ވީޓީވީ ކަރޯކޭ ޗެލެންޖުގެ ޕާޓްނަރުންގެ ގޮތުގައި، ރާއްޖޭގައި ދިވެހި ކަރޯކޭ ޓްރެކްތައް އުފެއްދުމުގައި ގިނަ ދުވަސްތަކެއް މަސައްކަތް ކޮށްފައިވާ ދިވެހި ކަރޯކޭ ޗެނަލްތަކެއް ސޮއިކޮށްފިއެވެ.

މިމަހުގެ 5 ވަނަ ދުވަހު އޮތް ހާއްސަ ހަފްލާއެއްގެ ތެރެއިން ކަރޯކޭ ޗެލެންޖުގެ ޕާޓްނަރުންގެ ގޮތުގައި ވީޓީވީ އާއިއެކު ސޮއިކޮށްފައިވަނީ މައިސަން ކަރޯކޭ އާއި ތީލް ކަރޯކޭގެ އިތުރުން ސްމައިލް ކަރޯކޭ އިންނެވެ.

މިއާއެކު މި ޗެލެންޖުގެ ތެރެއިން ބައިވެރިން ކިޔާ ލަވަތައް ވާނީ، މި ތިން ޗެނަލް އިން އުފައްދާފައިވާ ޓްރެކްތައް ބޭނުންކޮށްގެން ކިޔާ ލަވަތަކަކަށެވެ.

2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ޔޫޓިއުބުގައި ޗެނަލް އެއް އުފައްދާ ތީލް ކަރޯކޭ އިން ފެށި މި މަސައްކަތުގައި މިހާތަނަށް 600 އަށްވުރެ ގިނަ ޓްރެކް ވަނީ އުފައްދާފައެވެ. މީގެ ތެރޭގައި ލަވަ ސެޓު ތަކާއި، ޑުއެޓް ލަވަތައް އަދި ސޯލޯ ލަވަތަކުގެ ޓްރެކްތައް ވެސް ހިމެނެއެވެ. މި ޗެނަލްގެ ޓްރެކްތަކަށް 5.7 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.

ތީލް ކަރޯކޭ އާއި ވީޓީވީ އާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރީ ތީލް ކަރޯކޭގެ ވެރިޔާއެވެ.

ވީނިއުސް އާއި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ވީޓީވީ ކަރޯކޭ ޗެލެންޖުގެ ޕާޓްނަރަކަށް ވުމަށް ނިންމެވީ، ވީޓީވީ އަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ބޮޑު އެއްބާރުލުމެއްދޭ ތަނެއްކަމުން، މިކަމުގެ ސަބަބުން ދާއިރާއަށް ބޮޑު ފައިދާތަކެއް ލިބި، ފަންނުގައި ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ކަރޯކޭ ޗެލެންޖުގެ ތެރެއިން ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބޭނެކަން އެނގޭތީ ކަމަށެވެ.

"ވީޓީވީ އަކީ މީގެކުރިންވެސް މިކަހަލަ ކަންތައްތަކަށް އެއްބާރުލުންދީ ތަރުޚީބުދޭ ބައެއްކަން އެނގިފަ އޮތީ. ކަރޯކޭ މުބާރާތް އެކަންޏެއް ނޫން، މިއުޒިކްގެ ވަރަށް ގިނަ މުބާރާތްތައް ވީޓީވީން ވަރަށް އިންތިޒާމްކުރޭ. އަޅުގަނޑު ހަނދާންވޭ މޯލްޑިވިއަން އައިކަންވެސް. ދެން އެގޮތުން ވީޓީވީ އަކީ މިކަހަލަ ކަންތައްތަކަށް ވަރަށް އެއްބާރުލުންދޭ ތަނެއްކަން އެނގޭ. ދެން އެނގޭ އަޅުގަނޑުމެންގެ ޚިޔާލާ ވީޓީވީގެ މެނޭޖްމަންޓުގެ ޚިޔާލު ވަރަށް އެއްގޮތްކަން. މިތާނގަ މިކަން ކުރަންތިބި މީހުންނަކީ މި ކަހަލަ ކަންތަކުގަ ވަރަށް ސަޕޯޓިވް ބައެއްކަން އެނގޭތީވެ ކުރިއަށް ދާން ނިންމީ. ދެން މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެކަންވެސް އެނގޭތީވެ. އަދި ކަރޯކޭގެ ވިޔަސް އަދި މި ފަންނުގައި ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށްވެސް ފުރުސަތުތަކެއް އޮންނާނެކަން އެނގޭތީވެ".
ތީލް ކަރޯކޭގެ ވެރިޔާ

