ފާއިތުވި 65 އަހަރު ދިވެހިރާއްޖޭގައި ހިނގާފައިވާ ލާއިންސާނީ އަމަލުތަކުގެ އިންސާފު ހޯދައިދިނުމަށް ގާއިމްކުރި އިންތިގާލީ އިންސާފުގެ އޮންބަޑްސްޕަރސްނގެ އޮފީހުގެ މުއްދަތު ސަރުކާރުން އިތުރުކޮށްފިއެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި އެއޮފީހަށް ހުށަހަޅާ މައްސަލައެއް ގިނަވެގެން 2 އަހަރު ދުވަހުގެ ތެރޭގައި ތަހުގީގުކޮށް ނިންމަން ޖެހެއެވެ. އެއޮފީހުގެ މުއްދަތު ހަމަވާން ގާތްވެފައިވާއިރު، އަދިވެސް އެއޮފީހަށް ހުށަހެޅި ގިނަ މައްސަލަތައް ނުނިމި ހުރި ނަމަވެސް އޮފީހުގެ މުއްދަތުގެ ތެރޭގައި މައްސަލަތަކަށް އިންސާފު ހޯދައިދޭނެކަމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެއެވެ.
އެކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު އިތުރުކުރަން ރައީސް ނިންމަވާފައިވާ ކަމަށާއި، އެ މުއްދަތު ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.
އިންތިގާލީ އިންސާފުގެ ގާނޫނެއް ފުރަތަމަ އެކުލަވައިލީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ވޭތުވެދިޔަ ހަތަރު ރައީސުންގެ ވެރިކަންތަކުގައި ހިނގި އަނިޔާ ބެލުމަށެވެ. އެގޮތުން އޮމްބަޑްސްޕާސަންގެ އޮފީހަށް ގާތްގަނޑަކަށް 500 މައްސަލަ ހުށަހެޅުނެވެ.
އޮންބަޑްސްޕަރސަންގެ އޮފީހަށް ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި އިންސާފް ޤާއިމްކޮށްދިނުމުގެ ބާރު ޤާނޫނުން ލިބިދީފައިވާއިރު، އެއޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މާލީ ބަދަލު ނަގައިދޭން ހުށަހެޅޭ ބާވަތުގެ މައްސަލައެއްނަމަ، އެބަދަލު ނަގައިދެވޭނެ ގޮތްތައްވެސް ވަނީ ކަނޑައަޅާފައެވެ.
ފާއިތުވި 2021 ވަނަ އަހަރު އެއޮފީހަށް 488 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެތެރެއިން 452 މައްސަލައެއް ވަނީ ބަލައި ގަތުމަށް ނިންމާފައެވެ.
އިންތިގާލީ އިންސާފުގެ އޮފީހުގެ މުއްދަތު އިތުރުކުރުމަށް ސަރުކާރުން ނިންމާފައި މިވަނީ ވައުދުވި ގޮތަށް އިންސާފު ހޯދައިދެވުނީ ކޮން ބަޔަކަށްތޯ ސުވާލު އުފައްދައި ފާޑުކިއުން ބޮޑުވެފައި ވަނިކޮށް ކަން ފާހަގަކޮށްލެވެއެވެ.