ސްރީލަންކާގައި މިއަދުވެސް އިންތިޚާބެއް ބާއްވައިފިނަމަ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ – އެސްއެލްޕީޕީ ޕާޓީއަށް އެ އިންތިޚާބެއް ކާމިޔާބު ކުރެވޭނޭ ކަމަށް އެޕާޓީގެ ބާނީ އަދި ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.
މަހިންދަ ރާޖަޕަކްސަ ވިދާޅުވީ، އެސްއެލްޕީޕީ އޮތީ އިންތިޚާބެއް ބާއްވައިފިނަމަ އެ އިންތިޚާބެއްގައި ވާދަކުރަން މިހާރުވެސް ތައްޔާރަށް ކަމަށެވެ.
މަހިންދަ ރާޖަޕަކްސަ މި މޭރުމުން ވާހަކަފުޅު ދެއްކެވީ، އެސްއެލްޕީޕީން އިންތިޒާމުކޮށްގެން "ލެޓްސް ސްޓޭންޑް ޓްގެދަރ" މި ނަމުގައި ފަށާފައިވާ ކެމްޕެއިންގެ ދަށުން ނަވަލަޕިޓިޔާގައި އިއްޔެ ބޭއްވި އާންމު އެއްވުމުގައެވެ.
މަހިންދަ ރާޖަޕަކްސަގެ ތަގްރީރުގައި އޭނާގެ ޕާޓީއަށް ގޯސްތަކެއް ހެދިފައިވާކަމަށް އިއުތިރާފްވެވަޑައި ގެންނެވިއެވެ. މާޒީގައި ކުރިންވެސް މީސްމީހުންނަށް ގޯސްތަކެއް ހެދިފައިވާކަމަށް މަހިންދަ ރާޖަޕަކްސަ ވިދާޅުވިއެވެ.
ސްރީލަންކާގައި ކުރިން ރައީސްކަންވެސް ކުރައްވާފައިވާ މަހިންދަ ރާޖަޕަކްސަ ވިދާޅުވީ، ސްރީލަންކާގެ ރައްޔިތުންގެ ތެރޭގައި އޭނާއާއި، އަދި އެސްއެލްޕީޕީ ޕާޓީއާ ދެކޮޅު ބަޔަކުވެސް އެބަތިބި ކަމަށެވެ. އިންތިޚާބެއްގައި ވާދަކުރައްވާނަމަ ދެކޮޅުވެރިން މާގިނަ ވާނޭ ކަމަށްވެސް ވިދާޅުވިއެވެ.
އެހެން ނަމަވެސް، މިއަދުވެސް އާންމު އިންތިޚާބެއް ނުވަތަ އެހެން އިންތިޚާބެއް ބޭއްވިނަމަވެސް އެސްއެލްޕީޕީން އިންތިޚާބު ކާމިޔާބު ކާމިޔާބު ކުރާނެ ކަމަށާއި، އެއީ ހަގީގަތެއް ކަމަށް މަހިންދަ ރާޖަޕަކްސަ ވިދާޅުވިއެވެ.
މަހިންދަ ރާޖަޕަކްސަގެ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ – އެސްއެލްޕީޕީ ޕާޓީން ނަވަލަޕިޓިޔާގައި އިއްޔެ ބޭއްވި އެއްވުމާ ދިމާކޮށް މަހިންދަ ރާޖަޕަކްސައާ ދެކޮޅަށް އަޑުއުފުލައި، އެއްވުން ބޭއްވި ސަރަހައްދުގައި އިދިކޮޅު އެސްޖޭބީ ޕާޓީއަށް ނިސްބަތްވާ ގިނަބަޔަކު ވަރުގަދަ މުޒަހާހަރާއެއްވެސް ކޮށްފައި ވެއެވެ.
މަހިންދަ ރާޖަޕަކްސަގެ ޕާޓީގެ އެއްވުމާ ދެކޮޅުހަދައި އާންމުން މުޒާހަރާ ކުރަން ފެށުމުން، ފުލުހުންވަނީ އެއީ، ހުއްދަނެތި ކުރާ މުޒަހަރާއެއް ކަމަށް ބުނެ އެއްވުން ރޫޅާލަން މަސައްކަތް ކޮށްފައެވެ.
މިކަމުގެ ތެރޭގައި މަސްރަހް ވަރަށް ބޮޑަށް ހޫނުވެގެންދިޔައިރު، ފުލުހުންވަނީ، އިދިކޮޅުގެ މުޒާހަރާ އިންތިޒާމުކުރި އިސް މީހުންނާއި، އެތައްބަޔަކުވެސް ހައްޔަރުކޮށްފައެވެ.