެ ސަބަބުންނެވެ. ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލޯން ލިބެންފެށީ، ޤާސިމް އެކަމަށް އިސްނެންގެވި ހިސާބުންނެވެ.

ރާއްޖޭގެ ޓުއަރިޒަމްގައި މޫދުކޮޓަރި ތަޢާރަފްކޮށްދެއްވުމާއި، ރިޒޯޓްތަކުގެ މުވައްޒަފުންނަށް ރަނގަޅު އެކޮމޮޑޭޝަން ދެއްވުމާއި، މަސްވެރިކަމުގެ ބިޔަ އިންވެސްޓްތައް ކުރައްވައި ބޮޑުއަގުގައި މަސްވެރީންގެ އަތުން މަސް ބައްލަވައިގަންނަވަން ފެށްޓެވުމާއި، ޕްރައިވެޓް އެއަރޕޯޓްތައް ރާއްޖޭގައި ބިނާކުރުމަށް އިސްނެންގެވުމާއި، ޕްރައިވެޓް ކޮލެޖެއް ރާއްޖޭގައި އަލަށް އުފެއްދެވުން ފަދަ ކަންކަމަކީ، ޤައުމީގޮތުން ފާހަގަކޮށްލެވޭ ބޮޑެތި އިންވެސްޓްމަންޓްތަކެވެ. ވިޔަފާރި ކުރިއެރުވުމާއި އިންސާނިއްޔަތަށް އެހީތެރިވުމުގައި ޤާސިމް ހޯއްދަވާފައިވާ ބޮޑެތި ކާމިޔާބީ ވަޒަންކޮށް، މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީއިން އެމަނިކުފާނަށް ވަނީ އޮނަރަރީ ޕީ.އެޗް.ޑީ އަރުވާފައެވެ.

އަދި، ތަޢުލީމަށްޓަކައި ޤާސިމް ކުރެއްވި އަގުހުރި ޚިދުމަތުގެ އަގުވަޒަންކޮށް ވާރލްޑް އެޑިޔުކޭޝަން ފޯރަމުގެ ފަރާތުން ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އެމަނިކުފާނަށް އަރުވާފައެވެ. ޤައުމީ ޚިދުމަތުގެ ތަފާތު އެކި ދާއިރާތަކުން ހިތްވަރުދިނުމުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު، އެންމެ ގިނަ އަދަދަކަށް ހާސިލު ކުރައްވާފައިވާ އެއްބޭފުޅަކީ ޤާސިމް އިބްރާހީމްކަންވެސް ފާހަގަކުރެވެއެވެ.

އިންސާނީ ޚިދުމަތަށް ބަލާއިރު، ރާއްޖެއިން ބޭރަށް ދިވެހީން ފޮނުއްވައިގެން ބޮޑެތި ބަލިތަކަށް ބޭސްފަރުވާކޮށްދެއްވުމުގައި އެންމެ ދިގުމުއްދަތެއް ހޭދަކުރެއްވި އަމިއްލަ ފަރުދަކީ އެމަނިކުފާނެވެ. ރާއްޖޭގައި އިންސާނިއްޔަތަށް ޚިދުމަތްކުރާ ފައުންޑޭޝަނެއް ފުރަތަމަ އުފެއްދެވީ ޤާސިމެވެ. އަދި ދިވެހި ދަރީންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ފުޅާކުރެއްވުމަށް ސްކޮލަރޝިޕް ސްކީމެއް ފުރަތަމަ ތަޢާރުފް ކުރައްވަން ފެށްޓެވީވެސް ޤާސިމެވެ. މީގެއިތުރުން، ރާއްޖޭގެ ރަށްތަކުގެ ތަޢުލީމާއި، އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށްޓަކައި މިވޭތުވި ސާޅީހަކަށް އަހަރު، އެންމެ ދީލަތި އެހީތެރިކަމެއް ވެދެއްވާފައިވާ އެއް ފަރުދަކީވެސް ޤާސިމް އިބްރާހީމެވެ.

ފަހަކަށް އައިސް ރާއްޖޭގައި ހިންގާފައިވާ ސިޔާސީ އިޞްލާޙާއި ޑިމޮކްރަސީގެ ޙަރަކާތްތަކުގައި ޤާސިމްވަނީ އިސްދައުރެއް އަދާކުރައްވާފައެވެ.