ފަނޑިޔާރުން އައްޔަން ކުރުމާއި ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ މަސްއޫލިއްޔަތު އަދާކުރާ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކުރުމާއި ގުޅޭ ގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ނިންމައި، އެ ފުރުސަތު ހުޅުވާލައިފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި ޖޭއެސްސީ އެކުލެވިފައިވާ އޮންނަންޖެހޭ ގޮތާ ގުޅޭގޮތުން އާންމު ފަރުދެއްގެ ޚިޔާލެއް އޮތްނަމަ އެކަމަށް ހާއްސަ ފޯމު މެދުވެރިކޮށާއި މެއިލް މެދުވެރިކޮށް މިހާރު ހުށައެޅޭނެއެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުތައް އެކުލެވޭ ބިލު އެކުލަވާލައި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ޖޭއެސްސީ އަކީ ދާދި ފަހަކާ ޖެހެންދެން އެތައް ބައެއްގެ ފާޑުކިޔުން އަބަދުވެސް އަމާޒުވަމުން އައި މުއައްސަސާއެއް ކަމަށް ވިޔަސް، އެ ކޮމިޝަންގެ މަސައްކަތްތަކަށް މިފަހުން ބަދަލުތަކެއް ވަނީ އައިސްފައެވެ.

އެގޮތުން، ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހެޅިފައި ޝަކުވާތައް އަވަހަށް ބަލަން ފެށުމާއި ކޯޓުތަކުގެ މައްސަލަތައް ނުނިމި އެތައް އަހަރެއް ހޭދަވާ ސަބަބު ހޯދައި، މައްސަލަތައް އަވަސް ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ އިތުރުން ޖޭއެސްސީގެ މަސައްކަތްތައް ހާމަކުރަން ފެށުމަކީ އޭގެ މިސާލުތަކެވެ.

އެކަމަކު އެ ބަދަލުތައް އެގޮތަށް ފެނުނަސް ޝަރުއީ ދާއިރާއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގައި ޖޭއެސްސީއަށް ގެންނަންޖެހޭ ބަދަލުތަކެއް އެބަ ހުއްޓެވެ. އެކަން ކުރުމަށް ސަރުކާރުން މިހާރު އެވަނީ މަސައްކަތް ފަށާފައެވެ.

ޖޭއެސްސީއަށް އިސްލާހު ގެނެއުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރަމުންދާ ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ދެފުށް ފެންނަ، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަނީ އެކޮމިޝަނަކީ ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށްޓަކައެވެ.

މިބިލު އެކުލަވާލުމަށްޓަކައި ބޭނުންވާ މަޝްވަރާއާއި ޚިޔާލު ހޯދުމުގެ ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ކޯޓުތަކުގެ ފަނޑިޔާރުންނާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. އަދި މަދަނީ ޖަމިއްޔާތަކުން ވެސް އެމަޝްވަރާތަކުގައި ބައިވެރިވާން މިހާރު ވަނީ ހުޅުވާލާފައެވެ.

ޖޭއެސްސީ އިސްލާހްކުރާ ބިލު އެކުލަވާލުމުގައި، ޝަރުޢީ ދާއިރާއާއި ކަމާބެހޭ އެނޫންވެސް ފަރާތްތަކާ މަޝްވަރާކުރުމުގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ފެންނާތީ، ކަމާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށްޓަކައި، އެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާފައި ވަނީ އިއްޔެއެވެ.

ޖޭއެސްސީ އިސްލާހްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ.