ވީޓީވީ ކަރޯކޭ ޗެލެންޖަކީ ރާއްޖޭގައި ކަރޯކޭއަށް ޝައުގުވެރިވާ ފަރާތްތަކަށް، ވާދަވެރި މާހައުލެއްގައި އެކަންކުރަން އޮތް އެންމެ ބޮޑު ޕްލެޓްފޯމެވެ.
ދާއިރާގައި ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އެމަގު ކޮށައިދީ، އުންމީދުގެ ހުޅުކޮޅު ދިއްލާލަދިން ބައިވެރިޔާއެވެ.
ކަން މިހެން އޮތުމާއެކު، އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު އަނެއްކާވެސް ވީޓީވީން ކަރޯކޭ ޗެލެންޖުގެ 4 ވަނަ އެޑިޝަން އިއުލާނުކޮށް، މި ޕްރޮގްރާމުގެ މަސައްކަތް ފެށުމާއެކު އޮޑިޝަނުގައި އެތައް ކުދިންތަކެއް ވަނެއް ބައިވެރިވެފައެވެ. މީގެއިތުރުން ޕްރޮގްރާމަށް އެހީވުމަށް ޕާޓްނަރުންގެ ގޮތުގައި އާއި، ސްޕޮންސަރުންގެ ގޮތުގައިވެސް ގިނަ ފަރާތްތަކަކުން އަންނަނީ ބައިވެރިވެ، މި މަސައްކަތުގައި ވީޓީވީ އަށް އެހީތެރިވާން ޝައުގު ފާޅުކުރަމުންނެވެ.
ހުސްވި ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު، ސޮލައިޓް ރެސްޓޯރަންޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިންވެސް މިމަންޒަރު ފެނިގެންދިޔައެވެ. ވީޓީވީ ކަރޯކޭ ޗެލެންޖުގެ ސްޕޮންސަރުންގެ ގޮތުގައި ގިނަ އަދަދެއްގެ ވިޔަފާރިތަކުން ސޮއިކުރިއެވެ.
އެގޮތުން މި ޕްރޮގްރާމުގެ މެއިން ސްޕޮންސަރުންގެ ގޮތުގައި ސޮއިކޮށްފައިވަނީ މީޑިއާނެޓާއި މޮޓްލީ ހާޑްވެއަރ އެވެ. މީޑިއާ ނެޓަކީ މުބާރާތުގެ ސްޓްރީމިންގ ޕާޓްނަރވެސް މެއެވެ. މި ޕްރޮގްރާމުގެ ވެނިއު ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރީ ސޮލައިޓް ރެސްޓޯރަންޓެވެ. ކޮސްޓިއުމް ޕާޓްނަރުންގެ ގޮތުގައި ބްލޫބެރީ އެޓަޔަރސް އާއި ހާފް ޕްރައިޒް ސޮއިކުރިއިރު، މޭކަޕް ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރީ ސްޓައިލޯ ސެލޫންއެވެ. އަދި ކޭޓަރިންގ ޕާޓްނަރެއްގެ ގޮތުގައި ސަމާ ކެފޭއިން ސޮއިކުރިއިރު ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރީ ގްރެފައިޓް އެވެ. އަދި އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި އޯލްޑް އިސް ގޯލްޑްގުން ވަނީ ސޮއިކޮށްފައެވެ.
ޕްރޮގްރާމުގެ ހައިބަތު ބޮޑުވެ، މިއީ އާންމުންގެ މެދުގައި މަގްބޫލުވާނެ ކަރޯކޭ ޗެލެންޖުގެ އެޑިޝަނަކަށް ވުމުގެ ފުރިހަމަ ޔަގީންކަމާއެކު މިމަހުގެ 5 ވަނަ ދުވަހުވެސް އިތުރު ޕާޓްނަރުންތަކެއް މި ޕްރޮގްރާމާއި ގުޅުނެވެ. އެގޮތުން ލައިޓިންގ އެންޑް ސައުންޑް ޕާޓްނަރެއްގެ ގޮތުގައި އޮފިޝަލް އިވެންޓްސް އިންވަނީ ސޮއިކޮށްފައެވެ. އަދި ސަޕޯޓިންގ ޕާޓްނަރެއްގެ ގޮތުގައި ޕްލެނެޓް ބިޒް އިންވެސް ވަނީ ސޮއިކޮށްފައެވެ.
އެއަށްފަހު ވީޓީވީ އާއިއެކު މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް އެހީތެރިވުމަށް އެއްބަސްވެ ސޮއިކުރީ، ރާއްޖޭގައި މިފަންނު ކުރިއެރުވުމަށް އެންމެ ބޮޑު މަސައްކަތެއް ކުރަމުން އަންނަ ދިވެހި ކަރޯކޭ ޗެނަލްތަކެވެ. އެގޮތުން މިމަހުގެ 5 ވަނަ ދުވަހު ވީޓީވީގެ މަލާފަތް ސްޓޫޑިއޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހިންގެ ތެރޭގައި މަގުބޫލު ކަރޯކޭ ޗެނަލްތަކެއް ކަމުގައިވާ ތީލް ކަރޯކޭ އާއި މައިސަން ކަރޯކޭ އިންވަނީ ޕާޓްނަރުންގެ ގޮތުގައި ސޮއިކޮށްފައެވެ.