މުބާރާތުގެ ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރި މައިސަން ކަރޯކޭ އަކީ ފުރަތަމަ ފަހަރަށް ރަސްމީކޮށް ޗެނަލް އެއް ހުޅުވައިގެން ދިވެހިންނަށް ދިވެހި ލަވަތައް ކިޔޭނެ މަގުފަހިކޮށްދިން ޗެނަލް އެވެ. އެ ޗެނަލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، މުހައްމަދު ނަސީމް އެވެ. ވީނިއުސް އާއި ވާހަކަދައްކަވަމުން ނަސީމް ވިދާޅުވީ، މައިސަން ކަރޯކޭ އިން ކަރޯކޭ ޗެލެންޖުގައި ޕާޓްނަރެއްގެ ގޮތުގައި ކުރިއަށްދާން ބޭނުންވީ، މި މަސައްކަތަކީ އެބޭފުޅުންވެސް ކުރައްވާ މަސައްކަތް ކަމުން، ވީޓީވީން ހުޅުވާލަދިން މި ޕްލެޓްފޯމާއި ގުޅުމުން، ކަރޯކޭއަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ބޮޑު އެހީތެރިކަމެއް ދެވިދާނެކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

2018 ވަނަ އަހަރުގެ އޮކްޓޮބަރު މަހުގެ 20 ވަނަ ދުވަހު ވުޖޫދުކުރި މައިސަން ކަރޯކޭ ޔޫޓިއުބް ޗެނަލްގައި 950 އަށްވުރެ ގިނަ ލަވަތަކުގެ ޓްރެކްތައް އަޕްލޯޑު ކޮށްފައިވެއެވެ. މައިސަން ކަރޯކޭ އަކީ އެންމެ ގިނަ ލަވަތަކުގެ ޓްރެކްތައް ހިމެނޭ ދިވެހި ކަރޯކޭ ޗެނަލް އެވެ. އަދި އެ ޗެނަލް އިން އަޕްލޯޑު ކޮށްފައިވާ ޓްރެކްތަކަށް 3.2 މިލިއަނަށްވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ.

މި ޕްރޮގްރާމުގައި ބޭނުންކުރާ މައިސަން ކަރޯކޭގެ ޓްރެކްތަކަކީ ފެންވަރު ރަނގަޅު، ކޮންމެ މީހަކަށްވެސް އުނދަގޫކަމެއް ނެތި ކިޔޭނެ ގޮތަކަށް ތައްޔާރުކޮށްފައިވާ ޓްރެކް ތަކެއްކަން ނަސީމް ފާހަގަކުރެއްވިއެވެ.

"މައިސަން ކަރޯކޭ އަކީ އަސްލު ދިވެހި ކަރޯކޭގެ ފެށުން. އެގޮތުން އަލަށް ދިވެހި ކަރޯކޭ ޗެނަލް އެއްގެ ސިފައިގައި މިކަމަށް އިންޓަރެސްޓް ހުރި ފަރާތްތަކަށް މިކަން ކުރުމަށް ޕްލެޓްފޯމެއް ހުޅުވައިދިން ޗެނަލް އަކީ މައިސަން ކަރޯކޭ. ހަމަ އެއާއިއެކު އަޅުގަނޑުމެންގެ ޗެނަލް އަކީ ކަރޯކޭ ޖައްސާ ފަރާތްތަކަށް، (ހާއްސަކޮށް) ކަރޯކޭ ޖައްސާ ހުރިހާ ފަރާތްތަކަކީ ޕްރޮފެޝަނަލް ލަވަކިޔުންތެރިންތަކަކަށް ނުވާތީ އާއިއެކު، އެ ފަރާތްތަކަށް ފަސޭހައިން ލަވަ ކިޔޭނެ ގޮތަކަށް ޓްރެކްތައް ތައްޔާރުކޮށްފައި ހުންނާނީ. ސިންކިންގ ވެސް ހަމަ 95 ޕަސެންޓް ރަނގަޅުވާނެ. އެހެންވީމަ ބަލައިގެން ކިޔާނަމަ ވަރަށް ރަނގަޅަށް ކިޔޭނެ".
މައިސަން ކަރޯކޭގެ ފަރާތުން މުހައްމަދު ނަސީމް

