ދިރާގާއި ރާއްޖޭގެ މަސްވެރިންގެ ޖަމްޢިއްޔާއާއި ގުޅިގެން 'ޔަންގް ފިޝަރސް ކްލަބް' ތަޢާރަފްކޮށްފިއެވެ.
ދިރާގުން ބުނީ، މި ކްލަބްގެ ޒަރިއްޔާއިން މަސްވެރިކަމާއި، ކަނޑުގެ މާޙައުލާއި، ދެމެހެއްޓެނިވި އާދަކާދަތައް ދަރިވަރުންނަށް ތަޢާރަފްކޮށް، އަސާސީ މަޢުލޫމާތު ފޯރުކޮށްދީ، އެއާދަތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ދަސްކޮށްދޭނެ ކަމަށެވެ.
ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ މި ޕައިލެޓް ޕްރޮގްރާމް އިފްތިތާހުކޮށްފައިވާނީ ހއ.އިހަވަންދޫ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެސްކޫލްގެ ގްރޭޑް 7 އަދި 8 ގެ 52 ދަރިވަރުންނާއިއެކުގައެވެ.
މިދަރިވަރުންގެ ތެރޭގައި 30 އަންހެން ކުދިންނާއި 22 ފިރިހެން ކުދިން ހިމެނެއެވެ. މި ކްލަބުން ކުދިންނަށް މަސްވެރިކަމުގެ ސިނާއަތާއި ބެހޭ އެކި މަޢުލޫމާތު ދަސްކޮށްދޭނީ 1 އަހަރު ދުވަހުގަ މުއްދަތަށް ކުރިއަށް ގެންދާ ހޭންޑްސް އޮން ޕްރެކްޓިކަލް ސެޝަންތަކަކުން ކަމަށް ދިރާގުން ބުނެއެވެ.
އެގޮތުން މި ސެޝަންތަކުގެ ޒަރިއްޔާއިން ދަރިވަރުންނަށް ރާއްޖޭގެ މަސްވެރިކަމުގެ ތާރީޚާއި، ކަނޑުގެ މާޙައުލާއި، މޫސުމުގެ އިތުރުން، ޑިޒާސްޓާރ މެނޭޖްމެންޓްގެ އިތުރުންވެސް މަސްވެރިކަމަށް ބޭނުންވާ އަގުހުރި މައުލޫމާތުތައް ކިޔައިދޭނެއެވެ.
މިކަމާ ބެހޭގޮތުން ރާއްޖޭގެ މަސްވެރިންގެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަބްދުالله ޝާކިރު މުހައްމަދު ވިދާޅުވީ، ރާއްޖޭގެ ޒުވާން ޖީލު މަސްވެރިކަމުގެ ސިނާއަތަށް ބާރުވެރިކޮށް މި ދާއިރާ މުޅިން އައު ހަރުފަތަކަށް ގެންދިޔުމަށް ފެށުނު މި މުހިންމު ޕްރޮގްރާމަށް ދިރާގުން ދެއްވާ އެއްބާރުލުމާއި އެހީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މިއީ ހީވާގި މަސައްކަތްތެރިން އުފައްދާ، ދިވެހި މަސްވެރިކަމުގެ ސިނާއަތް ކުރިއަށްދިޔުމަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް ޝާކިރު ވިދާޅުވެއެވެ.
ޔަންގް ފިޝަރސް ކްލަބްގެ ޙަރަކާތްތައް މުޅި ދިރާސީ އަހަރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ޙަރަކާތްތަކުގެ ތެރޭގައި ފިޝަރީޒް ހާވެސްޓިންގގެ އިތުރުން ޕޯސްޓް ހާރވެސްޓިންގ ދާއިރާއާއި ސަސްޓެއިނަބިލިޓީ ޕްރެކްޓިސްތަކާއި ގުޅޭ ޕްރޮގްރާމްގެ ތެރެއިން ދިރިއުޅުމުގެ ހުނަރުތަކާ ގުޅޭ މުހިންމު ދާއިރާތަކަށްވެސް އަލިއަޅުވާލާނެ ކަމަށް ދިރާގުން ބުނެއެވެ.