ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ޗީފް ކޮމިޝަނަރ އަލްމަަރްޙޫމް ހުސައިން އަބްދުﷲ (ކެންދޫ) ގެ އާއިލާގެ ފަރާތުން ދިވެހި ސްކައުޓް ޖަމްއިއްޔާ (އެސްއޭއެމް) އަށް ފައިސާގެ އެހީއެއް ދީފިއެވެ.

ޖުމްލަ 37،000ރ (ތިރީސް ހަތްހާސް ރުފިޔާ) ގެ މިއެހީ ސްކައުޓް އެސޯސިއޭޝަނާ ހަވާލުކޮށްދެއްވީ އަމީނިއްޔާ ސްކޫލްގައި މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ.

މަރްހޫމް ހުސައިން އަބްދުﷲގެ އާއިލާގެ ފަރާތުން ފައިސާގެ އެހީގެ ރަމްޒީ ލިއުން ސްކައުޓް އެސޯސިއޭޝަނާ ހަވާލުކޮށްދެއްވީ ޝިފާޒާ އަބްދުއްސަމަދުއެވެ. ދިވެހި ސްކައުޓް ޖަމްއިއްޔާގެ ފަރާތުން ފައިސާގެ އެހީގެ ލިއުމާ ހަވާލުވެލެއްވީ ސްކައުޓް އެސޯސިއޭޝަންގެ ނައިބު ރައީސާ ފާތިމަތު ޝެހެޒިނީއެވެ.

މަރްހޫމް ހުސައިން އަބްދުﷲގެ އާއިލާގެ ފަރާތުން ހަދިޔާކުރި މިފައިސާއަކީ ރާއްޖޭގެ ސްކައުޓުންނާއި، ސްކައުޓް ލީޑަރުންގެ ކުރިއެރުމާއި ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުންނާއި މަަރްޙޫމް ހުސައިން އަބްދުﷲގެ ޛިކުރާ އާކުރުމަށް އާއިލާއިން ދެއްވި އެހީއެކެވެ.

ހުޞައިންގެ އާއިލާގެ ފަރާތުން އެސްއޭއެމްއަށް ފައިސާ ހަވާލުކުރަން ބޭއްވި ހަފުލާގެ ތެރެއިން --- ފޮޓޯ: ޒިދާން މުޙައްމަދު/ ވީނިއުސް

މިއަދުގެ ހަފުލާގައި، ސްކައުޓް ޖަމްއިއްޔާގެ ބައެއް އިސްވެރިންނާއި މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ސްކައުޓް ގްރޫޕްތަކުގެ ބައެއް ލީޑަރުންނާއި، ގިނަ އަދަދެއްގެ ރޯވާ ސްކައުޓުން އަދި ސްކައުޓުންނާއި ކަބް ސްކައުޓުންވެސް ބައިވެރިވިއެވެ.

ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކަމިޝަނަރުކަމާއި، އަރަބއިްޔާ ސްކައުޓް ގްރޫޕްގެ ރޯވަރ އެޑްވައިޒަރުގެ މަގާމުވެސް ފުރުއްވި ހުސައިން އަބްދުﷲ އަވަހާރަވިއިރު ހުންނެވީ އަރަބިއްޔާގެ ސްކައުޓް ޅީޑަރުކަމަުގައެވެ.

ހުސައިން އަބްދުﷲ އަވަހާރަވެފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. އަވަހާރަވިއިރު އުމުރަކީ 45 އަހަރެވެ.

އޭދަފުށީގައި ހުންނަ ބ. އަތޮޅު ތައުލީމީ މަރުކަޒާއި، އަހްމަދިއްޔާ ސްުކޫލުން ތައުލީމު ހާސިލް ކުރެއްވި ހުސައިން އަބްދުﷲއަކީ، ރޯވަރ ސްކައުޓް އުމުރުފުރާގައި ހާސިލްކުރާ އެންމެ މަތީ އެވޯޑް ކަމަށްވާ ބޭޑްން ޕަވަލް އެވޯޑް އެންމެ ފުރަތަމަ ހާސިލްކުރި ރާއްޖޭގެ ދެ ރޯވަރ ސްކައުޓުންގެ ތެރެއިން އެކެކެވެ.

މަރްހޫމް ހުސައިން ޢަބްދުﷲ ސްކައުޓާމެދު ބެހެއްޓެވި ލޯތްބާއި އެ ހަރަކާތުގެ ކުރިއެރުމަށް ކުރެއްވި މަސައްކަތްތަކުގެ ޛިކުރާ އައުކުރުމުގެ ގޮތުން، އާއިލާގެ ފަރާތުން ސްކައުޓް އެސޯސިއޭޝަނަށް ވެދިން ފައިސާގެ އެހީ ހަވާލުކުރުމުގެ ހަފްލާ ބާއްވާފައިވަނީ އަމީނިއްޔާ ސްކޫލްގައި މިއަދު ކުރިއަށްގެންދިޔަ ޖަމްބަރީ އޮން ދަ އެއަރ- ޖަމްބަރީ އޮން ދަ އިންޓަރނެޓް (ޖޮޓާ/ޖޮޓީ) 2022 ހަރަކާތުގެ ހަވާސާގެ ތެރެއިންނެވެ.

ޖޯޓާޖޯޓީ ހަރަކާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ޢުމުރުފުރާތަކުގެ ސްކައުޓުން އިންޓަރނެޓް އަދި ރޭޑިއޯ މެދުވެރިކޮށް ގުޅުވާލައިދޭ މިފަދަ އެންމެ ބޮޑު ހަރަކާތެވެ. ކޮންމެ އޮކްޓޫބަރު މަހެއްގައި ބާއްވާ މިހަރަކާތް މިއަހަރު ބާއްވަނީ މި އޮކްޓޫބަރު މަހުގެ 14 އިން 16 އަށެވެ.

މި ހަރަކާތުގައި 172 އަށްވުރެ ގިނަ ޤައުމުތަކުން ދެ މިލިޔަނަށްވުރެ ގިނަ ސްކައުޓުން ބައިވެރިވެއެވެ.

ދިވެހި ސްކައުޓް ޖަމްއިއްޔާއިން އިންތިޒާމުކޮށްގެން މިހަރަކާތް ރާއްޖޭގައި މިއަދު ފެށިފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ސްކައުޓުންނަށްވެސް ވަރޗުއަލްކޮށް މި ހަރަކާތުގައި ބައިވެރިވެވޭނެއެވެ.

ޖޮޓާ/ޖޮޓީ 2022، ރާއްޖޭގައި ރަސްމީގޮތުން މިއަދު ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.