ރާއްޖޭގައި ކަރޯކޭ ޖެއްސުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވާދަވެރި މާހައުލެއްގައި އެކަން ކުރެވެން އޮތް ހަމައެކަނި ޕްލެޓްފޯމް، ވީޓީވީ ކަރޯކޭ ޗެލެންޖު މާލެ އެޑިޝަން ސްޕޮންސަރ ކުރުމުގެ ފުރުސަތު، އަދިވެސް ހުޅުވާލެވިފައިވާ ކަމަށް ވީޓީވީގެ ޗީފް އޮޕަރޭޝަންސް އޮފިސަރ މުހައްމަދު ޒަހީން ވިދާޅުވެއްޖެއެވެ.

ޒަހީން ވިދާޅުވީ ކަރޯކޭ ޗެލެންޖުގެ މަސައްކަތް ފަށްޓަވާ، މި ޕްރޮގްރާމް އިއުލާންކުރި ހިސާބުން ފަށައިގެން ވަރަށް ގިނަ ފަރާތްތަކުން ގުޅާ، މިކަމުގައި އެހީތެރިވެ، ސްޕޮންސަރ ކުރުމަށް ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. އަދި މިކަމުގައި ވަކި ފަންތިއެއްގެ ވިޔަފާރިއެއް ތަފާތު ކުރުން ނޯންނާނެ ކަމަށާއި، ކޮންމެ ވިޔަފާރިއަކަށްވެސް މި ޕްރޮގްރާމުގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އަދި ޕްރޮގްރާމް އޮންއެއަރ ކުރުމާއި ހަމައަށް، ޕްރޮގްރާމުގެ ސްޕޮންސަރުންގެ ގޮތުގައި އައު ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު އެބައޮތްކަމަށް ޒަހީން ވިދާޅުވިއެވެ. އަދި މިހާރު ސްޕޮންސަރޝިޕް ހަދާފައި ހުރި ކަންކަމުގެ އިތުރުންވެސް މި ޕްރޮގްރާމު ސްޕޮންސަރ ކުރުވޭނެ އެތައް ގޮތެއް އެބަހުރިކަން ޒަހީން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ވަރަށް ގިނަ ބޭފުޅުންތަކެއްގެ އެހީތެރިކަން ލިބެމުން މިދަނީ. އެކި ލެވެލްގެ ވިޔަފާރިވެރިންގެ ފަރާތުން. މީގަ ނިމުމެއް ނެތް އިނގޭތޯ. އަޅުގަނޑުމެން މިވަނީ ހުޅުވާލާފަ މުބާރާތް އޮންއެއަރ ކުރުމާއި ހަމައަށް ދެވެންދެން އަޅުގަނޑުމެން މިއޮތީ ފުރުސަތު ހުޅުވާލާފަ ހުރިހާ ވިޔަފާރި ތަކަށްވެސް. އަދި އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ މުބާރާތުގެ ތެރޭގައި އިސްތިހާރު ކުރެވޭނެ ބައިވަރު ގޮތްތައް އެބަހުރި، މީގެ ތެރެއަށް ވަދެވޭނެ. އަޅުގަނޑުގެ ރިކުއެސްޓަކީ ހުރިހާ ބޭފުޅުންވެސް މީގެތެރެއަށް ވަންނަވާ އަޅުގަނޑުމެންނަށް އެހީތެރި ވެދެއްވާށޭ".
ވީޓީވީގެ ސީއޯއޯ މުހައްމަދު ޒަހީން

މި ޕްރޮގްރާމުގެ ތެރެއިން އެހީތެރިކަން އެ ފޯރުކޮށްދެވެނީ ހަމައެކަނި ވީޓީވީއަށް ނޫން ކަމަށާއި، ރާއްޖޭގައި މި ފަންނުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް މިއީ ވެވޭ ބޮޑު އެހީތެރިކަމަކަށް ވާނެކަން ޒަހީން ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮގްރާމަށް ވާ އެހީތެރިކަމަކީ އެއްވެސް ވިޔަފާރިއަކުން ގެއްލޭ އެއްޗަކަށް ނުވާނެ ކަމަށާއި، ހޭދަކުރައްވާ މިންވަރާއި އެއްވަރަށް ވީޓީވީ އާއި މި ޕްރޮގްރާމުގެ ތެރެއިން އެ ވިޔަފާރިތަކަށް ބޭނުންވާ އެކްސްޕޯޝަރ ލިބިގެންދާނެކަމަށް ޒަހީން ވިދާޅުވިއެވެ.

ޒަހީން އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމު ސްޕޮންސަރ ކުރުމުގެ ފުރުސަތު އޮތީ ވަކި ކަހަލަ ވިޔަފާރިއެއް ކުރާ ފަރާތްތަކަކަށް ނޫން ކަމަށާއި، ކޮންމެ ވިޔަފާރިއެއް ކުރާ ފަރާތަކަށްވެސް މި ޕްރޮގްރާމުގައި ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ޚަރަދުކުރެވެން އޮތް މިންވަރަކުން ޕްރޮގްރާމުގެ ޕާޓްނަރަކަށްވެ، މި ޕްރޮގްރާމުގެ ތެރެއިން އެ ވިޔަފާރިއެއް އިސްތިހާރު ކުރެވޭނެ ގޮތްތައް ރޭވިފައި އެބަހުރިކަން ޒަހީން ހާމަކުރެއްވިއެވެ.

"ވަކި ވަށްތަރެއްގެ ވިޔަފާރިއެއް ނެތް. އަޅުގަނޑުމެން ހުޅުވާލާފައި މިއޮތީ ކޮންމެ ކަހަލަ މަސައްކަތެއްވެސް ކުރައްވާ ބޭފުޅަކަށް މީގެ ތެރެއަށް ވަދެ، އޭގަ ބައިވެރިވެވޭ ގޮތަށް. މިސާލަކަށް ބަލައިފި ކަމުގައި ވާނަމަ، ހުރެދާނެ މާބޮޑު ޚަރަދެއް މިކަމުގަ ކުރެވެން ނެތް ބޭފުޅުންވެސް. އެހެންނަމަވެސް އެބޭފުޅަކަށް ވީވަރަކުން މީގެތެރެއަށް ވަދެ، މީގެތެރޭގަ އިސްތިހާރު ކުރުމުގެ މެކޭނިޒަމް މީގެތެރޭގައި ބައިވަރު އެބަހުރި. އެހެންވީމަ އެއީ މާ ބައިވަރު ފައިސާތަކެއް ހޭދަކޮށްގެން ކުރަންޖެހިދާނެ ކަމެއްގެ ގޮތުގައި މިކަމެއް ނޯންނާނެ. ހަމަ އެބޭފުޅަކަށް ލިބޭ މިންވަރަކުން މީގެތެރޭގަ ބައިވެރިވެގެން އެކަން ކުރެވޭނެ ގޮތްތައް ހަމަޖައްސައިދޭނަން އަޅުގަނޑުމެން".
ވީޓީވީގެ ސީއޯއޯ މުހައްމަދު ޒަހީން

މިފަހަރުގެ ސީޒަނާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަހީން ވިދާޅުވީ، މި އެޑިޝަން އާއިމެދު ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ. އެގޮތުން އެންމެ ބޮޑު ތަފާތެއްގެ ގޮތުގައި މިފަހަރުގެ ޕްރޮގްރާމުން ފެނިގެންދާނީ، އެއް ފެންވަރެއްގެ މޮޅެތި ލަވަކިޔުންތެރިންތަކެއް މީގެތެރެއިން ފެނިގެންދިއުން ކަން ޒަހީން ފާހަގަކުރެއްވިއެވެ.

މުބާރާތުގެ އޮޑިޝަން ބުރު ނިމި، ފުރަތަމަ ރައުންޑަށް ދަތުރުކޮށްފައިވާ 20 ބައިވެރިން މިހާރު ކަށަވަރުވެފައިވާއިރު، ޒަހީން ވިދާޅުވީ މި މުބާރާތް ވެގެންދާނީ "އަސްލު ޗެލެންޖަކަށް" ކަމަށެވެ.

