ތެލުގޫ ފިލްމު އިންޑަސްޓްރީގެ އެންމެ މަގުބޫލު ދެ ތަރިންކަމަށްވާ ވިޖޭ ދެވެރަކޮންޑާއާއި ރަޝްމިކާ މަންދަނާ އެކީގައި ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އަތުވެއްޖެއެވެ.

މި ދެތަރިން އެކީގައި އެއާޕޯޓުން ފެނުމާއެކު ގިނަ ބައެއްގެ ހިތުގައި ދެމީހުންގެ ގުޅުމާއިމެދު ސުވާލު އުފެދުނެވެ. ސަބަބަކީ މީގެކުރިންވެސް ވިޖޭއާއި ރަޝްމިކާއާއި ދެމެދު އެކުވެރިކަމުގެ ގުޅުމަށްވުރެ ގާތްގުޅުމެއް އޮންނަކަމަށް މީޑިއާއިން އެކިފަހަރުމަތިން ބުނެފައިވުމެވެ.

އެހެންނަމަވެސް މިހާތަނަށް މިކަމާއިގުޅިގެން ސުވާލުކުރުމުން ދެ ތަރިންވެސްވަނީ އެގުޅުމަށް އިންކާރުކޮށްފައެވެ. ވިޖޭގެ އިތުރުން ރަޝްމިކާވެސް ބުނެފައިވަނީ ދެމީހުންވެސް ގިނަ ފިލްމުތަކުގައި އެކީގައި މަސައްކަތް ކޮށްފައިވުމުން ވަރަށް ގާތްއެކުވެރިކަމެއް ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ކަމަށެވެ.

ދެ ތަރިންވެސް ރާއްޖެއައުމަށް އެއާޕޯޓަށް ގޮސްފައިވަނީވެސް ވަކިންނެވެ. މިއީ ދެތަރިންވެސް ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުވެސްމެއެވެ.

ބަތަލާ ރަޝްމިކާ އަމިއްލަ އިސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯތަކާއެކު މީޑިއާއިން ބުނެފައިވަނީ ވިޖޭއާއި ރަޝްމިކާ އެކީގައި ޗުއްޓީ ހޭދަކުރާކަން ކަށަވަރުވެފައިވާ ކަމަށެވެ.

މިފޮޓޯތަކާއި ގުޅިގެން ދެތަރިންގެ ފޭނުންގެ މެދުގައި ތަފާތު އެކި ބަހުސްތައްވެސްދަނީ ކުރެވެމުންނެވެ. ސަބަބަކީ، އެއާޕޯޓުން ވިޖޭ ފެނުނުއިރު އަޅައިގެންހުރި އައިނު އަޅައިގެން ރަޝްމިކާގެ ފޮޓޯތަކެއް ޕޯސްޓުކުރުމާ ގުޅިގެންނެވެ.

ވިޖޭއާއި ރަޝްމިކާ ޗުއްޓީ ހޭދަކުރަމުން އަންނަނީ އޮޒެން ރިޒާވް ބޮލިފުށީގައެވެ. ފަސްތަރީގެ މިރިސޯޓަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ރިސޯޓެކެވެ.

ވިޖޭއާއި ރަޝްމިކާ ރާއްޖޭގައި ހޭދަކުރާނީ ކިތައް ދުވަސްކަމެއް އަދި އެނގިފައެއް ނުވެއެވެ.

ރަޝްމިކާވަނީ ދާދިފަހުން ރިލީޒްވި ފިލްމު "ގުޑްބާއީ" އިން ބޮލީވުޑަށް ތައާރަފްވެފައެވެ. އެކްޓަރު ވިޖޭ ބޮލީވުޑަށް ތައާރަފްވި ފިލްމު "ލައިގާ" ރިލީޒްވެފައިވަނީ މިދިޔަ އޮގަސްޓް މަހުއެވެ.