މިހިނގާ އޮކްޓޫބަރު މަސް ނިމޭ ދުވަހު ޒިމްބާބްވޭއަށް ނިސްބަތްވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކުގެ ދަރުހެއް ހުޅުމާލޭގައި ބާއްވަން ނިންމައިފިއެވެ.

ހުޅުމާލޭގައި މިދަރުސް ބޭއްވުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެޗްޑީސީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފްއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރުއެވެ.

އެޗްޑީސީން ބުނީ މިދަރުސް އޮންނާނީ މިމަހުގެ 31 ވަނަ ދުވަހު ހުޅުމާލޭގެ ސިންތެޓިކް ޓްރެކުގައި ކަމަށެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މީގެ ކުރިން ބުނީ ރާއްޖޭގައި ދީނީ ތަޤްރީރު ދެއްވުމަށް މުފްތީ މެންކު އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރައްވާނެ ކަމަށެވެ. އަދި މެންކްގެ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މާލެއާއި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ދީނީ ތަޤްރީރު ދެއްވުމަށް ހަމަޖެހިފައިވާކަން މިނިސްޓްރީން ހާމަކުރިއެވެ.

މުފްތީ މެންކް އެންމެފަހުން ރާއްޖެ ވަޑައިގަތީ މީގެ އަހަރަކަށް ވުރެ ގިނަ ދުވަސްކުރިން 2020 ވަނަ އަހަރުއެވެ. އެ ދަތުރުގައި ކުޅުދުއްފުށީ ސިޓީގައި އޭނާ ދަރުސް ދެއްވިއެވެ. އޭގެ ކުރިން 2016 ވަނަ އަހަރާއި 2015 ވަނަ އަހަރުވެސް ރާއްޖެ ވަޑައިގެން އެކި މައުލޫތަކަށް ދީނީ ދަރުސް ދެއްވިއެވެ.

މުފްތީ މެންކަކީ ޒިމްބާބުވޭގެ އިސްލާމިކް ކައުންސިލްގެ ފަތުވާ ޑިޕާޓްމެންޓުގެ އިސްވެރިއާއެވެ. އަދި ޒިމްބާބުވޭގެ ހަރާރީގެ މަސްޖިދުލް ފަލާހުގެ އިމާމުކަންވެސް ކުރައްވައެވެ.

މުފްތީއަކީ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރައްވައި، އިސްލާމް ދީނާއި ދީނީ ކަންކަމާއި ގުޅޭގޮތުން ދަރުސް ދެއްވަމުން އަންނަ މަޝްހޫރު ދީނީ ޢިލްމުވެރިއެކެވެ. މުފްތީ މެންކު ފާހަގަކުރެވެނީ މުޖުތަމަޢުތަކުގައި ހުރި ގިނަ މައްސަލަތަކާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވާ އިސްލާމީ ރިވެތި އަޚްލާގު ދަސްކޮށްދެއްވުމަށްޓަކައި ސޯޝަލް މީޑިއާގައިވެސް ޙަރަކާތްތެރި ބޭފުޅެއްގެ ގޮތުގައެވެ.