ފިލްމު "ލަވްޔާތްރީ" އިން 2018 ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފްވި އެކްޓަރު އަޔުޝް ޝަރްމާ އިތުރު ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް އެކްޓަރު ބުނެފިއެވެ.

ވަކި ނަމެއް ހަމަޖެހިފައިނުވާ މިފިލްމުގެ ފުރަތަމަ ޕޯސްޓަރުވެސް އެކްޓަރުވަނީ ބެލުންތެރިންނާ ހިއްސާކޮށްފައެވެ.

ރަވީ ވަރުމާއާއި އިމްރާން ސަރްދަރިއާ ޑައިރެކްޓްކުރާ މިފިލްމަކީ މައިތޮލޮޖިކަލް އެކްޝަން ފިލްމެކެވެ.

ފިލްމާ ބެހޭގޮތުން އަޔުޝް ބުނެފައިވަނީ، ފިލްމުގައި ގިޓާކުޅޭ އަޑާއި އެއްވަރަށް ރަބަރު ބޭންޑުގެ އަޑުވެސް ގަދަވާނެ ކަމުގައެވެ. އެހެންކަމުން މިފިލްމަކީ، ވަރުގަދަ އެކްޝަން ސީންތަކެއް ފެނިގެންދާނެ ފިލްމެއްކަމަށް ލަފާކުރެވެއެވެ.

ފިލްމާބެހޭ މާގިނަ ތަފްސީލު މިހާރު ދީފިނަމަ ފިލްމު ބެލުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް ބުނަމުން އަޔުޝް ބުނެފައިވަނީ އަންނަ އަހަރު ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމުގައެވެ.

ފިލްމުގެ މުހިއްމު ރޯލްއިން އަޔުޝް ފެނިގެންދާއިރު ފިލްމުގައި ފެނިގެންދާނީ ކޮން ބަތަލާއެއްކަމެއް އަދި ހާމައެއް ނުކުރެއެވެ.

ފިލްމު "ލަވްޔާތްރީ" އަށްފަހު އަޔުޝް ފެނިގެންދިޔައީ އެކްޓަރު ސަލްމާން ޚާން މުހިއްމު ރޯލްއިން ފެނިގެންދިޔަ "އަންތިމް: ދަ ފައިނަލް ޓްރުތް" އިންނެވެ.

އަޔުޝްމާންއާއި ބަތަލާ ކެޓްރީނާ ކައިފްގެ ކޮއްކޮ އިޒަބެލް ކައިފްއާއެކު "ކުވަތާ" ނަމަކަށްކިޔާ ފިލްމެއްވެސް 2019 ވަނަ އަހަރުވަނީ އިއުލާނު ކޮށްފައެވެ.

އެހެންނަމަވެސް މިފިލްމާބެހޭ ތަފްސީލެއް މިހާތަނަށް މީޑިއާއާއި ހިއްސާކޮށްފައެއް ނުވެއެވެ.

މިހާރު އިއުލާނުކޮށްފައިވާ ފިލްމުގެ އިތުރުން ސަލްމާން ޚާންގެ ކުރިޔަށްއޮތް ފިލްމު "ކަބީ އީދު ކަބީ ދިވާލީ" ގައިވެސް އަޔުޝް މުހިއްމު ރޯލްއެއް ކުޅޭނެއެވެ.