މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.

ކުރިއަށް އޮތް 7 ދުވަހުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން މީގެ 4 ވަރަކަށް ދުވަސް ކުރިން "ވީނިއުސް"އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ. އޭރު މެޓް އޮފީހުން "ވީނިއުސް" އާއި ވާހަދެއްކި މީޓްރޮލިޖިސްޓަކު ވިދާޅުވީ، ކުރިއަށް އޮތީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެއް ކަމަށެވެ. އަދި ކުރިއަށް އޮތް 7 ވަރަކަށް ދުވަހު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކަނޑާއި ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.

މިއަދު ވެސް މެޓް އޮފީހުން ބުނީ، މޫސުމަށް މާ ބޮޑު ބަދަލުތަކެއް ނާންނަ ކަމަށެވެ. މޫސުން އެންމެ ގޯހީ މެދުރާއްޖެތެރެއާއި އުތުރަށް ކަމަށް މެޓުން ބުނެއެވެ. އެސަރަހައްދުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށިގެންވާ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދިނެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިދުވަސްވަރު އާންމު ގޮތެއްގައި ވައިޖެހޭނީ ހުޅަނގާ ހުޅަނގު އުތުރުން ގަޑިޔަކު 10 މޭލާއި 20 މޭލާ ދެމެދުގައެވެ. ވިލާގަނޑުގައި ގަޑިޔަކު 35 މޭލާއި 40 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވެއެވެ.

ރާއްޖެ ސަރަހައްދަށް މިދުވަސްވަރު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭއިރު ކުރިއަށް އޮތް 4 ވަރަކަށް ދުވަހުގެ ތެރޭގައި މޫސުމީ ސަމާލުތައް ނެރުމަކީ އެކަށީގެންވާ ކަމެކެވެ. މޫސުން ގޯސްވެއްޖެނަމަ އާންމު ގޮތެއްގައި ހުދު ސަމާލު ނެރޭއިރު، ވަކި ވަރަކަށް ވުރެ ވައިބާރުވެ ކަނޑުތައް ގަދަވެއްޖެނަމަ ރީނދޫ ސަމާލު ނެރޭނެއެވެ. މިއަދު ވެސް ރާއްޖޭގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވެއެވެ. އެއީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅު ހިމެނޭ ސަރަހައްދަށެވެ.

މުޅި ރާއްޖެއަށް މޫސުން އަލިވާނެ ކަމަށް ބެލެވެނީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

ކޮންމެ ދުވަހެއްގެ މޫސުމާބެހޭ މަޢުލޫމާތުތައް އާއްމުންނާ ހަމައަށް ތާޒާކޮށް ގެނެސްދިނުމަށް މެޓް އޮފީހުން މުހިންމު މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން މޫސުމީ މަޢުލޫމާތު ގެނެސްދިނުމަށް މެޓް އޮފީހުގައި ސްޓޫޑިއޯއެއް ހަދާ، އެ މަޢުލޫމަތު ވީޑިއޯ ހިމެނޭހެން މީޑިއާތަކަށް ދަނީ ފޯރުކޮށްދެމުންނެވެ.

އަދި ކޮމިއުނިޓީ ވައިބަރ ގްރޫޕާ އަދި ވެބްސައިޓް މެދުވެރިކޮށް މި މަޢުލޫމާތުތައް އަބަދުވެސް ދަނީ އަޕްޑޭޓްކުރަމުންނެވެ.

އެހެންކަމުން ދަތުރަކަށް ފެއްޓެވުމުގެ ކުރިން މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަކީ އެންމެ އެދެވޭ ކަމެކެވެ.