ޑައިރެކްޓަރު ސާޖިދް ނަދިއަދްވާލާގެ މަގުބޫލު ކޮމެޑީ ފްރެންޗައިޒް "ހައުސްފުލް" ގެ 5 ވަނަ ބައެއް އުފައްދަން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިފަހަރުގެ ބައި ވަރަށް ހާއްސަވާނެކަމަށް ރިޕޯޓުތައް ބުނާއިރު މިފިލްމުގެ 5 ވަނަ ބައިގައި މި ފްރެންޗައިޒްއިން މީގެކުރިން ފެނިގެންދިޔަ ހުރިހާ ތަރިންވެސް ބައިވެރިވާނެއެވެ. އެހެންކަމުން "ހައުސްފުލް5" ގެ މިފަހަރުގެ ކާސްޓިން ފުދޭވަރަކަށް ބޮޑުވާނެއެވެ.
މިފަހަރުގެ ފިލްމުން ފެންނާނެކަމަށް ކަށަވަރުވެފައިވާ ތަރިންގެތެރޭގައި، އެކްޓަރު އަކްޝޭ ކުމާރް، އަބީޝެކް ބައްޗަން، ޖޯން އަބްރަހަމް އަދި ބޮބީ ޑިއޯލް ހިމެނެއެވެ.
ފިލްމު "ހައުސް ފުލް4" އަށްފަހު ޕްރޮޑިއުސަރު/ޑައިރެކްޓަރު ސާޖިދް ނަދިއަދްވާލާ މަސައްކަތްކުރީ 5 ވަނަ ބައިގައި ކުރީގެ ބައިތަކުން ފެނުނު ހުރިހާ ތަރިންވެސް ހިމަނައިގެން ގެނެސްދެވޭނެ ސްކްރިޕްޓެއް އެކުލަވާލުމަށެވެ. އަދި މިހުރިހާ ތަރިންގެވެސް ދުވަސްތައް ޝެޑިއުލްކުރުމަށްވެސް ދުވަސްކޮޅެއް ނެގިކަމަށް ރިޕޯޓުތައް ބުނެއެވެ.
"ހައުސްފުލް5" ގެ ސްކްރީންޕްލޭ ނިމުނުހާ އަވަހަށް ފިލްމުގެ މަސައްކަތް ފެށޭނެކަމަށް ނަދިއަދްވާލާ ގްރޭންޑްސަންއާއި ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
މިފްރެންޗައިޒްގެ ހުރިހާ ބައިތަކުންވެސް މިހާތަނަށް ފެނިފައިވާ ތަރިންނަކީ، އަކްޝޭ ކުމާރް އަދި ރިތޭޝް ދޭޝްމުކްއެވެ. މީގެ 2 ވަނަ ބައިން ޖޯން އަބްރަހަމް އަދި 3 ވަނަ ބައިން އަބީޝެކް ބައްޗަން ފެނިފައިވާއިރު 4 ވަނަ ބައިން އެކްޓަރު ބޮބީ ޑިއޯލްވަނީ ފެނިފައެވެ.
ސާޖިދް ނަދިއަދްވާލާގެ ވިސްނުންހުރީ ފިރިހެން ތަރިންނާއެކު ކުރީގެ ބައިތަކުން ފެނުނު ބަތަލާއިންވެސް މިފަހަރުގެ ބައިގައި ގެނެސްދިނުމަށެވެ. އެހެންކަމުން މިފިލްމަކީ ގިނަ ތަރިންތަކެއް އެއް ފިލްމަކުން ފެނިގެންދާނެ ވަރުގަދަ ޕްރޮޖެކްޓަކަށް ވެގެންދާނެއެވެ.
މިފްރެންޗައިޒްގެ ހުރިހާ ބައިތަކަކީވެސް ޕްރޮޑިއުސަރު ސާޖިދްގެ އަމިއްލަ ފިލްމު ކުންފުނި ނަދިއަދްވާލާ ގްރޭންޑްސަންއިން ގެނެސްދޭ ފިލްމުތަކެކެވެ.
ސާޖިދް ނަދިއަދްވާލާ އަމިއްލައަށް ސްކްރިޕްޓް ލިޔެ ތައްޔާރުކޮށްފައިވާއިރު ހުރިހާ ބައެއް ޕްރޮޑިއުސް ކޮށްފައިވަނީވެސް ސާޖިދްއެވެ.