ހުށަހަޅާފައިވާ މައްސަލައެއްގައި ހުކުމްކުރުން ލަސްވެގެން މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އައްޑޫ، ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޖިނާއީ މައްސަލައެއްގައި ޚުލާސާ ބަޔާން އިއްވުމަށްފަހު، ހުކުމް ކުރުމުގެ މަޖިލިސް ބާއްވަންޖެހޭކަމަށް ޤާނޫނުގައި ބުނާ މުއްދަތު ފަހަނައަޅާ ދިޔައިރުވެސް މައްސަލައިގައި ހުކުމް ކޮށްފައި ނުވާ ކަމަށެވެ. ޚުލާސާ ބަޔާން އިއްވުމަށްފަހު ހުކުމް ކުރުމުގެ މަޖިލިސް ބާއްވަން ޖެހޭނެކަމަށް ޤާނޫނުގައި ބަޔާން ކޮށްފައިވަނީ 30 ދުވަހުގެ ތެރޭގައި ކަމަށެވެ.
30 ދުވަސް ތެރޭގައި މި މައްސަލައިގެ ހުކުމް ކުރުމުގެ މަޖިލިސް ބާއްވާފައި ނުވާތީވެ، ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
ޖޭއެސްސީން ބުނީ މި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި އެކޮމިޝަނުގެ 69 ވަނަ ޖަލްސާގައި މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ މައްސަލަ ބަލަން ނިންމައި އެ މައްސަލަ ތަޙްޤީޤުކުރުމަށް ކޮމިޓީއެއް ވެސް އެކުލަވާލާފައިވާކަމަށެވެ.
ރާއްޖޭގައި ޝަރުއީ ދާއިރާގައި މިފަދަ މައްސަލަތައް ފެންމަތިވަމުން އަންނަކަމުގެ ޝަކުވާ ރައްޔިތުން ކުރެއެވެ. އެގޮތުން ބައެއް މައްސަލަތައް ކޯޓަށް ހުށަހަޅާ، އެ މައްސަލަ ނިމި ހުކުމް ކުރުމާއިމެދު ގިނަ ދުވަސްތަކެއް ހޭދަވާކަމުގެ ކުރެއެވެ.