ވީޓީވީ ކަރޯކޭ ޗެލެންޖުގެ ޕާޓްނަރުންގެ ގޮތުގައި ސޮއިކުރި ތިންވަނަ ކަރޯކޭ ޗެނަލް އަކީ ސްމައިލް ކަރޯކޭ އެވެ. ސްމައިލް ކަރޯކޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފަޒްލީ އަގީލް އެވެ.

2019 ވަނަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު ރަސްމީކޮށް ޗެނަލް އެއް ހުޅުވައިގެން ޔޫޓިއުބް މެދުވެރިކޮށް ދިވެހި ލަވަތަކުގެ ޓްރެކް އަޕްލޯޑު ކުރަމުންދާ މި ޗެނަލްގައި 100 އަށްވުރެ ގިނަ ލަވަތަކުގެ ޓްރެކް ހިމެނެއެވެ.

ދިވެހި ކަރޯކޭ ޗެނަލްތަކާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވީނިއުސް އާއި ވާހަކަދައްކަވަމުން ވީޓީވީގެ ސީއޯއޯ މުހައްމަދު ޒަހީން ވިދާޅުވީ، ވީޓީވީ ކަރޯކޭ ޗެލެންޖު ކުރިއަށް ގެންދަން ނިންމާފައިވަނީ މި ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު މިކަމުގެ ތެރޭގައި ޝާމިލުކޮށްގެން ކަމަށެވެ.

އަދި ކަރޯކޭގެ ޗެނަލްތައް އުފައްދާ އެހެން ފަރާތްތަކަށް އެ ފޯރުކޮށްދޭ ބޭފުޅުންނަކީ އާންމުކޮށް ނުފެންނަ ބައެއްކަމުން، މި ޕްރޮގްރާމުގެ ތެރެއިން އެފަދަ ފަރާތްތަކުން ކުރާ މިންނެތް، ބުރަ މަސައްކަތްތަކާއި، އެ ބޭފުޅުންގެ އަގު ވަޒަން ކުރުމަކީ މުހިންމުކަމެއް ކަމަށް ދެކޭކަން ޒަހީން ފާހަގަކުރެއްވިއެވެ. އަދި ބޭނުންވަނީ ރާއްޖޭގައި މި މަސައްކަތް ކުރާ ހުރިހާ ޗެނަލްތަކަކާއެކު ކުރިއަށް ދާން ކަމަށް ޒަހީން ވިދާޅުވިއެވެ. އަދި މިހާރު ސޮއިކުރެވުނު ފަރާތްތަކުގެ އިތުރުން އެހެން ޗެނަލްތަކަށްވެސް މިކަމުގައި ޝާމިލުވުމުގެ ފުރުސަތު އެބައޮތްކަން ޒަހީން ހާމަކުރެއްވިއެވެ.

"ވީޓީވީގެ މިފަހަރުގެ ބޭނުމަކީ އަސްލުގަ ދާއިރާގައި މިކަން ކުރާ ހުރިހާ އެންމެން އޮންބޯޑު ކޮށްގެން މިކަން ކުރުން އަޅުގަނޑުމެންގެ ވިސްނުމަކީ. އަޅުގަނޑުމެން މިއަދު ސޮއިކުރީ، އެހެންޏާ މީގަ ނުފެންނަ ބަޔަކާއެކީގަ. އެއީ ކަރޯކޭ ޗެނަލްތަކާ އެކީގަ. އަޅުގަނޑުމެން އަސްލުގަ ބޭނުންވީ ދިވެހިރާއްޖޭގަ ކަރޯކޭ ޓްރެކްތައް އުފައްދާ ހަމަ ހުރިހާ ބޭފުޅުންނާ އެކީގަ މަސައްކަތް ކުރަން. ކަންދިމާ ކުރި ގޮތުން ހުރިހާ ބޭފުޅުންނަށް މީޓިންގ ތަކަށް އައިސް މިކަމުގަ އުޅެވޭ ގޮތް ނުވީ. މިކަންކަމަކީ އެކިކަހަލަ މަސައްކަތް ކުރާ ފަރާތްތަކުން އެހެން މަސައްކަތްތައް ކުރައްވަމުން އަމިއްލަ ވަގުތުގަ މިކަހަލަ މަސައްކަތްތައް މި ކުރަނީ. ދެން މިވަގުތު މިކަމަށް ވަގުތުދީގެން މިކަން ކުރެވެން ހުރި ބޭފުޅުންނާއެކު އަޅުގަނޑުމެން އެއްބަސްވުމުގައި ސޮއި މިކުރީ. އެހެންނަމަވެސް މީގެ މާނައަކީ އެހެން ބޭފުޅުންވެސް އަޅުގަނޑުމެންނާ އެކީގަ ކުރިއަށް ނުދާނެ ވާހަކައެއް ނޫން. އެފަރާތްތަކަށް އެފުރުސަތު އޮންނާނެ".
ވީޓީވީގެ ސީއޯއޯ މުހައްމަދު ޒަހީން

ޒަހީން ވިދާޅުވީ ކަރޯކޭ ޓްރެކްތައް އުފައްދާ، ކަރޯކޭ ޖައްސަން ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުމަށްޓަކައި ޗެނަލްތައް އުފައްދާ ފަރާތްތަކުން ކުރާ މަސައްކަތަކީ ފާހަގަކުރަންޖެހޭ މަސައްކަތްތަކެއް ކަމަށެވެ. މިއީ އިންތިހާ ބުރަ މަސައްކަތަކަށް ވީހިނދު، އެއްވެސް މަންފާއެއް ނުލިބޭ ގޮތަށް ކުރާ މި މަސައްކަތުގެ ސަބަބުން ގިނަ ބަޔަކަށް މިކަމުގައި ޝާމިލުވެ އުޅުމުގެ ފުރުސަތު ލިބުން އެއީ ޝުކުރު ހައްގު މަސައްކަތެއްކަން ޒަހީން ފާހަގަކުރެއްވިއެވެ.

ވަރަށް ކާމިޔާބު ތިން ސީޒަނަށްފަހު ވީޓީވީ ކަރޯކޭ ޗެލެންޖު މާލޭ އެޑިޝަންގެ ނަމުގައި މި ޕްރޮގްރާމުގެ ހަތަރުވަނަ ސީޒަންގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ގިނަ ބައެއްގެ ތަރުޚީބު މި ޕްރޮގްރާމަށް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.

ޕްރޮގްރާމުގައި ބައިވެރިވުމަށް އޮތް އޮޑިޝަނުގައިވެސް އެތައް ކުދިންތަކެއް ބައިވެރިވިއިރު، ޕްރޮގްރާމް ސްޕޮންސަރ ކުރުމަށްވެސް ގިނަ ވިޔަފާރިތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

މިމަހުގެ މެދުތެރޭގައި ޓީވީން ދައްކަން ފަށާ މި ޕްރޮގްރާމުގެ އޮޑިޝަން ބުރު ގިރާކޮށް، ފުރަތަމަ ބުރަށް ދަތުރުކުރާ 20 ބައިވެރިން މިހާރު ވަނީ ޔަގީންވެފައެވެ. އަދި މި 20 ބައިވެރިންނަށް، ވީޓީވީގެ ފަރާތުން ވަނީ ހާއްސަ ޓްރެއިނިންގ ސެޝަންތަކެއްވެސް ބާއްވާދީފައެވެ. މި ޓްރެއިނިންގ ކްލާސްތައް ނަންގަވާ ދެއްވަނީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގެ ލެޖެންޑް، އަބްދުލް ހަންނާން މޫސާ ދީދީ އެވެ.