މާލޭގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އަމީނީ މަގު ހެދުމަށް އެމަގުގައި ހުރި ގަސްތައް ކަނޑަމުންދާތީ އެކަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ މައްސަލައިގައި އަންނަ އާއްދިއްތަ ދުވަހު ގޮތެއް ނިންމާނެ ކަމަށް ސިވިލް ކޯޓުން ބުނެފިއެވެ.
މިމައްސަލައިގެ ފުރަތަމަ އަޑުއެހުން އިއްޔެ ބާއްވާފައިވާއިރު، ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު މައްސަލަ ބައްލަވާ ގާޒީ މަރިޔަމް ވަހީދު ވިދާޅުވީ ހުށަހަޅާފައިވާ ހެއްކަށް ރިއާޔަތްކުރުމަށް ފަހު މައްސަލައާ މެދު އަންނަ އާދިއްތަ ދުވަހު ގޮތެއް ނިންމާނެ ކަމަށެވެ.
އަމީނީ މަގުގެ ގަސްތައް ނެގުން ހުއްޓުވައިދިނުން އެދި ރައީސް ނަޝީދުގެ ފަރާތްޕުޅުން އެމައްސަލަ ހުށަހަޅުއްވާފައިވަނީ އެމައްސަލައިގައި އެމަނިކުފާނު ތަމްސީލްކުރާ ލޯ ފަރމް ޝުނާނާ އެންޑް ކޯއިންނެއެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން ކޯޓުގައި ވިދާޅުވެފައިވަނީ އަމީނީމަގު ހެދުމުގެ އީއައިއޭ ރިޕޯޓުގައި ތާރު އެޅުމުގެ ބަދަލުގައި ގާ އަޅައިގެން މަސައްކަތް ކުރަން ލަފާދީފައިޥާ ކަމަށާއި، ގާ އަޅައިގެން އެ މަސައްކަތް ކުރާ ނަމަ، ގަސް ނުނަގައި އެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށެވެ.
އަދި އެމަޝްރޫއުގެ އީއައިއޭ ރިޕޯޓު ފުރިހަމަ ނޫން ކަމަށާއި، ގަސް ނެގުމުގެ ސަބަބުން ވައި ނުސާފުވާނެ މިންވަރާއި، މޫސުމަށް ބަދަލު އަންނާނެ ކަމަށް ލަފާކުރެވޭ މިންވަރާއި، ގެއްލުން ކުޑަކުރެވޭނެ ނިސްބަތް އަދި މީހުންގެ ސިއްހަތަށް ގެއްލުން ވާނެ ގޮތްތައް ދިރާސާކުރެވިފައި ނުވާކަމަށް ރައީސް ނަޝީދުގެ ވަކީލުން ވިދާޅުވެފައިވެއެވެ.
ނަމަވެސް ދައުވާ ލިބޭ ފަރާތުގެ ވަކީލުން ވިދާޅުވެފައިވަނީ އަމީނީމަގުގެ ގަސްތައް ނަގައިގެން ކުރިޔަށް ގެންދާ މަޝްރޫއުއިން ލިބޭ ގެއްލުން އިއާދަ ކުރެވޭނެ ކަމަށާއި އޮފިއެލޭ ގަސްތައް ނެގުމަށް ފަހު އިންދާނީ ފޯދިފައިވާ ގަސްތައް ކަމަށެވެ.
މައްސަލަ ކޯޓަށް ހުށަހެޅުއްވުމުގެ ކުރިން ރައީސް ނަޝީދު ވަނީ ގަހެއް ހެދުމަށް 15 ނޫނީ 20 އަހަރު ނަގާ ކަމަށާއި ނަމަވެސް މަގެއް ހެދުމަށް ނަގަނީ ދެތިން މަސް ކަމަށާއި، އެހެންކަމުން ގަސްތައް ނުނަގައި މަގު ހެދޭނެ ގޮތެއް ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވެފައެވެ.
އަމީނީ މަގުގައި ތާރުއަޅައި އެ މަގު ތަރައްޤީކުރުމުގެ މަސައްކަތް މާލޭ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓުގެ ދަށުން ހަވާލުކޮށްފައިވަނީ ސަރުކާރުގެ މަގު ހަދާ ކުންފުނި ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނާއެވެ.