އެމޭޒަން ޕްރައިމްއިން ގެނެސްދޭ ފިލްމު "އޭ ވަޠަން މެރޭ ވަޠަން" ގެ ލީޑް ރޯލްއިން ފެނިގެންދާނީ ބަތަލާ ސާރާ އަލީ ޚާންކަން ކަށަވަރުވެއްޖެއެވެ.

މިމަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމުގައި ސާރާއާއެކު ދެން ފެނިގެންދާނީ އެކްޓަރު ވަރުން ދަވަންއެވެ.

މީޑިއާއާއި މިޚަބަރަ ހިއްސާކުރަމުން ވަރުން ބުނެފައިވަނީ، ބަތަލާ ސާރާ ފިލްމުގައި ފެނިގެންދާނީ ވަރަށް ހިތްވަރުގަދަ މިނިވަންކަން ހޯދައިދިނުމަށް ބާރުއަޅާ މީހެއްގެ ރޯލްއިންނެވެ.

މިފިލްމުގެ މައިގަނޑު ބިނާކޮށްފައިވަނީ 1942 ވަނަ އަހަރު ފެށުނު "ކްއިޓް އިންޑިއާ މޫވްމަންޓް" އަށެވެ.

ވަރުންއާއި ބަތަލާ ސާރާ އެންމެ ފުރަތަމަ ފެނިގެންދިޔައީ ވަރުންގެ ބައްޕަ އަދި ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ފަހުގެ ފިލްމު "ކޫލީ ނަމްބަރު 1" އިންނެވެ. މިފިލްމަށް މާބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް މި 2 ތަރިންގެ ޖޯޑު ވެގެންދިޔައީ އާއްމުންގެ މެދުގައި މަގުބޫލު ޖޯޑަކަށެވެ.

ދަރްމާ ޕްރޮޑަކްޝަންއާއި އެމޭޒަންއާއި ގުޅިގެން އުފައްދާ މިފިލްމު ޕްރޮޑިއުސްކުރާނީ ކަރަން ޖޯހަރު އަދި އަޕޫރްވާ މެހެތާއެވެ.

ހަޤީޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްގެން ފިލްމުގެ ބައެއް މަންޒަރުތައް ގެނެސްދޭއިރު ފިލްމުގައި ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާނީ ކަންނަން އިއާރްއެވެ.

ބަތަލާ ސާރާ އަލީ ޚާން އެންމެފަހުން ފެނިގެންދިޔައީ ފިލްމު "އަތްރަންގީ ރޭ" އިންނެވެ.

ސާރާގެ ކުރިޔަށްހުރި ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެކްޓަރު ވިކީ ކޯޝަލްއާއެކު ކުޅޭ ވަކި ނަމެއް ހަމަޖެހިފައިނުވާ ފިލްމެއް އެބައޮތެވެ.

އެކްޓަރު ވަރުން ދަވަންގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެކްޓަރު ތައްޔާރުވަމުން އަންނަނީ މިހާރު ރިލީޒްކުރުމުގެ މަރުހަލާގައި އޮތް ފިލްމު "ބޭޅިޔާ" އަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކުގައެވެ.