2019 ވަނަ އަހަރު އެމޭޒަން ޕްރައިމްގައި ރިލީޒްކުރި ޓެލެވިޒަން ސީރީސް "ފޯ މޯ ޝޮޓްސް ޕްލީޒް" ގެ 3 ވަނަ ސީޒަން އިންޑިއާގެ އިތުރުން އިތުރު ދުނިޔޭގެ ހުރިހާ ގައުމެއްގައި ސްޓްރީމްކުރުމަށް ނިންމައިފިއެވެ.

ބައިނަލް އަޤްވާމީ އެމީ އެވޯޑަށްވެސް ނޮމިނޭޓްވެފައިވާ މި ސީރީސްގެ 3 ވަނަ ސީޒަން ފެށޭނީ 2 ވަނަ ސީޒަން ނިމުނު ހިސާބުން ފެށިގެންނެވެ.

މިސީރީސް ބިނާކޮށްފައިވަނީ އިންޑިއާގެ މުމްބާއީގައި ވަރަށް މިނިވަންކަމާއެކު ދިރިއުޅޭ 4 ރަހްމަތްތެރިންގެ ހަޔާތުގައި ހިނގާ ހާދިސާތަކެއްގެ މައްޗަށެވެ. އޭގެތެރޭގައި، ރަހްމަތްތެރިންގެ ލޯބީގެ ދިރިއުޅުމުގެ ވާހަކައާއި ވަޒީފާގެ މާހައުލުގެ އިތުރުން ވަޒީފާގެ މައިދާނުގައި ދިމާވާ ގޮންޖެހުންތައް ހިމެނެއެވެ.

"ފޯ މޯ ޝޮޓްސް" ގެ 3 ވަނަ ސީޒަންގައިވެސް ފެނިގެންދާނީ ކުރީގެ 2 ސީޒަންއިން ފެނިފައިވާ ބަތަލާއިންނެވެ. އެއީ ބަތަލާ ކީރްތީ ކުޅާރީ، ސަޔާނީ ގުޕްތާ، މާންވީ ގަގްރޫ އަދި ބާނީ ޖޭއެވެ. މީގެއިތުރުން މިފަހަރުގެ ސީޒަންއިން ޕްރަތީކް ބައްބަރްއާއި ކުރީގެ ބަތަލާ ލީސާ ރެއި އަދި ރަޖީވް ސިދާތް ފަދަ ތަރިން ފެނިގެންދާނެއެވެ.

މިސީރީސްއަށް އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުންވެސް ބޮޑު މަގުބޫލުކަމެއް ލިބިފައިވާއިރު ސީޒަން 3 އަށް އިންތިޒާރުކުރާ ފަރާތްތަކަށް މިފަހަރުގެ ސީޒަންއިންވެސް ވަރަށް ތަފާތު ވާހަކަތަކެއް ކިޔައިދޭނެކެމަށް އެމޭޒަން ޕްރައިމްއިންވަނީ ބުނެފައެވެ.

މިސީރީސްގައި މަސައްކަތްކުރާ 70 ޕަސެންޓް ތަރިންނަކީ އެމޭޒަންގެ އިތުރު އެހެން ޕްރޮޖެކްޓްތަކުގައިވެސް މަސައްކަތްކުރާ ފަރާތްތަކެއްކަމަށް އެމޭޒަންއިންވަނީ ބުނެފައެވެ.

މިސީރީސްގެ 3 ވަނަ ބައެއް އުފެއްދުމަށް އެންމެބޮޑަށް ލިބުނު ހިތްވަރަކީވެސް ބެލުންތެރިންގެ ފަރާތުން ކުރީ 2 ސީޒަނަށް ލިބުނު މަގުބޫލުކަން ކަމަށްވެސް އެމޭޒަންގެ އިންޑިއާގެ ގޮފީގެ އިސްވެރިޔާ އަޕަރްނާ ޕުރޯހިތްވަނީ ބުނެފައެވެ.

ކުރީގެ 2 ސީޒަންވެސް ހިމެނިފައިވަނީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން އެމޭޒަން ޕްރައިމްއިން ބެލި ސީރީސްގެ ތެރޭގައެވެ.

ފޭނުން ސިފަކުރާގޮތުގައި "ފޯ މޯ ޝޮޓްސް" ސީރީސްއަކީ ހޮލީވުޑްގެ ކާމިޔާބު ޑްރާމާ ސީރީސް "ސެކްސް އެންޑް ދަ ސިޓީ" ގެ އިންޑިއަން ވާޝަންއެވެ.