މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ބަރްޖަތިޔާގެ ފިލްމު "އޫންޗާއީ" ގެ ފުރަތަމަ ޕޯސްޓަރާއެކު ފިލްމުގެ ތައާރަފެއް ރިލީޒްކޮށްފިއެވެ.
މެގަ ސްޓާ އަމީތާބް ބައްޗަން މުހިއްމު ރޯލްއިން ފެނިގެންދާ މިފިލްމު ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓް ކުރަނީވެސް ސޫރަޖް ބަރްޖަތިޔާއެވެ.
ކެރިއަރުގައި ވަރަށް ރީތި ފިލްމުތަކެއް އުފެއްދި ސޫރަޖްގެ މިފިލްމުގައި އަމީތާބްގެ އިތުރުން ވަރަށް މުހިއްމު ތަރިން ހިމަނާފައިވެއެވެ. އޭގެތެރޭގައި، އެކްޓަރު ބޮމަން އިރާނީ، އަނޫޕަމް ޚޭރް، ޑެނީ ޑެންގްޒޯންގްޕާ، ބަތަލާ ޕަރިނީތީ ޗޯޕްރާ، ނީނާ ގުޕްތާ އަދި ސަރީކާ ހިމެނެއެވެ.
މިފިލްމުގައި ބިނާކޮށްފައިވަނީ އުމުރުން ދުވަސްވެފައިވާ މީހުންގެ މެދުގައި އުފެދިފައިވާ ގާތް ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށެވެ.
ސޫރަޖް މިހާތަނަށް ގެނެސްދީފައިވާ ގިނަ ފިލްމުތަކަކީވެސް އާއިލާ ގުޅުން ވަރަށް ބޮޑަށް ދައްކުވައިދީފައިވާ ފިލްމުތަކެކެވެ. އޭގެތެރޭގައި މަޝްހޫރު ފިލްމު "މެއިނޭ ޕިޔާރު ކިޔާ"، "ހަމް އާޕްކޭހޭ ކޯން"، "ހަމް ސާތް ސާތްހޭ" އަދި "ޕްރޭމް ރަތަން ދަން ޕާޔޯ" ހިމެނެއެވެ.
އަންނަ މަހުގެ 11 ވަނަ ދުވަހު ފިލްމު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނައިރު މިފިލްމުގެ ޕްރޮމޯޝަން މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.
އަމީތާބްގެ އިތުރު ފިލްމުތަކެއް މިއަހަރުތެރޭ ރިލީޒްވެފައިވާއިރު ދާދިފަހުން ބަތަލާ ނީނާ ގުޕްތާއާއެކު ކުޅެފައިވާ ފިލްމު "ގުޑްބާއި" ވަނީ ރިލީޒްކުރެވިފައެވެ.
އަމީތާބްގެ އިތުރު ފިލްމެއްގެ ހަބަރުން ސަޕޯޓަރުންނަށް ބޮޑު އުފަލެއް ލިބިފައިވާއިރު އެކްޓަރުގެ 80 ވަނަ އުފަންދުވަހާއި ގުޅުވައިގެން ފިލްމު ފެސްޓިވަލެއްވެސްވަނީ ކުރިޔަށް ގެންގޮސްފައެވެ.
މިމަހުގެ 11 ވަނަ ދުވަހާއި ހަމައަށް ކުރިޔަށްގެންދިޔަ ފިލްމު ފެސްޓިވަލަށް ބެލުންތެރިންނާއި ސަޕޯޓަރުންގެ ބޮޑު ތަރުހީބެއްވަނީ ލިބިގެންގޮސްފައެވެ.