ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ފަރުތަކުގެ ދިރުން ބެލުމަށް ފޮޓޯ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ދިރާގާއި ޓޫރިޒަމް މިނިސްޓްރީ އަދި އޯޝަން ޖިއޮގްރަފިކް ސޮސައިޓީ ގުޅިގެން ބާއްވާ މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ފަރުތަކުގެ ސިއްހަތު ބަލާ ކޮންމެ އަހަރަކު މިފަދަ ޗެކްއަޕްއެއް ކުރިއަށް ގެންދިޔުމެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޮޓޯ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 21 އޮކްޓޯބަރު 2022 ގައެވެ.

މި މުބާރާތައި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުالله މައުސޫމް ވިދާޅުވީ، ރާއްޖޭގެ ފަރުތަކަކީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ އެންމެ ބޮޑު އެއް ސަބަބުކަމަށާއި، ބޭނުންވަނީ، މި މުބާރާތުގެ ޒަރިއްޔާއިން ކަނޑުގެ މާޙައުލުގެ ސިއްހަތަށް އިތުރު ސަމާލުކަންދީ ކުރިއަށް އޮތް އަހަރުތަކުގައިވެސް ދުޅަހެޔޮކަންމަތީ އެ މާހައުލު ދެމެހެއްޓުމަށް މަސައްކަތްކުރަންކަމަށެވެ.

ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ، މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އޯޝަން ޖިއޮގްރަފިކްއާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރާ މި މުހިންމު އިނީޝިއޭޓިވްގެ ބައިވެރިއަކަށް ވުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި ތިމާވެށި އަދި ވަކިން ޚާއްސަކޮށް ކަނޑުތަށް ހިމާޔަތްކުރުމަކީ ދިރާގުގެ ސީއެސްއާރުގެ މައިގަނޑު އެއް އަސާސްކަމަށެވެ.

މި މުބާރާތުގައި ފޮޓޯ ނެގުމަށް ރާއްޖޭގެ 50 މައްޝޫރު ޑައިވް ސައިޓެއް ކުރިއާލާވަނީ ކަނޑައަޅާފައެވެ. މިއިން އެއް ސައިޓަށް ނުވަތަ އެއަށް ވުރެ ގިނަ ސައިޓުގެ ފޮޓޯ ނަގައިގެންވެސް މުބާރާތުގައި ބައިވެރިވެވޭނެއެވެ. ނަމަވެސް ނަގާ ކޮންމެ ސައިޓަކުން 5 ފޮޓޯގެ ޕޯޓްފޯލިއޯއެއް ހުށަޅަން ޖެހެއެވެ.

މި މުބާރާތުގެ ފޮޓޯތައް ބައިނަލްއަޤްވާމީ ޖަޖިން ޕެނަލަކުން ބެލުމަށްފަހު ކޮންމެ ޑައިވް ސައިޓަކުން ހުށަހަޅާ ފޮޓޯތަކުން އެއްވަނަ ދެވަނަ އަދި ތިން އޮނަރަބަލް މެންޝަން ހޮވާނެއެވެ. އަދި މުބާރަތުގައި ފޮޓޯ ހުށަހަޅާ ހުރިހާ ފަރާތްތަކަށްވެސް ރާއްޖޭގެ ކޮރަލް ރީފް ހެލްތު އެސެސްމަންޓްގައި ބައިވެރިވިކަމުގެ ކޮންޓްރިބިއުޝަން އޮފް އެޗީވްމަންޓް ސެޓްފިކެޓެއް ލިބޭނެއެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުގައެވެ.