ސްރީލަންކާގައި، މަރުގެ ހުކުމް އިއްވައި ޖަލަށް ލާފައި ހުރި ގައިދީއަކު، ކުކުޅުރިހަ ތެއްޔަކަށް ވެއްޓި ލިބުނު އަނިޔާއަށް ފަރުވާދެމުން ގެންދަނިކޮށް މަރުވެއްޖެއެވެ.

އޭނާ މަރުވީ، ޓެންގޯލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނިކޮށެވެ.

ގައިދީ ކުކުޅުރިހަ ތެއްޔަށް ވެއްޓުނު ހާދިސާ ހިނގާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ދުވަހުއެވެ. މިހާދިސާ ހިނގާފައިވަނީ ސްރީލަންކާގެ އަގުނަކޮލަޕަލައްސަ ޖަލުގައެވެ.

ޖަލުގެ ތަރުޖަމާނު ބުނީ، އެ ގައިދީ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ކުކުޅުރިހަ ތެއްޔަށް ވެއްޓުމުގެ ސަބަބުން ވަރަށް ބޮޑަށް ފިހިގެންނެވެ.

އެކަން ހިނގައިދިޔަ ގޮތާ ގުޅޭގޮތުން ތަރުޖަމާނު ބުނީ، މަރުވި ގައިދީއަކީ ޖަލުގެ ބަދިގޭގައި މަސައްކަތް ކުރުމުގެ ވަޒީފާ ދީފައި ހުންނަ ގައިދީއެއް ކަމަށެވެ.

ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު އެ ގައިދީ، ބަދިގޭގައި ކައްކަން އުޅުމުގެ ތެރޭގައި އެހެން ގައިދީއަކާ ދެމީހުންވެގެން އުނދުންމަތީގައި އުދާފައި ހުރި އެހެން ރިހަ ތެއްޔެއް ބާލަން އުޅުމުގެ ތެރޭގައި ފައި ކަހާލައިގެން ކައިރީގައި ކައްކާފައި ހުރި ކުކުޅުރިހަ ތެލި ތެރެއަށް ފަހަތަށް ވެއްޓުނީ ކަމަށް ޖަލުގެ ތަރުޖަމާނު ބުންޏެވެ.

ކުކުޅުރިހަ ތެލި ތެރެއަށް ވެއްޓުނު ގައިދީ މަރުވެފައިވަނީ އޭނާއަށް ލިބުނު އަނިޔާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއީ، އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނުތާ ދިހަވަނަ ދުވަހެވެ.

ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުންވަނީ، ގައިދީ ރިހަތެލި ތެރެއަށް ވެއްޓުނު ހާދިސާ ތަހްގީގުކޮށްފައެވެ. ތަހްގީގަށް ހާމަވީ، އެކަން ހިނގީ އެކްސިޑެންޓަކުން ކަމަށެވެ.

މަރުވި ގައިދީގެ ނަމެއް ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އެ ގައިދީއަކީ މީހަކު މަރާލުމުގެ ކުށް ސާބިތުވެ 2001 ވަނަ އަހަރު މަރުގެ ހުކުމް އިއްވައި 25 އަހަރަށް ޖަލަށް ލާފައިވާ މީހެވެ.

25 އަހަރަކީ، ސްރީލަންކާގައި އުމުރުދުވަހުގެ ޖަލުހުކުމް އިއްވާ މުއްދަތެވެ.

ސްރީލަންކާގައި މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލާފައިވާތީ، މަރުގެ ހުކުމާއެކު އިއްވަނީ 25 އަހަރުގެ ޖަލު ހުކުމެކެވެ.

ކުކުޅުރިހަ ތެއްޔަށް ވެއްޓި ލިބުނު އަނިޔާގައި މަރުވި ގައިދީއަށް މައާފްދީ ޖަލުން މިނިވަން ކުރުމަށް ތާވަލްކޮށްފައިވަނީ 2028 ވަނަ އަހަރު ކަމަށް ޖަލުގެ ތަރުޖަމާނު ބުނެފައި ވެއެވެ.