މިމަހު 28 ވަނަ ދުވަހުގެ ރޭ އިތުރު ކަމެއް އޮތުމުން، ބައިސްކޯފުން ކުރިއަށް ގެންދާ ސިލްސިލާ މިއުޒިކީ ޝޯވ "ޗަނާޗާ"ގެ 2022 ވަނަ އަހަރުގެ އެޑިޝަން ފަސްކޮށްފިއެވެ.

މިމަހުގެ 28 ވަނަ ދުވަހުގެ ރޭ މާލޭގައި މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކު (މުފްތީ މެންކު)ގެ ދީނީ ދަރުހެއް ބާއްވަން ވަނީ ނިންމާފައެވެ. ބެލެވޭ ގޮތުގައި އެރޭ ބާއްވާ ގޮތަށް ހަމަޖެހުނު "ޗަނާޗާ" ޝޯވ ލަސްކުރީ ދަރުސް އޮންނާތީއެވެ.

އަމިއްލަ އުފެއްދުންތަކަށް އިސްކަންދީގެން ބައިސްކޯފުން ކުރިއަށްގެންދާ ޗަނާޗާއަކީ ގިނަ ފަންނާނުންތަކެއް ފެނިގެންދާ މިއުޒިކް ޝޯވއެކެވެ. ފުރަތަމަ ޗަނާޗާ ޝޯވ ބާއްވާފައިވަނީ 2018 ވަނަ އަހަރެވެ. އަދި އޭގެފަހުން 2019 ވަނަ އަހަރުވެސް ފޯރިގަދަ ޗަނާޗާ ޝޯވއެއް ބޭއްވިއެވެ.

މިހިނގާ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުގެ ހަވީރު 04:00 އިން 06:00 އަށް އަދި ރޭގަނޑު 08:00 އިން 12:00 އަށް ހުޅުމާލޭ ސްޓޭޑިމްގައި ބޭއްވުމަށް އަލުންތާވަލުކޮށްފައިވާ މިޝޯވއަކީ ޗަނާޗާގެ 3 ވަނަ ޝޯވއެވެ.

ޗަނާޗާއަކީ މިއުޒިކް ދުނިޔޭގެ މިހާރު ފުންނާބު އުސް ފަރާތްތަކުގެ ހުނަރު ދައްކާލުމުގެ އިތުރުން ދިވެހި ފަންނާނުންނަށް ފުރުސަތުތައް ހޯދައި ދިނުމަށް ބާއްވާ ޝޯވއެކެވެ. އަދި މިއީ އާޓިސްޓުންގެ އަމިއްލަ އުފެއްދުންތައް ދައްކާލުމަށް މަގުފަހިކޮށްދިމުގެ ބޭނުމުގައި ކޮންމެ އަހަރަކު ބާއްވަން ޙުޅުވާޅި ޕްލެޓްފޯމެކެވެ.

ނަމަވެސް ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން 2020 އަދި 2021 ވަނަ އަހަރު މި ޝޯވ ބައްވާފައެއް ނުވެއެވެ.

މިފަހަރުގެ ޝޯވގައި އާންމުންގެ މެދުގައި މަގުބޫލު މިއުޒިކް ބޭންޑްތައް ކަމަށްވާ ޓްރެފިކް ޖޭމް، ރެވިއޯ، ސިމްބޮލިކް ރެކޯޑްސް، ސްކައި ރޮކް، އަޗީޝިއާ، އެކުއަޓިކް ވައިބް، ފަސީ ލައިވް އިން ހުނަރު ދައްކާލާނެއެވެ. ހަމައެހެންމެ، ކޭޖޭ، ޔާނީ، ތަސް، އަދި ބޮކިޓޯ ފަދަ ފަންނުވެރިންގެ ހުނަރު ވެސް މިޝޯވގައި ފެނިގެންދާނެއެވެ. އަދި މިފަހަރުގެ ޝޯވގައި ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ޑި ސިލްވާ ވެސް ޕަފޯމްކުރާނެއެވެ. ޔޮހާނީއަކީ "މަނިކޭ މަގޭ ހިތޭ" ލަވައިގެ ކަވާއެއް ހެދުމުން ކުއްލި ގޮތަކަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ފަންނާނެކެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ މިއަހަރުގެ ޝޯވގައި ތަފާތުތަކެއް ހުންނާނެކަން ފާހަގަކުރަމުން ބައިސްކޯފުން ބުނީ "އެކި ރޭންޖް" ތަކުގެ ފަންނާނުން މި އަހަރުގެ ޝޯވގައި ވެސް ފެނިގެންދާނެ ކަމަށެވެ. އަދި އަންނަ އަހަރުވެސް އިރާދަކުރެއްވިއްޔާ ޗަނާޗާ ޝޯވ އެއް ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށާއި، މުސްތަގުބަލުގައި ޗަނާޗާ އަކީ "ވަރަށް ބޮޑު ވެގެންދާނެ" ޝޯވއެއް ކަމަށް އުންމީދު ކުރާ ކަމަށް ބައިސްކޯފުން ބުނެއެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގައި އުޅޭ އެކި ކަހަލަ ފަންނާނުންނަށް ޗަނާޗާގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.