ރާއްޖޭގައި ސައިބަރ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރާއި ބަޙްރައިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ، (ބަޓެލްކޯ) އާއި ދިރާގާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބަޙްރައިނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ބަޙްރައިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ) ގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރެވެ. ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ރަޝީދެވެ. އަދި ބަޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއަރމަން ޝެއިޚް ޢަބްދުالله ބިން ޚަލީފާ އަލް ޚަލީފާއެވެ.
ބަޓެލްކޯއާއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޑިޖިޓަލް ތަރައްޤީގައި އެންމެ އިސްކޮށް މަސައްކަތް ކުރާ އޭޖެންސީއެއް ކަމަށްވާ ނެޝެނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)އިން ދިވެހިންނަށް ރައްކާތެރި ސައިބަރ ސްޕޭސްއެއް ކަށަވަރުކޮށްދިނުމުގެ ގޮތުން، ދިރާގާއި ބަޓެލްކޯގެ ބިޔޯން ސައިބަރގެ ތަޖުރިބާކާރު ވަސީލަތްތައް މެދުވެރިކޮށް ޚިދުމަތް ލިބިގެންދާނެއެވެ.
އޭގެ ތެރޭގައި އެޑްވައިޒަރީ އަދި ކޮންސަލްޓެންސީ، ސެކުއިރިޓީ އިންޖިނިއަރިންގ، ސައިބަރ ޑިފެންސް، ސެކިއުރިޓީ އެޝިއުރެންސް، ސައިބަރ ތުރެޓް އަދި ތުރެޓް ހަންޓިންގ އަދި އިންސިޑެންޓް ރެސްޕޮންސް ހިމެނެއެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ، ދިރާގާއެކު މި ވެވުނު އެއްބަސްވުމުގެ ސަބަބުން، ސައިބަރ ސްޕޭސް އަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ރައްކާތެރި ތަނަކަށް ހެދުމަށާއި، ސަރުކާރުގެ ޤާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ލިބިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މީގެއިތުރުން، ބަޓެލްކޯގެ ޗެއަރމަން ޝެއިޚް ޢަބްދުالله ބިން ޚަލީފާ އަލް ޚަލީފާ ވިދާޅުވީ، ރާއްޖެ އާއި ބަޙްރައިން އާއި ދެމެދު އޮންނަ ގުޅުން ފާހަގަ ކުރައްވާ، ދިވެހި ސަރުކާރާއި އެކު އެއްވަސްވުމެއްގައި ސޮއި ކުރުމަކީ އެކުންފުޏަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަން ފާހަގަ ކުރައްވާފައެވެ.
ބަޙްރައިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ އަކީ އެ ޤައުމުގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް ކޮމިއުނިކޭޝަންސް ސޮލިއުޝަންސް ފޯރުކޮށްދޭ ކުންފުންޏެވެ.
ބަޓެލްކޯއިން ދަނީ ބަޙްރައިންގެ ސަރުކާރާއި އެންޓަޕްރައިޒް، ކޮންސިއުމާރ އަދި ދުނިޔޭގެ މާކެޓުތަކަށް ޚިދުމަތް ދެމުންނެވެ. މިގޮތުން އެކުންފުނީގެ ޓިއަރ 3 ސެޓިފައިޑް ފެސިލިޓީތަކުން ދަނީ މޮބައިލް، އިންޓަނެޓް، ޑޭޓާ، ކްލައުޑް ސާވިސަސް، އަދި ޑޭޓާ ސެންޓާ ސޮލިއުޝަންސް ފޯރުކޮށްދެމުންނެވެ.
ބަޓެލްކޯއާއެކު ވެވުނު މި އެއްބަސްވުމަކީ ރާއްޖޭގެ ސައިބަރ ސެކިއުރިޓީ އިންފްރާސްޓްރަކްޗަރ ވަރުގަދަ ކުރުމަށް ލިބުނު އިތުރު ބާރެއްކަމަށް ދިރާގުން ބުނެއެވެ.