ލަވަކިޔުމަށް ޝައުގުވެރިކަން ހުންނަ ދިވެހިންނަށް ހާއްސަކޮށް ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ ވަރުގަދަ ޕްލެޓްފޯމް، ވީޓީވީ ކަރޯކޭ ޗެލެންޖުގެ މާލޭ އެޑިޝަންގެ ލައިޓިންގ އެންޑް ސައުންޑް ޕާޓްނަރަކަށް، ރާއްޖޭގައި އިވެންޓް މެނޭޖްމަންޓުގައި އެންމެ ފުންނާބު އުސް އެއް ކުންފުނި ކަމުގައިވާ އޮފިޝަލް އިވެންޓްސް ހަމަޖައްސައިފިއެވެ.
ޕްރޮގްރާމުގެ އެޕިސޯޑުތަކުގައި ލައިޓިންގ އެންޑް ސައުންޑް ޕާޓްނަރެއްގެ ގޮތުގައި އޮފިޝަލް އިވެންޓްސް ހަމަޖައްސާ، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހާއްސަ ހަފްލާއެއް ވަނީ ބާއްވާފައެވެ. ވީޓީވީގައި ބޭއްވި މި ހަފްލާގައި އޮފިޝަލް އިވެންޓްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކިއުޓިވް އޮފިސަރ (ސީއީއޯ) އަހްމަދު އަދުހަމް އެވެ. އަދި ވީޓީވީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވީޓީވީގެ ޗީފް އޮޕަރޭޝަންސް އޮފިސަރ މުހައްމަދު ޒަހީން އެވެ.
ރާއްޖޭގައި ބާއްވާ މިއުޒިކުގެ ބޮޑެތި ހަފްލާތަކާއި، އައު އަހަރު ފާހަގަކުރުމަށް ބާއްވާ އެކިއެކި ޝޯތަކުގެ އިތުރުން ކުޅިވަރުގެ ހާއްސަ ހަރަކާތްތައް އަދި އެވޯޑު ހަފްލާތަކުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކޮށް، މިކަމުގެ އެތައް ތަޖުރިބާއެއް ހާސިލްކޮށްފައިވާ އޮފިޝަލް އިވެންޓްސްގެ ފަރާތުން، "ވީނިއުސް" އާއި ވާހަކަދައްކަވަމުން އެކުންފުނީގެ ސީއީއޯ އަދުހަމް ވިދާޅުވީ، ވީޓީވީ ކަރޯކޭ ޗެލެންޖުގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރަން ނިންމެވީ، މިއީ މި ދުވަސްވަރުގައި ހިނގާ މިފަދަ ހަމައެކަނި ޕްލެޓްފޯމް އަށްވެފައި، މި ޕްލެޓްފޯމް ހައިބަތު ބޮޑު ޕްލެޓްފޯމެއްގެ ގޮތުގައި ދެއްކުމުގެ މަގްސަދުގައި ކަމަށެވެ.
އަދި މި ޕްރޮގްރާމަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދާނެކަން ގަބޫލުކުރައްވާ ކަމަށް އަދުހަމް ވިދާޅުވިއެވެ.
އޮފިޝަލް އިވެންޓްސް އާއިއެކު ވެވުނު އެއްބަސްވުމުގެ ދަށުން، ވީޓީވީ ކަރޯކޭ ޗެލެންޖުގެ ޝޯތަކުގެ ލައިޓިންގް އަދި ސައުންޑުގެ މަސައްކަތް އެންމެ ފުރިހަމައަށް އެކުންފުނިން ކުރާނެއެވެ.
ދާއިރާގައި އޮފިޝަލް އިވެންޓްސްގެ ތަޖުރިބާއަށް ބަލާލާއިރު، އެ ކުންފުންޏަކީ، ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެވޯޑު ހަފްލާކަމުގައިވާ، މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ އޮފިޝަލް އިވެންޓް މެނޭޖްމަންޓް ޕާޓްނަރ އެވެ. މީގެއިތުރުން ރާއްޖޭގައި ބޭއްވި 54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ އިވެންޓް ޕާޓްނަރެއްގެ ގޮތުގައި އަދި މިއަހަރުގެ އަޟްޙާ ޢީދު އެންމެ ކުލަގަދަކޮށް ފާހަގަކުރި ކ. މާފުށީގެ އަޟްޙާ ޢީދު 1443 ޝޯގެ އޮފިޝަލް ޕާޓްނަރަކީވެސް އޮފިޝަލް އިވެންޓްސް އެވެ.
މީގެއިތުރުން އެކްސްޕޯ ތަކާއި، ރިސޯޓުތަކުގެ އެކިއެކި އިވެންޓުތައް އަދި އައު އަހަރު ޝޯތަކާއި މީގެއިތުރުންވެސް މިއުޒިކްގެ އެކިއެކި ހަފްލާތަކުގައި އޮފިޝަލް އިވެންޓްސް އިންވަނީ އޮފިޝަލް ޕާޓްނަރުންގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އަދި މޮޑެލިންގ ޝޯތަކާއި މިފަދަ ފަންނީ އެކިއެކި ދާއިރާތަކުގައި އޮފިޝަލް އިވެންޓްސް އިން މަސައްކަތް ކޮށްފައިވެއެވެ.
މީގެއިތުރުން ވީޓީވީ ކަރޯކޭ ޗެލެންޖުގެ ސަޕޯޓިންގ ޕާޓްނަރެއްގެ ގޮތުގައި ޕްލެނެޓް ބިޒް އާއިއެކު ވަނީ ސޮއިކޮށްފައެވެ.
އެކަމަށްޓަކައި ބޭއްވި ހަފްލާގެ ތެރެއިން އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ އިބްރާހިމް މޫސާ އެވެ. އަދި ވީޓީވީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއޯއޯ މުހައްމަދު ޒަހީން އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު "ވީނިއުސް" އާއި ވާހަކަދައްކަވަމުން ޕްލެނެޓް ބިޒްގެ ސީއޯއޯ ވިދާޅުވީ، ކަރޯކޭ ޗެލެންޖުގެ ސަޕޯޓިންގ ޕާޓްނަރެއްގެ ގޮތުގައި ޕްލެނެޓް ބިޒް އިން މި ޕްރޮގްރާމް އެންމެފުރިހަމަ އަށް ގެނެސްދިނުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޕްލެނެޓް ބިޒް އަކީ މުނިފޫހިފިލުވުމުގެ ދާއިރާގެ ގިނަ އިވެންޓުތަކެއް އިންތިޒާމްކޮށް، އެފަދަ އިވެންޓުތައް މެނޭޖުކުރުމުގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކުންފުންޏެކެވެ. އަދި މިއުޒިކް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް ގިނަ ފުރުސަތުތަކެއް ހޯދައިދިނުމަށް އެހީތެރިވެދީ، ހާއްސަ ޝޯތައްވެސް ޕްލެނެޓް ބިޒް އިން ރާވާ، އިންތިޒާމް ކުރާކަން ފާހަގަކޮށްލެވެއެވެ.
ވީޓީވީ ކަރޯކޭ ޗެލެންޖް މާލޭ އެޑިޝަންގެ ލައިޓިންގ އެންޑް ސައުންޑް ޕާޓްނަރަކާއި ސަޕޯޓިންގ ޕާޓްނަރަކު ހަމަޖެއްސިއިރު މީގެއިތުރުންވެސް ގިނަ ޕާޓްނަރުންތަކެއް ހަރަކާތްތެރިވާނެއެވެ.
