ސްކައުޓް ހަރަކާތުން ކުދިންނަށް ޒިންމާދާރުވާން ދަސްވުމާއި، ދިރިއުޅުމުގެ ހުނަރުތައް ދަސްވުން ފަދަ އެތައް ފައިދާތަކެއް ލިބޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ޖަމްބަރީ އޮން ދަ އެއަރ- ޖަމްބަރީ އޮން ދަ އިންޓަރނެޓް (ޖޮޓާޖޮޓީ) 2022، ރާއްޖޭގައި ރަސްމީ ގޮތުން މިއަދު ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު މެންދުރުފަހު އަމީނިއްޔާ ސްކޫލްގައި ބޭއްވި އެރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވަނީ ސްކައުޓް ހަރަކާތަކީ މިއަދާ ހަމައަށް ފަނޑުވުމެއް ނެތި ކުރިއަރަމުން އަންނަ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އެއް ހަރަކާތްކަމާއި، އަދި އެހަރަކާތް އެގޮތުގައި ކުރިއަރައިދަނީ ޤައުމުތަކާއި، މުޖުތަމަޢަށް އަދި ވަކިވަކި ފަރުދުންނަށްވެސް މިހަރަކާތުގެ ސަބަބުން ގިނަ ގުނަ ފައިދާތަކެއް ލިބިގެންދާތީކަން ފާހަގަކުރައްވާފައެވެ.

ޖޯޓާޖޯޓީ ހަރަކާތުގައި ނައިބު ރައީސް ލަންކާގެ ސްކައުޓުންނާއި ވާހަކަދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް މީޑިއާ

އެގޮތުން މިއަދު ފެށުނު ޖަމްބަރީއާ އެކުވެސް ރާއްޖޭގެ އެކި ރަށްރަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސްކައުޓުންގެ މެދުގައި ރަޙްމަތްތެރިކަމުގެ ގުޅުން އުފެދިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ކުދިންނަށް ޒިންމާދާރުވާން ދަސްވުމާއި، ދިރިއުޅުމުގެ ހުނަރުތައް ދަސްވުން ފަދަ އެތައް ފައިދާތަކެއް ސްކައުޓް ހަރަކާތުން ލިބިގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ދިރިއުޅުމުގައި ޚަރަދު ކުޑަކުރުމާއި، ރަނގަޅު ގޮތުގައި ކުނިމެނޭޖްކުރުމާއި، ވެށި ސާފުކޮށް ބެލެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ.

ޖޮޓާޖޮޓީ 2022 ރާއްޖޭގައި ރަސްމީގޮތުން ހުޅުވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެމެޗަރ ރޭޑިއޯ މެދުވެރިކޮށް ސްރީލަންކާގައި ތިބި ސްކައުޓުންނަށް މެސެޖެއް ފޮނުއްވާފައެވެ.

ޖޯޓާޖޯޓީ ހަރަކާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ޢުމުރުފުރާތަކުގެ ސްކައުޓުން އިންޓަރނެޓް އަދި ރޭޑިއޯ މެދުވެރިކޮށް ގުޅުވާލައިދޭ މިފަދަ އެންމެ ބޮޑު ހަރަކާތެވެ. ކޮންމެ އޮކްޓޫބަރު މަހެއްގައި ބާއްވާ މި ހަރަކާތް މިއަހަރު ބާއްވަނީ މި އޮކްޓޫބަރު މަހުގެ 14 އިން 16 އަށެވެ.

މި ހަރަކާތުގައި 172 އަށްވުރެ ގިނަ ޤައުމުތަކުން ދެ މިލިޔަނަށްވުރެ ގިނަ ސްކައުޓުން ބައިވެރިވެއެވެ. ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މިހަރަކާތް ރާއްޖޭގައި މިއަދު ފެށިފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ސްކައުޓުންނަށްވެސް ވަރޗުއަލްކޮށް މި ހަރަކާތުގައި ބައިވެރިވެވޭނެއެވެ.