2003 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ކަލްހޯނާ ހޯ" ގެ ޑައިރެކްޓަރު ނިކިލް އަދްވާނީގެ ކުރިޔަށްއޮތް ފިލްމީ ޕްރޮޖެކްޓްގެ އެކްޓަރަކީ އަބީޝެކް ބައްޗަންކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޚަބަރު ލިބޭގޮތުގައި އަބީޝެކްއަށް ފުރުސަތު ލިބިފައިވަނީ ނިކިލް އަދްވާނީގެ އަމިއްލަ ފިލްމު ކުންފުނި އެމްމޭ އެންޓަޓެއިންމަންޓްއިން އުފައްދާ ޑްރާމާ ފިލްމަކަށެވެ.

އަބީޝެކްއަށް ފިލްމުގެ ސްކްރިޕްޓް ހުށަހަޅާފައިވާއިރު މިހާރު 2 ފަރާތުންވެސްދަނީ މިކަމާބެހޭ މަޝްވަރާތައް ކުރަމުންކަމަށް ރިޕޯޓުތައް ބުނެއެވެ.

ނިކިލް އަދްވާނީ މިފިލްމުގެ ޕްރޮޑިއުސަރެއްގެ ރޯލް އަދާކުރާއިރު ފިލްމު ޑައިރެކްޓްކުރާނީ މީގެކުރިން ނިކިލްއާއެކު ޑައިރެކްޝަންގައި މަސައްކަތްކޮށްފައިވާ ފަރާތެކެވެ.

މިފިލްމުގެ ފުރަތަމަ ޝެޑިއުލް އިންޑިއާގެ ބޯޕާލްގައި ކުރިޔަށްގެންދަންވަނީ ނިންމާފައެވެ.

ޚަބަރު ލިބޭގޮތުގައި އަބީޝެކް ފިލްމުގައި ފެނިގެންދާނީ ފިލްމުގައި ފެންނަ ކުޑަކުއްޖަކާ ދެމެދު އޮންނަ ގާތްގުޅުން ވަރުގަދަ ކުރާ ފަރާތެއްގެ ގޮތުގައެވެ.

އެކްޓަރު އަބީޝެކްގެ ދާދިފަހުން ރިލީޒްވި ފިލްމުތައް ކަމަށްވާ "މަންމަރްޒިޔާން"، "ލުޑޯ" އަދި "ބްރީތް" ގައި އެކްޓަރު ދެއްކި ޕާފޮމެންސަށް ބެލުންތެރިންގެ ތަރުހީބު ވަރަށްބޮޑަށް ލިބިގެންގޮސްފައިވެއެވެ.

އެމޭޒަންއިން ގެނެސްދިން ސީރީސް "ބްރެތް" ގެ 3 ވަނަ ބައިންވެސް އަބީޝެކް ފެންނާނެއެވެ. 3 ވަނަބައި ވަރަށް އަވަހަށް ރިލީޒްކުރެވޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އަބީޝެކް އެންމެ ފަހުން ފެނިފައިވަނީ މިއަހަރުގެ އެޕްރީލްމަހު ރިލީޒްވި ފިލްމު "ދާސްވީ" އިންނެވެ.