އެގޮތުން ވީޓީވީ ކަރޯކޭ ޗެލެންޖު މާލޭ އެޑިޝަންގެ މެއިން ސްޕޮންސަރުންގެ ގޮތުގައި ދެ ޕާޓްނަރަކާއެކު ވަނީ ސޮއިކޮށްފައެވެ. އެއީ ފްލެޕްސް އިންވެސްޓްމަންޓުގެ ސަބްސިޑަރީ އެއް ކަމުގައިވާ، ދިވެހިންގެ އިތުބާރު ހޯދާފައިވާ މޮޓްލީ ހާޑްވެއަރ އަދި ރާއްޖޭގެ އެންމެ ބޮޑު ރީބްރޯޑްކާސްޓަރ މީޑިއާނެޓުއެވެ. މީޑިއާ ނެޓަކީ ކަރޯކޭ ޗެލެންޖުގެ ސްޓްރީމިންގ ޕާޓްނަރުވެސް މެއެވެ.
މީގެއިތުރުން ޗެލެންޖުގެ އެޕިސޯޑުތައް ޝޫޓު ކުރުމަށް ހަމަޖެހިފައިވާ ސޮލައިޓް އަކީ މި ޗެލެންޖުގެ ވެނިއު ޕާޓްނަރެވެ. ކަރޯކޭ ޗެލެންޖުގެ ކޭޓަރިންގ ޕާޓްނަރަކީ ސަމަރ ކެފޭއެވެ. އަދި މޭކަޕް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ސްޓްއިލޯ ސެލޫންއެވެ. ސްޓައިލޯ ސެލޫން އަކީ މަޝްހޫރު ފްރެންޗައިސް ޝޯ، އައިޑަލްގެ ރާއްޖޭގެ އެޑިޝަން، މޯލްޑިވިއަން އައިޑޮލްގައިވެސް އެ ޝޯގެ ބައިވެރިންގެ މޭކަޕް ކުރި ފަރާތެވެ.
ވީޓީވީ ކަރޯކޭ ޗެލެންޖް މާލޭ އެޑިޝަންގެ ކޮސްޓިއުމް ޕާޓްނަރުންނަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މި ވިޔަފާރި ކުރާ ދެ ފިހާރައެއް ކަމުގައިވާ ބްލޫބެރީ އެޓަޔަރ އާއި ހާފް ޕްރައިޒް އެވެ. އަދި އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި އޯލްޑް އިސް ގޯލްޑުން ހަރަކާތްތެރިވާނެއެވެ.
މީގެކުރިން ދަރަވަންދޫ، ކުޅުދުއްފުށި އަދި ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވި އެޑިޝަންތަކުގެ ކާމިޔާބީއަށްފަހު، މިފަހަރުގެ ވީޓީވީ ކަރޯކޭ ޗެލެންޖް މި ބާއްވަނީ މާލޭ އެޑިޝަންގެ ނަމުގައެވެ. މި ޕްރޮގްރާމުގެ އޮޑިޝަން ރައުންޑް މިހާރު ނިމިފައިވާއިރު، ފުރަތަމަ ޝޯގައި ލަވަތައް ހުށަހަޅާނެ 20 ބައިވެރިން މިހާރު ވަނީ ޔަގީންވެފައެވެ.
ވީޓީވީ ކަރޯކޭ ޗެލެންޖުގެ ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވާނީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގެ ފުންނާބު އުސް ތިން ފަރާތެކެވެ. އެއީ، ރާއްޖޭގައި އުފެދުނު އެންމެ ތަފާތު އެއް ވޯކަލިސްޓު އަބްދުލް ރަޝީދު އަލީ (އަބްސީ) އާއި މިޒަމާނުގެ އަންހެން ލަވަކިޔުންތެރިން "އައިޑަލް" އެއްގެ ގޮތުގައި ދެކޭ ޝިފާ ތައުފީގުގެ އިތުރުން، އިޝްގީ ލަވަތައް ހުށަހަޅައިދިނުމުގައި އެފަދަ ދެވަނައެއް ނެތް އުމަރު ޒާހިރު އެވެ.
ޕްރޮގްރާމް ދައްކަން ފަށާނީ މިމަހުގެ މެދުތެރޭގައެވެ.