"އަޅުގަނޑުގެ ހަމަ ވަރަށް އުންމީދު ބޮޑު މިފަހަރުގެ މުބާރާތާއިމެދު އިނގޭތޯ. އެންމެ ބޮޑު ތަފާތަކަށް އަޅުގަނޑަށް ހީވަނީ ފެންނާނީ، އެއްވަރެއްގެ ވަރަށް މޮޅެތި ލަވަކިޔުންތެރިންތަކެއް ފެނިގެންދިއުން މި މުބާރާތުގައި. މީގަ ވަރަށް ޗެލެންޖިންގ. އަސްލު ޗެލެންޖެއް މިއީ. މިފަހަރުގެ މުބާރާތް ވާނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ ހަމަ އަސްލު ޗެލެންޖަކަށް. އެއީ އަޅުގަނޑުމެންގެ ފަނޑިޔާރުންނަށްވެސް ވަރަށް އުނދަގޫވި އަޅުގަނޑުމެން އޮޑިޝަން ބާއްވައިގެން އެ އޮޑިޝަންގެ ތެރެއިން އަޅުގަނޑުމެން ބޭނުންވާ އަދަދަށް ކުދިން ހަމަކޮށްދިނުމަށް. އެއީ އޮޑިޝަންގައި ބައިވެރިވި ކުދިންގެ ފެންވަރު ހަމަ އެހާވެސް ރަނގަޅުވީމަ. އެހާވެސް މޮޅުވީމަ. އަޅުގަނޑަށް ހީވަނީ އެއީ މި މުބާރާތުގެ ކޮލިޓީ އާއިމެދު އެނގެން ބޭނުންވާ ފަރާތްތަކުން ވިސްނާލުން ވަރަށް މުހިންމު ކަމެއް ކަންނޭނގެ".
ވީޓީވީގެ ސީއޯއޯ މުހައްމަދު ޒަހީން

މުބާރާތަށް ނެގުމަށް ވީޓީވީން ކަނޑައެޅި އަދަދަށްވުރެ އިތުރަށް ބައިވެރިން މި ޕްރޮގްރާމަށް ނެގިކަމަށް ޒަހީން ވިދާޅުވިއިރު، ޕްރޮގްރާމް އެންމެ ފުރަތަމަ އިއުލާނުކުރިއިރު އޮޑިޝަންގެ ހުރަސް ގިރާކޮށް، ފުރަތަމަ އެޕިސޯޑުން ޖާގަ ލިބޭގޮތަށް އޮތީ 15 ބައިވެރިއަކަށެވެ. އެހެންނަމަވެސް އޮޑިޝަނަށްފަހު، މިއީ މިކަން ކުރަން އެންމެ ރަނގަޅު ގޮތް ނޫންކަމަށް ފެނި، ފަނޑިޔާރުންގެ އެދުމުގެ މަތިން އެ އަދަދު 20 އަށް ބަދަލުކުރުމަށް ވީޓީވީން ވަނީ ނިންމާފައެވެ. ސަބަބަކީ އެތައް ކުދިންތަކެއް އޮޑިޝަންގައި ބައިވެރިވިއިރު، އެކުދިންގެ ތެރޭގައި ވަކި ކުއްޖަކަށް ދޫނުކުރާ ވަރުގެ އެތައް ކުދިންތަކެއް ތިބެ، އެކުދިންނަށް މިކަމުގައި ކުރިއަށްދާނެ ފުރުސަތު ބަންދުވުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ނުފެންނާތީއެވެ.

އަދި ބައިވެރިންގެ ހުށަހެޅުންތަކަށް ބެލުމަށްފަހުގައި، ވަރަށް ގާތްގާތުގައި މާކްސް ހޯދާފައިވާ އެތައް ކުދިންތަކެއް ތިބިއިރު، ގުރުއަތަކަށް ގޮސްގެން ނުވަތަ އެނޫންވެސް ގޮތަކަސް ބައިވެރިން އިޚްތިޔާރު ކުރުން އެއީ އިންސާފުވެރިވާނެ ގޮތެއް ކަމަށް ވީޓީވީގެ ޕްރޮޑަކްޝަން ކްރޫ އަށްވެސް ގަބޫލު ނުކުރެވޭތީ، އިންސާފުވެރި ހަމަހަމަ އުސޫލެއްގެ ތެރެއިން ބައިވެރިންނަށް ފުރުސަތު ދޭން ބޭނުންވީއެވެ.

ޕްރޮގްރާމުގެ ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވާ އަބްދުލް ރަޝީދު އަލީ (އަބްސީ) އާއި ޝިފާ ތައުފީގުގެ އިތުރުން އުމަރު ޒާހިރުވެސް ވަނީ ބައިވެރިންގެ ލަވަކިޔުމުގެ ފެންވަރު މަތިކަން ފާހަގަކުރައްވާފައެވެ. އަދި މުބާރާތަށް ކުދިން ހޮވުމަށް ބޭއްވި އޮޑިޝަންވެސްވީ ބޮޑު ޗެލެންޖަކަށްކަން ފަނޑިޔާރުން ފާހަގަކުރެއްވިއެވެ.

މުބާރާތުގެ ފެންވަރު ދޭހަކޮށްދޭ އިތުރު ކަމެއްވެސް ފާހަގަކޮށްލެވެއެވެ. އެއީ އޮޑިޝަން ބުރުން ފުރަތަމަ ރައުންޑަށް ދަތުރުކުރި ބައިވެރިންނަށް، ވީޓީވީގެ ފަރާތުން ވަނީ ހާއްސަ ޓްރެއިނިންގ ތަކެއް، މިދާއިރާގެ އެންމެ ފުންނާބު އުސް އެއް ފަރާތް މެދުވެރިކޮށް ދީފައެވެ. އެގޮތުން މި 20 ބައިވެރިންނަށްވެސް ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުލް ހަންނާން މޫސާ ދީދީ ބޭއްވި ވޯކަލް ޓްރެއިނިންގ ކްލާސް ތަކަކުން ފުރުސަތު ހޯދައިދީފައެވެ.

ވީޓީވީ ކަރޯކޭ ޗެލެންޖް މާލެ އެޑިޝަންގެ ސްޕޮންސަރުންނަށް ވުމުގެ ފުރުސަތު އަދިވެސް ހުޅުވާލާފައި ވާކަން ވީޓީވީގެ ސީއޯއޯ މުހައްމަދު ޒަހީން ހާމަކުރެއްވިއިރު، މި ޕްރޮގްރާމުގެ ސްޕޮންސަރުންގެ ގޮތުގައި މިހާރުވެސް ގިނަ ފަރާތްތަކެއް ހަރަކާތްތެރިވާނެއެވެ.

އެގޮތުން ވީޓީވީ ކަރޯކޭ ޗެލެންޖު މާލޭ އެޑިޝަންގެ މެއިން ސްޕޮންސަރުންގެ ގޮތުގައި ދެ ޕާޓްނަރަކާއެކު ވަނީ ސޮއިކޮށްފައެވެ. އެއީ ފްލެޕްސް އިންވެސްޓްމަންޓުގެ ސަބްސިޑަރީ އެއް ކަމުގައިވާ، ދިވެހިންގެ އިތުބާރު ހޯދާފައިވާ މޮޓްލީ ހާޑްވެއަރ އަދި ރާއްޖޭގެ އެންމެ ބޮޑު ރީބްރޯޑްކާސްޓަރ މީޑިއާނެޓުއެވެ. މީޑިއާ ނެޓަކީ ކަރޯކޭ ޗެލެންޖުގެ ސްޓްރީމިންގ ޕާޓްނަރުވެސް މެއެވެ.

މީގެއިތުރުން ޗެލެންޖުގެ އެޕިސޯޑުތައް ޝޫޓު ކުރުމަށް ހަމަޖެހިފައިވާ ސޮލައިޓް އަކީ މި ޗެލެންޖުގެ ވެނިއު ޕާޓްނަރެވެ. ކަރޯކޭ ޗެލެންޖުގެ ކޭޓަރިންގ ޕާޓްނަރަކީ ސަމަރ ކެފޭއެވެ. އަދި މޭކަޕް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ސްޓްއިލޯ ސެލޫންއެވެ. ސްޓައިލޯ ސެލޫން އަކީ މަޝްހޫރު ފްރެންޗައިސް ޝޯ، އައިޑަލްގެ ރާއްޖޭގެ އެޑިޝަން، މޯލްޑިވިއަން އައިޑޮލްގައިވެސް އެ ޝޯގެ ބައިވެރިންގެ މޭކަޕް ކުރި ފަރާތެވެ.

ވީޓީވީ ކަރޯކޭ ޗެލެންޖް މާލޭ އެޑިޝަންގެ ކޮސްޓިއުމް ޕާޓްނަރުންނަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މި ވިޔަފާރި ކުރާ ދެ ފިހާރައެއް ކަމުގައިވާ ބްލޫބެރީ އެޓަޔަރ އާއި ހާފް ޕްރައިޒް އެވެ. އަދި އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި އޯލްޑް އިސް ގޯލްޑުން ހަރަކާތްތެރިވާނެއެވެ.