މި ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީ، މި ޕްރޮގްރާމު ކާމިޔާބު ކަމާއެކު ގެންދިއުމަށް އިތުރު ފަރާތްތަކަކުން މިމަހުގެ 9 ވަނަ ދުވަހުގެރޭ މިވަނީ ސޮއިކޮށްފައެވެ. އެގޮތުން އެސޯސިއޭޓް ޕާޓްނަރުންގެ ގޮތުގައި ސޮއިކުރީ ޑަބިޔާ ކަރޯކޭ އާއި އައި ސިންގ ކަރޯކޭ ޗެނަލްއެވެ. އަދި ސްޕޮންސަރުންގެ ގޮތުގައި ލެޓްސް ގޯ ކަރޯކޭ އާއި އައި ޑްރައިވް އިންވަނީ ސޮއިކޮށްފައެވެ.
އާދިއްތަ ދުވަހުގެރޭ އޮތް ހާއްސަ ރަސްމިއްޔާތެއްގެ ތެރެއިން ލެޓްސްގޯ ކަރޯކޭ އާއި ޑަބިޔާ ކަރޯކޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ދެ ޗެނަލްގެ ވެރިޔާ އިބްރާހިމް މަފާޒް އެވެ. އަދި އައި ޑްރައިވް މޯލްޑިވްސް އާއި އައި ސިންގ ކަރޯކޭގެ ފަރާތުން ސޮއިކުރެއްވީ އެ ދެތަނުގެ އެއް ވެރިޔާ ކަމުގައިވާ އައިމިނަތު މުހުސިނާ އެވެ.
ވީޓީވީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ވީޓީވީގެ ޗީފް ކޮމާޝިއަލް އޮފިސަރ (ސީސީއޯ) އަހްމަދު އުމަރެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު "ވީނިއުސް" އާއި ވާހަކަދައްކަވަމުން ޑަބިޔާ ކަރޯކޭ އާއި ލެޓްސް ގޯ ކަރޯކޭގެ ފަރާތުން މަފާޒް ވިދާޅުވީ، މި ޕްރޮގްރާމުގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް ނިންމެވީ، މިއީ ޕާސަނަލީވެސް ވަރަށް ޝައުގު ހުންނަ ކަމެއްކަމުން، މި ފަންނު ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
އެހެންކަމުން ވީޓީވީގެ ފަރާތުން މި ޕްރޮގްރާމު ބޭއްވުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ލެޓްސްގޯ ކަރޯކޭ އަދި ޑަބިޔާ ކަރޯކޭވެސް ކުރިއެރުވުމަށް ލިބޭ ފުރުސަތެއް ކަމުގައިވާތީ މީގައި ބައިވެރިވީކަމަށް މަފާޒް ވިދާޅުވިއެވެ.
މަފާޒް އިތުރަށް ވިދާޅުވީ، ކަރޯކޭ ޑަބިޔާގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރަނީ އައު ލަވަތަކެއްގެ ޓްރެކްތަކެއް އުފެއްދުމަށް ކަމަށާއި، ކަރޯކޭ ލަވަތައް ކިޔާއިރު ކޮންމެ މީހަކުވެސް ބޭނުންވާނީ ފަސޭހަކަމާއެކު މާބޮޑު ތަމްރީނުތަކެއް ނުހޯދާ މިކަން ކުރެވޭނެގޮތެއް ކަމުގައިވުމުން، އެ ޗެނަލްގެ ފަރާތުން ޓްރެކްތައް ހަދާއިރު މިފަދަ ކަންތައްތަކަށް ރިއާޔަތް ކުރާ ކަމަށެވެ.
މަފާޒް ވިދާޅުވީ މި ޕްރޮގްރާމް ފަށައިގެން އުޅޭކަން އެ ފަރާތުން ހިންގާ ލެޓްސް ގޯ ކަރޯކޭ ސެންޓަރަށް ވަރަށް ބޮޑަށް އެނގުން ވެއްޖެ ކަމަށެވެ. އެގޮތުން އެ ސެންޓަރަށްވެސް މި ޕްރޮގްރާމުގެ ބައިވެރިން ތަމްރީނު ހޯދަން އަންނަކަން މަފާޒް ފާހަގަކުރެއްވިއެވެ.
އަދި މިފަދަ ޕްރޮގްރާމެއް އޮތުމުގެ މުހިންމު ކަމުގެ މައްޗަށް މަފާޒް އަލިއަޅުއްވާލެއްވިއެވެ.
