ބޮލީވުޑްގެ ބަތަލާ ސުޝްމިތާ ސެން އިތުރު ވެބް ސީރީސްއަކަށް ސޮއިކޮށްފައިވާ ކަމަށް ބަތަލާ ބުނެފިއެވެ.

ދާދިފަހުން ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ގެނެސްދިން ވެބް ސީރީސް "އާރްޔާ" އިން ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ބަތަލާވަނީ ހޯދާފައެވެ.

ސުޝްމިތާ ސެން އިތުރު ސީރީސްއަކަށް ސޮއިކުރިކަން ކަށަވަރުކޮށްދީފައި މިވަނީ "އާރްޔާ" ގެ 3 ވަނަ ސީޒަން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަކަމަށް ބުނެފައިވަނިކޮށެވެ.

ސުޝްމިތާ އަލަށް ސޮއިކޮށްފައިވަނީ އިންޑިއާގެ ތާލީއަށް ނިސްބަތްވާ ޓްރާންސްޖެންޑާ އެކްޓިވިސްޓް ޝްރީގޯރީ ސާވަންތުގެ ހަޔާތުގެ މައްޗަށް ބިނާކޮށްގެން ގެނެސްދޭ ސީރީސްއަކަށެވެ. މިސީރީސްގެ ނަމަކީވެސް "ތާލީ" އެވެ.

މިސީރީސް ޑައިރެކްޓްކުރާނީ މާރާތީ ޑައިރެކްޓަރެއް ކަމަށްވާ ރަވީ ޖާދަވްއެވެ.

ސުޝްމިތާގެ މިސީރީސްއަކީ، ވަރަށް ޗެލެންޖިންގް ރޯލެއް ކުޅެންޖެހޭ ސީރީސްއެއްކަމުގައި ބަތަލާވަނީ ބުނެފައެވެ. އެހެންނަމަވެސް މިޗެލެންޖާ ކުރިމަތިލާން ތައްޔާރަށްހުރިކަމަށް ސުޝްމިތާވަނީ ބުނެފައެވެ.

މީގެއިތުރުން ޝްރީގޯރީވެސް ބުނެފައިވަނީ އޭނާގެ ބައޯގްރަފީއެއް އުފައްދާނަމަ އެރޯލު އެންމެ ފުރިހަމައަށް އަދާކުރެވޭނީ ބަތަލާ ސުޝްމިތާ ސެންއަށް ކަމުގައި ގަބޫލުކުރާ ކަމުގައެވެ.

މިސީރީސްގައި ސުޝްމިތާ ފެނިގެންދާނެގޮތުގެ ފޮޓޯއެއްވެސް އާއްމުންނަށް ދައްކާލާފައިވާއިރު، ޝްރީގޯރީފަދަ ހިތްވަރުގަދަ މީހެއްގެ ވާހަކަ ކިޔައިދޭން ލިބުނު ފުރުޞަތަކީ ލިބުނު ފަޚުރެއްކަމަށް ސުޝްމިތާވަނީ ބުނެފައެވެ.

މިސީރީސްގެ ކެރެކްޓާއަށް ފެތުމުގެގޮތުން ޓްރާންސްޖެންޑާ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އެމީހުންގެ ބަހުރުވަ ދަސްކުރުމަށް ހާއްސަ ތަމްރީނުތަކެއް ސުޝްމިތާ ހަދާނެއެވެ.

ގޯރީ ސާވަންތުގެ ހަޔާތުގެ ދަތުރު ދައްކުވައިދޭ މިސީރީސްގައި އޭނާ އެޑަޕްޓްކޮށްފައިވާ ދަރިފުޅު ގަޔަތްރީއާއި ގޯރީގެ ހަޔާތުގެ ވާހަކަތައްވެސް މިސީރީސްއިން ފެނިގެންދާނެއެވެ.

މިސީރީސްއާއި ބެހޭ މާބޮޑު ތަފްސީލެއް އަދި ހާމަނުކުރާއިރު ސީރީސް ރިލީޒްކުރާނެ ތާރީޚެއްވެސް އަދި ހާމައެއްނުކުރެއެވެ.