ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އަދި މި ޖީލު ދުށް އެންމެ މޮޅު ސްޓްރައިކަރު، މެންޗެސްޓަރ ޔުނައިޓެޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް، އެޓީމު ކުޅޭ މެޗުތަކުގައި ލިބޭ ފުރުސަތުތައް މަދުވުމުގެ ސަބަބު ޓީމުގެ ކޯޗު ޓެން ހާގް ހާމަކޮށްފިއެވެ.

މި ސީޒަން ފެށުނުފަހުން ފުރަތަމަ 11 ގައި ހިމެނިގެން މިހާތަނަށް ރޮނާލްޑޯ ޔުނައިޓެޑަށް ކުޅެދީފައިވަނީ އެންމެ 4 މެޗުގައެވެ. އޭގެތެރެއިން ތިން މެޗަކީ ޔޫއެފާ ޔޫރަޕާ ލީގުގައި އޭނާ ކުޅުނު މެޗުތަކެކެވެ. އަދި ހުރިހާ މުބާރާތެއް ހިމެނޭހެން ޔުނައިޓެޑުގެ ޖާޒީގައި ރޮނާލްޑޯ އަށް މި ސީޒަނުގައި ކާމިޔާބު ކުރެވިފައިވަނީ އެންމެ ދެލަނޑެވެ.

ޔޫރަޕާ ލީގުގައި ކުރިއަށް ދެން ކުޅެން އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޓެން ހާގް ވަނީ ރޮނާލްޑޯގެ ފިޓްނެސް އެންމެ ރަނގަޅު ނޫންކަން ހާމަކޮށްފައެވެ. އަދި ޕްރީ ސީޒަންގައި ކުޅޭ މެޗުތަކަކީ ކިހާ މުހިންމު މެޗުތަކެއް ކަން މިހާރު ހާމަވާނެ ކަމަށާއި، ރޮނާލްޑޯ އަށް ޔުނައިޓެޑުގެ މެޗުތަކުން މިހާރު ފުރުސަތު މަދުވަނީ، އޭނާ ޕްރީ ސީޒަން މެޗުތަކުގައި އަދި ފަރިތަކުރުންތަކުގައި ބައިވެރި ނުވާތީވެ، ފިޓްނަސް ލެވަލް ދަށްވުމުން ކަމަށް ދޭހަވާ މޭރުމަކުން ޓެން ހާގް ވާހަކަދައްކާފައިވެއެވެ.

އެހެންނަމަވެސް ރޮނާލްޑޯގެ ފިޓްނަސް މިޙާރު ރަނގަޅުވަމުން އަންނަ ކަމަށާއި، އެކަމާ ވަރަށް އުފާވާކަމަށް، އަދި ކައިރި މުސްތަގްބަލެއްގައި ރޮނާލްޑޯގެ އެހީތެރިކަން ދަނޑުމަތީގައި އެންމެ ފުރިހަމައަށް ޓީމަށް ލިބިގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ޓެން ހާގް ބުނެފައިވެއެވެ.

ފާއިތުވީ ސީޒަން ނިމުނުފަހުން ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު، އަމިއްލަ ސަބަބުތަކަކާއި ގުޅިގެން ޔުނައިޓެޑުގެ ޕްރީ ސީޒަން މެޗުތަކުގައި އަދި ގިނަ ފަރިތަކުރުންތަކުގައިވެސް ރޮނާލްޑޯ ބައިވެރިވެފައެއް ނުވެއެވެ. އަދި މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ރޮނާލްޑޯގެ ދަރިއަކު މަރުވުމާއި ގުޅިގެންވެސް ރޮނާލްޑޯ ޓީމާއި ދުރުގައި ހުރެފައިވެއެވެ.

ރޮނާލްޑޯ ބެންޗުގައި ބައިންދައިގެންވެސް ޔުނައިޓެޑަށް މި ސީޒަނުގައިވެސް އެންމެ އެދެވޭ ކުޅުމެއް ނުދެއްކޭއިރު އެޓީމުން މިހާތަނަށް އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅެފައިވާ 8 މެޗުގެ ތެރެއިން މޮޅުވެފައިވަނީ 5 މެޗުންނެވެ. އަދި ތިން މެޗަކުން ބަލިވެސް ވެފައިވެއެވެ.

ރޮނާލްޑޯގެ ކުޅުމުގެ ފެންވަރާއިމެދު ގިނަބަޔަކު ސުވާލު އުފައްދަމުން ދިޔަ ދަނޑިވަޅެއްގައި މިމަހުގެ 9 ވަނަ ދުވަހު ޕްރިމިއަރ ލީގުގައި ޔުނައިޓެޑުން އެވަޓަން އާއި ދެކޮޅަށް ކުޅެ މޮޅުވި މެޗުގައި އެޓީމު މޮޅުވި ލަނޑު ކާމިޔާބު ކޮށްދިނީވެސް ރޮނާލްޑޯއެވެ. އެލަނޑަކީ އޭނާގެ ކެރިއަރުގައި ކުލަބު ފެންވަރުގައި ކާމިޔާބު ކުރި 700 ވަނަ ލަނޑެވެ.

ޔުނައިޓެޑަށް ކުރިއަށް ދެން އޮތީ ބުރާސްފަތި ދުވަހުގެރޭ ޔޫރަޕާ ލީގުގައި ކުޅެން އޮތް މެޗެވެ.