މަފާޒް ވަނީ މި ޕްރޮގްރާމު ކުރިއަށް ގެންދާގޮތަށްވެސް ޝުކުރު އަދާކުރައްވާފައެވެ. އަދި ސްޕޮންސަރ ކުރުމަށްވެސް އަދި އެހެން ކަންކަމުގައިވެސް މި ޕްރޮގްރާމުގައި ވީޓީވީން ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ އުސޫލެއްގެ ތެރެއިން ފުރުސަތު ދޭކަން މަފާޒް ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން "ވީނިއުސް" އާއި ވާހަކަދައްކަވަމުން އައި ސިންގ ކަރޯކޭ އަދި އައި ޑްރައިވް މޯލްޑިވްސްގެ ފަރާތުން މުހުސިނާ ވިދާޅުވީ، މިފަދަ މުބާރާތެއް ބާއްވައިގެން ވަރަށް ގިނަ ފަރާތްތަކަކަށް އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ. ހާއްސަކޮށް މި ޕްރޮގްރާމުގެ ތެރެއިން ވަރަށް ރަނގަޅު ލަވަކިޔުންތެރިންތަކެއް އުފެއްދިދާނެކަމަށް ގަބޫލުކުރައްވާ ކަމަށް މުހުސިނާ ވިދާޅުވިއެވެ. އަދި ޕްރޮގްރާމުގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރަން ނިންމީ، މި ޕްރޮގްރާމުގެ ތެރެއިން ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީ، ވީޓީވީ އާއިއެކު ގާތް ގުޅުމެއް ބާއްވަން ބޭނުންވާތީކަން މުހުސިނާ ފާހަގަކުރެއްވިއެވެ.
މުހުސިނާ ވަނީ ވީޓީވީން ދިވެހިރާއްޖޭގައި މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ކަންކަން ކުރުމުގައި ރާއްޖޭގެ ހުރިހާ މީޑިއާ އަކުންވެސް ނަމޫނާ ދައްކަން ޖެހޭކަމަށް މުހުސިނާ ވިދާޅުވިއެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު "ވީނިއުސް" އާއި ވާހަކަދައްކަވަމުން ވީޓީވީގެ ސީސީއޯ އަހްމަދު އުމަރު ވިދާޅުވީ، މީގެކުރިން ރާއްޖޭގެ އެކި ރަށްތަކާއި، ރާއްޖެއިން ބޭރުގައިވެސް ކަރޯކޭ ޗެލެންޖު ބާއްވާފައިވާއިރު، މިކަމަށް ބޮޑު ތަރުޚީބެއް ލިބެމުންދާ ހެއްކަކީ، މިކަމާއި ގުޅުންހުރި އެކި ފަރާތްތަކުން މީގެ ތެރޭގައި ޝާމިލުވުން ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ފަނޑިޔާރުންގެ ގޮތުގައި މި ފަންނުގައި ފުންނާބު އުސް ފަރާތްތަކުން ހަރަކާތްތެރިވުން އެއީވެސް މި ޕްރޮގްރާމުގެ ހައިބަތު ދައްކުވައިދޭ ކަމެއްގެ ގޮތުގައި އުމަރު ސިފަކުރެއްވިއެވެ.
އަދި ވީޓީވީން ކުރާ މި މަސައްކަތުގައި ސްޕޮންސަރުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިވަމުންދާ ފަރާތްތަކަށް އުމަރު ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ. އަދި މިކަމުގެ ސަބަބުން ވީޓީވީ މެދުވެރިވެގެން މި ދާއިރާއަށާއި ގައުމަސްވެސް ފައިދާތަކެއް ކުރާތީ އެކަމުގެ އުފާ ލިބިގަންނަކަން އުމަރު ފާހަގަކުރެއްވިއެވެ.
ވީޓީވީ ކަރޯކޭ ޗެލެންޖު، މާލޭ އެޑިޝަންގެ އޮޑިޝަން ރައުންޑު މިހާރު ނިމިފައިވާއިރު، މި ޕްރޮގްރާމު އޮންއެއަރ ކުރުމާއި ހަމައަށް، ޕްރޮގްރާމް ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަން ވީޓީވީގެ ޗީފް އޮޕަރޭޝަންސް އޮފިސަރ މުހައްމަދު ޒަހީން ވަނީ ހާމަކުރައްވާފައެވެ.
ޕްރޮގްރާމުގެ ފުރަތަމަ ބުރުން ފެނިގެންދާނެ 20 ބައިވެރިން މިހާރު ކަށަވަރުވެފައިވާއިރު، އެ ބައިވެރިންނާއެކު ފުރަތަމަ އެޕިސޯޑު މިމަހުގެ މެދު ތެރޭގައި ދައްކަން ފަށާނެއެވެ.
މި 20 ބައިވެރިންނަށް ހާއްސަ ތަމްރީނު ކުލާސްތަކެއްވެސް ވީޓީވީން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ތަމްރީނު ކުލާސްތައް ނަންގަވައިދެއްވަނީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގެ ލެޖެންޑް އަބްދުލް ހަންނާން މޫސާ ދީދީ އެވެ.
ޕްރޮގްރާމުގެ ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވާނީ އުމަރު ޒާހިރު އާއި ޝިފާ ތައުފީގުގެ އިތުރުން އަބްދުލް ރަޝީދު އަލީ (އަބްސީ) އެވެ.