ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަގެ އިންޓަރނޭޝަނަލް ކްލައިމެޓް އެޑްވައިޒަރުގެ މަގާމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދުއާއި، ނޯވޭ ސަރުކާރުގެ ކުރީގެ މިނިސްޓަރ އޮފް ކްލައިމެޓް އެންޑް އެންވައިރްމަންޓް އެރިކް ސޯހެއިމް އައްޔަން ކުރައްވައިފިއެވެ.

ނޯވޭގެ ކުރީގެ މިނިސްޓަރ އޮފް ކްލައިމެޓް އެންޑް އެންވައިރްމަންޓް އެރިކް ސޯހެއިމް ސްރީލަންކާއަށް ވަޑައިގެންފައިވަނީ މިދިޔަ ހޯމަދުވަހުއެވެ. އަދި ސްރީލަންކާގެ ރައީސް ރަނިލްއާ ބައްދަލު ކުރައްވާފައިވަނީ އިއްޔެގައެވެ.

ސްރީލަންކާގެ ރައީސާ ބައްދަލު ކުރެއްވުމަށްފަހު އެރިކް ސޯހެއިމްވަނީ، ރައީސް ރަނިލް ވިކްރަމަސިންހަގެ އިންޓަރނޭޝަނަލް ކްލައިމެޓް އެޑްވައިޒަރަކަށް އޭނާ އައްޔަން ކުރައްވާފައިވާކަން އިއުލާން ކުރައްވާފައެވެ.

ސޯހެއިމް ވިދާޅުވީ، ރައީސް ނަޝީދުއާއި، އޭނާ، ރައީސް ރަނިލްގެ އިންޓަރނޭޝަނަލް ކްމައިމެޓް އެޑްވައިޒަރުންގެ މަގާމަށް އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ރައީސް ނަޝީދު މިއަދު ވަނީ ކްލައިމެޓް ވަލްނަރަބަލް ޓްވެންޓީ ގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ގަތުމަށް އެމެރިކާއަށް ފުރާވަޑައިގެންފައެވެ.

ސްރީލަންކާގެ ރައީސްގެ އިންޓަރނޭޝަނަލް ކްލައިމެޓް އެޑްވައިޒަރަކަށް އައްޔަން ކުރެއްވުމުން ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ވެވަޑައިގެންނެވި އެންމެ ރަނގަޅަކަށް އެކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

ސްރީލަންކާއަށް މިހާރު ދިމާވެފައިވާ އިގްތިސާދީ މައްސަލަތަކުން އަރައިގަތުމުގައި ފެހި އެގްދިސާދަކަށް ދިއުމަށާއި، މޫސުމީ މައްސަލަތަކުގައި އިސް ދައުރެއް ސްރީލަންކާއިން އަދާކުރުމުގެ ތަސައްވުރެއް ރައީސް ރަނިލް ގެންގުޅުއްވާ ކަމަށް ނޯވޭގެ އެރިކް ސޯހެއިމް ވިދާޅުވިއެވެ.

އެރިކް ސޯހެއިމްއަކީ، ސްރީލަންކާގައި ހިނގައިދިޔަ ދިގުލީ ދާޚިލީ ހަނގުރާމައިގެ ފަހުކޮޅު، ސްރީލަންކާ ސަރުކާރާއި، ތަމަޅަ ޓައިގަރު ޖަމާއަތާދެމެދު ސުލްހައިގެ މަންދޫބެއްގެ ގޮތުގައި މެދުވެރިއެއްގެ ދައުރު އަދާކުރެއްވި ބޭފުޅެކެވެ. އޭރު ސްރީލަންކާގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވީ ރަނިލް ވިކްރަމަސިންހައެވެ. ރައީސްކަމުގައި ހުންނެވީ މަހިންދަ ރާޖަޕަކްސައެވެ.

އެރިކް ސޯހެއިމް ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދުވަނީ މަހިންދަ ރާޖަޕަކްސައާވެސް ކޮޅުނބުގައި ބައްދަލު ކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި މަހިންދަ ރާޖަޕަކްސަވަނީ، އެރިކް ސޯހެއިމްއާ ރައީސް ހަވާލު ކުރެއްވި މަސްއޫލިއްޔަތަށް މަރްހަބާ ދަންނަވާފައެވެ. އަދި ރައީސްގެ އިންޓަރނޭޝަނަލް ކްލައިމެޓް އެޑްވައިޒަރެއްގޮތުން މަސައްކަތް ކުރެއްވުމަށް އެރިކްއަށް ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމަށްވެސް މަހިންދަ ރާޖަޕަކްސަ ވިދާޅުވިއެވެ.