ރ. ދުވާފަރު ކައުންސިލުން ހިންގި ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހާމަކޮށްފައިވާ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ނިންމައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޑިއުޓީ ޕްރޮސިކިއުޝަންގައި މަޝްވަރާކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.

ދުވާފަރު ކައުންސިލުން ރައްޔިތުންގެ ފައިސާއިން 2 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވި މައްސަލައެއް ފެންމަތިވެފައިވާއިރު މިކަން ފެންމަތިވެފައިވަނީ އެލްޖީއޭއިން އެކުލަވާލި ދުވާފަރު ކައުންސިލްގެ ޚާއްސަ މޮނިޓަރިން ރިޕޯޓެއްގައެވެ. ރިޕޯޓުގައިވާ ގޮތުން ކައުންސިލުގެ ބައެއް މެމްބަރުންނާއި އެއިދާރާގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ލިޔެކިޔުންތަކުން ފެންނަން ނެތްގޮތަށް ކައުންސިލުގެ ބަޖެޓުން 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޖަމާކޮށްފައެވެ.

އޭސީސީން ބުނީ އެކޮމިޝަނަށް މައްސަލަ ހުށަހެޅި ހިސާބުން ފެށިގެން ބާރު ސްޕީޑުގައި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އޭސީސީގެ އިންވެސްޓިގޭޓަރުން ހިމެނޭ ޓީމެއް އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ދުވާފަރަށް ގޮސް، އެ މައްސަލައާ ގުޅޭ ލިޔެކިއުންތައް ބަލައި ދިރާސާ ކުރުމުގެ އިތުރަށް، ތަހުގީގަށް ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކޮށްފައިވެއެވެ.

އަދި، ފައިސާއާ ގުޅޭ މުޢާމަލާތްތައް ހިންގާފައިވާގޮތްވެސް އޭސީސީން ބަލާނެކަމަށް ވެސް އެކޮމިޝަނުން ބުނެއެވެ.

މައްސަލައާއި ގުޅިގެން އެކޮމިޝަނުން މިއަދު ބުނީ އެމައްސަލައިގެ ތަހުގީގު މިހާރު ނިމިފައިވާ ކަމަށާއި، ޑިއުޓީ ޕްރޮސިކިއުޝަންގައި މަޝްވަރާކުރުމަށް މިހާރު ޕީޖީއަށް ފޮނުވައިފައި ކަމަށެވެ.

އަދި، އެރަށު ކައުންސިލްގެ 12 މުވައްޒަފަކު ހިންގާފައިވާ ކޮރަޕްޝަންގެ އެ މުއާމަލާތްތަކާ ގުޅިގެން ތަހުގީގަށް ހޯދިފައިވާ ކަންކަމަށް ބަލާއިރު، އެ މައްސަލައިގައި ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް އުސޫލުތަކާއި ޚިލާފަށް ހިންގާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށްވެސް އޭސީސީން ބުނެއެވެ.

އެލްޖީއޭއިން ހާމަކުރި ރިޕޯޓުގައި ބަޔާންކޮށްފައިވާގޮތުގައި ލާމަރުކަޒީ ގާނޫނާއި އެގާނޫނުގެ ދަށުން އެ އޮތޯރިޓީން ންމުކޮށްފައިވާ އުސޫލުތަކާއި މާލިއްޔަތު ގާނޫނާއި، މާލިއްޔަތު ގަވާއިދާއި އަދިވެސް އެހެނިހެން ކަންކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކަށް ދުވާފަރު ކައުންސިލުން އަމަލުކޮށްފައެއް ނުވެއެވެ. އަދި، ކައުންސިލަރުންގެ ޒިންމާތަކާއި، ވާޖިބުތައް އަދާކުރުމުގައި، ފަރުވާ ކުޑަކުރާ ކަމަށާއި، ކައުންސިލުން ބަލަހައްޓަންޖެހޭ އެއްވެސް ލިޔެކިޔުމެއް ގާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތަށް ބަލަހައްޓަމުން ނުގެންދާކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.

މިމައްސަލައާއި ގުޅިގެން އެރަށު ކައުންސިލުން ބުނީ އެލްޖީއޭގެ ރިޕޯޓުގައި ހަގީގަތް އޮޅޭ ގޮތަށް ގިނަ ވާހަކަތަކެއް ހިމަނާފައިވާ ކަމަށާއި، ކައުންސިލަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ރިޕޯޓު އާންމުކުރުން ބަލައިނުގަނެވޭ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.

މިމައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ.